Roadha Mihaaru
ދީބާޖާގެ މައްސަލަ ހައްލުކުރަން އޭޖީން އެދުނު ސިޓީއެއް

ދީބާޖާގެ މައްސަލަ ކޯޓުން ބޭރުން ހައްލުކުރަން ދައުލަތުން އެދުނު ސިޓީއެއް އާންމުވެއްޖެ

23 އެޕްރީލް 2019

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން އެދުނު ސިޓީއެއް އާންމުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދޭން ޖެހުނު މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ދައުލަތުން އެދުނު ސިޓީއެއް އާންމުވެއްޖެ އެވެ.

އެމްޑީޕީގެ ވެރިކަމުގައި ދީބާޖާއާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރު އެވެ. އެ މައްސަލާގައި ދީބާޖާއަށް ގެއްލުމުގެ ބަދަލަށް 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން އަންގާފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރު ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެކަމަކު އެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ ހަފުތާގައި ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، އަދި ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ދައުލަތުން އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ ސިޓީއަކީ ހައި ކޯޓުގެ ހުކުމް ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ އެ ކޯޓުގައި ހިނގަމުން ދަނިކޮށް، ކޯޓުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތަކަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުން މިދިޔަ ޑިސެމްބަރު މަހު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެކެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ސޮއިކުރައްވައި، ފޮނުއްވި އެ ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ކޯޓުން ބޭރުގައި ހައްލު ކުރުމުގެ ފުރުސަތު އޮތްތޯ ނުވަތަ ނެތްތޯ ބަލައި، ދީބާޖާއާ އެކު މަޝްވަރާ ކުރަން ބޭނުންވާތީ އެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކުރަން ފުރުސަތު ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.

އެ ސިޓީއާ ގުޅިގެން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ޓްވިޓާގައި ވިދާޅުވެފައިވަނީ އެ ސިޓީ ދީބާޖާގެ ވަކީލުންނާ ހަވާލުކުރީ ސުޕްރީމް ކޯޓުން ކަމަށެވެ. އެ ސިޓީ ދައުލަތުން ފޮނުވީ ދީބާޖާއާ މަޝްވަރާކުރުމެއް ނެތި ކަމަށާއި އެހެންކަމުން ދައުލަތުން ސިޓީ ފޮނުވި ސަބަބާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.

އޭޖީގެ ސިޓީ ޓްވީޓާގައި ހަލީމް އާންމުކުރެއްވުމުން އޭގެ ރައްދުގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަހުމަދު އުޝާމް އެއްސެވީ ހަލީމަށް އެ ސިޓީ ލިބިވަޑައިގަތީ ކިހިނެއްތޯ އެވެ.

މިދިއަ ޖެނުއަރީ މަހު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހަލީމް، އުޝާމްގެ ސުވާލަށް ޖަވާބު ދެއްވީ ދީބާޖާގެ ވަކީލުންނާ ބަންޑާރަ ނައިބުގެ ސިޓީ ހަވާލުކުރީ ސުޕްރީމް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލިހުގައި ކަމަށާއި އެހެންވެ "ލިބޭނެ ނޫންތޯ"އޭ، ލިއުއްވަމުންނެވެ.

ދީބާޖާގެ މައްސަލައިގައި ސޯޝަލް މީޑިއާގެ ތެރޭގައި އުޅޭ ވާހަކަތަކުގެ ތެރެއިން އުޝާމާއި ހަލީމްގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ ބަހުގެ ހަމަލާތަކެއް ވަނީ ރައްދުކޮށްފަ އެވެ. އެއް ޓްވީޓްގައި އުޝާމް ލިއުއްވި ގޮތުގައި މިދިއަ އަހަރުގެ ޑިސެމްބަރު މަހު ސިވިލް ކޯޓުގެ އޭރުގެ ފަނޑިޔާރަކު އޭނާ އަށް ގުޅުއްވައި، ދީބާޖާގެ މައްސަލައާ ބެހޭ ގޮތުން ސުވާލުތަކެއް ކުރެއްވި އެވެ. އެހެންކަމުން އެއީ އެ މައްސަލައިގެ ތެރޭގައި ނުރަނގަޅު ކަންތައްތަކެއް ހުރުން ކަމަށް ގަބޫލުކުރައްވައި، ރިފްއަތުގެ ސަމާލުކަމަށް އެކަން ގެންނެވި ކަމަށް، އުޝާމް ލިއުއްވި އެވެ.

އެއީ ކޮން ފަނޑިޔާރެއް ކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

ދީބާޖާގެ މައްސަލާގައި ކުރި ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން ދައުލަތުން މިހާރު ވަނީ ނިންމައިފަ އެވެ.

ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ފައިސާ ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކުރީ ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތީ އިސްތިއުނާފްގެ މުއްދަތު ހަމަވި ފަހުން ކަމަށް ބުނެ އެވެ. އެ މުއްދަތު ހަމަވުމުގެ ކުރިން މައްސަލަ ހުށަނޭޅުނީ މަގްބޫލު އުޒުރެއް އޮވެގެން ނޫން ކަމަށް ވާތީ ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ހައި ކޯޓުން މައުޟޫއީ ގޮތުން ބެލީ ގާނޫނާ ޚިލާފަށް ކަމަށެވެ.