Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރު

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަ އަންހެންކުއްޖަކު މަރުވެއްޖެ

12 ނޮވެމްބަރ 2019

ހުޅުމާލޭގައި ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި މިރޭ ސައިކަލަކާއި އެމްޓީސީސީގެ ބަހެއް ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

ހުޅުމާލޭގައި ނިރޮޅު މަގުން، ބްރިޖަށް އަރާ ހިސާބުގައި މިރޭ ސައިކަލަކާއި އެމްޓީސީސީގެ ބަހެއް ޖެހި، ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ކ. ތުލުސްދޫ ބޮނަސޭރާ، ފާތިމަތު އަންޖުން ޝަފީގެވެ.

އެކްސިޑެންޓްވުމާ އެކު އެ ކުއްޖާ ވަނީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

ކުޑަކުއްޖާ ސައިކަލްގައި ދިޔައީ އޭނާގެ މަންމައާ އެކު ކަމަށް ވެ އެވެ. މަރުވި ކުއްޖާގެ މަންމަ ގެންގޮސްފައި ވަނީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. އޭނާ އަށް މާ ބޮޑު އަނިޔާއެއް ވެފައެއް ނެތެވެ.

މަންޒަރު ދުށް މީހުން ބުނީ ފަހަތުން އައި ބަސް، ސައިކަލްގައި ޖެހުމާ އެކު އެ ސައިކަލްގެ ފަހަތުގައި އިން ކުއްޖާ ވިއްސައިގެން ގޮސް ބިންމަތީގައި ބޯޖެހުނު ކަމަށެވެ.

އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ -- ފޮޓޯ: މިހާރު

އެކްސިޑެންޓްވި ސަރަހައްދުގައި ފުލުހުން މިރޭ ހަރަކާތްތެރިވަނީ -- ފޮޓޯ: މިހާރު

"އޭނާ އަޅައިގެން އިންް ހެލްމެޓް ވެސް ހަލާކުވެ، ބޮލުގެ ނާށިގަނޑު ފެޅި ސިކުނޑީގެ ބައިތައް ވެސް އޮތީ މަގުމަތީގައި،" މަންޒަރު ދުށް މީހުން ބުންޏެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ އެ ސަރަހައްދުގައި ޓްރެފިކް ބަލަހައްޓަން ތިބި ފުލުހުންނެވެ. މި އެކްސިޑެންޓް ހިނގިކަން، އުމުރުން 54 އަހަރުގެ ޑްރައިވަރަށް ނޭނގޭ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ. އޭނާ ދުއްވި ބަސް ފުލުހުން ހިފެހެއްޓީ އެކްސިޑެންޓް ހިނގި ސަރަހައްދާ 100 ވަރަކަށް ފޫޓު ދުރުންނެވެ.

ފުލުހުން ވަނީ އޭގެ ޑްރައިވަރު ފަހުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނިގޮތުގައި، އެކްސިޑެންޓު ވުމުން ބަސް މަޑުނުކޮށް ވަނީ ގޮސްފަ އެވެ. ބަސް ހުއްޓުވީ ބްރިޖުގެ ހައިވޭގައި ޔޫ-ޓާން ނަގާ ސަރަހައްދުން ކަމަށް ފުލުހުން ބުނެ އެވެ.

މި އަހަރުގެ ރޯދަ މަހު ހުޅުމާލޭގައި ދުއްވާފައި ދިޔަ އެމްޓީސީސީގެ ބަހަކުން ޖެހި ޔޫކްރެއިންގެ އަންހެން ޓޫރިސްޓަކު ވެސް މަރުވެފައި ވެ އެވެ. އެ އެކްސިޑެންޓު ހިނގީ ޑްރައިވަރަށް ނިދިޖެހުމުންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ފަތިހު ހިނގާލަން ނުކުމެ އުޅުނު ޓޫރިސްޓެކެވެ. ބަސް ދުއްވާފައި ދިޔައީ އެ މީހާގެ ގައިގެ މަތިން ކަމަށް މަންޒަރު ދުށް މީހުން ބުނެފައި ވެ އެވެ.