Roadha Mihaaru
މިއަދު ވެސް އެކްސިޑެންޓްވީ ޑްރައިވަރު ނިދި ޖެހިގެން

މިއަދު ވެސް އެކްސިޑެންޓް ހިނގީ ބަސް ޑްރައިވަރު ނިދިޖެހިގެން: ޕޮލިސް

09 މެއި 2019

ހުޅުމާލޭގައި، އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހިގެން މިއަދު ވެސް އެކްސިޑެންޓު ހިނގީ ބަސް ދުއްވި ޑްރައިވަރު ނިިދި ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި، އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހިގެން މިއަދު ވެސް އެކްސިޑެންޓު ހިނގީ ބަސް ދުއްވި ޑްރައިވަރު ނިިދި ޖެހިގެން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހޯމަ ދުވަހު ވެސް އެމްޓީސީސީގެ ޑްރައިވަރަކު ނިދި ޖެހިފައި އިނދެ ބަސް ދުއްވަނިކޮށް، އެ ބަހުގެ ދަށުވެ ޔޫކްރެއިން އަންހެން ޓޫރިސްޓަކު ހުޅުމާލޭގައި ވަނީ މަރުވެފަ އެވެ. މި ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ހެނދުނު ހިނގި އެ އެކްސިޑެންޓާ ގުޅިގެން ދިވެހި ޑްރައިވަރު މިހާރު ހުރީ ހައްޔަރުކޮށްފަ އެވެ.

ހުޅުމާލޭގެ ނިރޮޅުމަގުން ހަބީބު ބޭންކް ކައިރީގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި ބަހުން ޖެހުނީ ދުއްވާފައި ދިޔަ ޓެކްސީއެއްގެ ފަހަތުގަ އެވެ. އެއާ އެކު، ޓެކްސީގެ ކުރީގައި އޮތް ޕިކަޕެއްގައި ޓެކްސީން ވެސް ޖެހި ގެއްލުންތަކެއް ވެފައިވާ މަންޒަރު ފޮޓޯތަކުން ފެނެ އެވެ. މި އެކްސިޑެންޓުގައި ކާރަށާއި ބަހަށް ވެސް ގެއްލުން ވެފަ އެވެ. އޭގެ ތެރެއިން ބޮޑަށް ގެއްލުން ވެފައި ވަނީ ކާރަށެވެ. އެގޮތުން ބަހުން ޖެހުމުން ކާރުގެ ފަހަތް ހަލާކުވެފައިވާއިރު، ކުރިމަތީގައި އޮތް ޕިކަޕުގައި ޖެހި ކާރުގެ ސައިޑް ލޯގަނޑާ ދިމާލަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ.

ކާރުގެ ފަހަތުގައި ބަހުން ޖެހުމުން އައި ޝޮކުގައި، ކުރީގައި އޮތް ޕިކަޕުގައި ކާރުން ޖެހި ގެއްލުންވެފައި.

ކާރުގެ ފަހަތުގައި ބަހުން ޖެހުމުން އައި ޝޮކުގައި، ކުރީގައި އޮތް ޕިކަޕުގައި ކާރުން ޖެހި ގެއްލުންވެފައި.

ފުލުހުން ބުނީ އެ ހާދިސާ ވެސް ހިނގީ ބަސް ޑްރައިވަރު ނިދި ޖެހިފައި ހުރުމުން ކަމަށް މައުލޫމާތު ލިިބިފައިވާ ކަމަށެވެ. އެކަމަކު އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

ނިދާފައި އިން ޑްރައިވަރު ދުއްވާފައި ދިޔަ ބަހުގެ ދަށުވެ، އުމުރުން 31 އަހަރުގެ ޔުކްރެއިނުގެ ޓޫރިސްޓު އަންހެން މީހާ މަރުވި މައްސަލައިގައި އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު "މިހާރު" އަށް ވިދާޅުވެފައި ވަނީ ޑްރައިވަރުންގެ ޑިއުޓީގެ އަށް ގަޑިއިރުގެ ތެރެއިން ދުއްވަން ޖެހޭނީ ހަތަރު ގަޑިއިރަށް ކަމަށެވެ.

"އަނެއް ހަތަރު ގަޑިއިރަކީ ސްޓޭންޑްބައިގައި ތިބޭ ހަަތަރު ގަޑިއިރު،" މިދިޔަ ހޯމަ ދުވަހު ޝާހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވެފައި ވަނީ މަސައްކަތުގެ މާހައުލު މިހާރު ވެސް ވަރަށް ރަނގަޅު ކަމަށާއި އެކަމަކު ޑްރައިވަރުންގެ ފެންވަރު މަތިކުރުމަށް އިތުރު ތަމްރީނު ދޭނެ ކަމަށެވެ.

ހުޅުމާލޭގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އެމްޓީސީސީގެ ބަހުގެ ކުރީކޮޅަށް ގެއްލުން ވެފައި: މި ބަހުގެ ޑްރައިވަރު އިނީ ނިދާފައި ކަމަށް ފުލުހުން ބުނޭ.

ހުޅުމާލޭގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި އެމްޓީސީސީގެ ބަހުގެ ކުރީކޮޅަށް ގެއްލުން ވެފައި: މި ބަހުގެ ޑްރައިވަރު އިނީ ނިދާފައި ކަމަށް ފުލުހުން ބުނޭ.

އެމްޓީސީސީގެ ބަހެއް ދަށުވެ، މަރުވި ޔޫކްރެއިންގެ އަންހެން މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް އަނބުރާ ފޮނުވާލުމާއި އޭނާގެ އާއިލާ ރާއްޖެ އައިސް ތިބޭ ތިބުމުގައި އެހީތެރިވުމަށް އެމްޓީސީސީން މިހާރު ވަނީ ނިންމައިފަ އެވެ.