Roadha Mihaaru
ދީބާޖާގެ ހުކުމް ތަންފީޒު މަރުހަލާގެ އަޑުއެހުން ސިއްރު

ދީބާޖާ މައްސަލާގެ ހުކުމް ތަންފީޒު މަރުހަލާގެ މިއަދު އަޑުއެހުން ސިއްރުކޮށްފި

13 މެއި 2019

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާގެ މިއަދުގެ އަޑުއެހުން ސިިވިލް ކޯޓުން ސިއްރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހޭ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާގެ މިއަދުގެ އަޑުއެހުން ސިިވިލް ކޯޓުން ސިއްރުކޮށްފި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި އެ ކުންފުންޏަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން 2014 ގައި އޮތީ ހުކުމްކޮށްފަ އެވެ. އެ ހުކުމަށް ސުޕްރީމް ކޯޓުން ވެސް މިދިޔަ މަހު ވަނީ ތާއީދުކޮށްފަ އެވެ.

އެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މިއަދު ފެށިއިރު، އެ އަޑުއެހުން ކުރިއަށް ގެންދިޔައީ އާންމުކޮށް ހުޅުވާ ނުލައި ސިއްރު ކޮށްގެންނެވެ. ސިވިލް ކޯޓުން ބުނިގޮތުގައި، އެގޮތަށް ނިންމީ އެ އަޑުއެހުން ހުޅުވާލައިފި ނަމަ، އެ މައްސަލަ އަށް ހުރަހެއް އެޅިދާނެތީ އެވެ. އެގޮތަށް ކަނޑައެޅީ، އަޑުއެހުންތައް ސިއްރު ކުރުމަށް ގާނޫނުއަސާސީން ފަނޑިޔާރުންނަށް ލިބޭ ބާރުގެ ދަށުން ކަމަށް ސިވިލް ކޯޓުން ބުނެ އެވެ. އެކަމަކު ދެން އޮންނަ އަޑުއެހުން ސިއްރު ކުރަން އަދި ނިންމާފައި ނުވާ ކަމަށް އެ ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ބުނީ ދީބާޖާ އަށް ބަދަލު ދޭން ކުރި ހުކުމް ރިވިއު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާތީ، އެކަމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިމެންދެން، އެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ މަޑުޖައްސާލަން ދައުލަތުން މިއަދުގެ އަޑުއެހުމުގައި އެދިފައިވާ ކަމަށެވެ. އަދި އެ ފައިސާ އެއްފަހަރާ ދެއްކުމުގައި ދަތިތަކެއް އެބަހުރި ކަމަށް ދައުލަތުން އެ އަޑުއެހުމުގައި ބުނި ކަމަށް ވެސް ކޯޓުން ބުންޏެވެ.

ސިވިލް ކޯޓުން ބުނިގޮތުގައި އެ މައްސަލާގެ އިތުރު އަޑުއެހުމެއް އަދި ބާއްވާނެ އެވެ.

ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށް މިދިޔަ އަހަރު ހައި ކޯޓުން އެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން މިދިޔަ މަހު ހުކުމްކުރީ އެ މައްސަލަ ހައި ކޯޓުން ބަލައިގަތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށާއި އެ މުއްދަތު ހަމަވިފަހުން ހުށަހެޅުމުން އެ މައްސަލަ ހައި ކޯޓުން މައުޟޫއީ ގޮތުން ބެލީ ގާނޫނާ ޚިލާފަށް ކަމަށެވެ.