Roadha Mihaaru
ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށް ފައިސާ ދެނީ

ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށް ފައިސާ ދެނީ

16 މެއި 2019

މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޖެހޭ ހަތަރު ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޖެހޭ ހަތަރު ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށް ފައިސާ ދޫކުރަން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނިންމައިފި އެވެ.

ހަތަރު ޕާޓީއަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ބަހާނެ އެވެ. މެމްބަރުންގެ އަދަދަށް ބަލައިގެން އެ ފައިސާ ދޭއިރު މި އަހަރު އެންމެ ގިނައިން ލިބޭނީ، ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށެވެ. އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 50،000 އަށް ވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

އެމްޑީޕީގެ އިތުރުން ފައިސާ ދޭން ފިނޭންސަށް ފޮނުވަނީ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އެވެ. ދައުލަތުގެ ބަޖެޓުން ފައިސާ ދެނީ 10،000 އަށް ވުރެ ގިނަ މެމްބަރުން ތިބޭ ޕާޓީތަކަށް އެކަންޏެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕީޕީއެމަށް ފައިސާ ދިނުން މަޑުޖައްސާލީ އެ ޕާޓީގެ އަހަރީ ރިޕޯޓު އަލުން އިސްލާހުކޮށް ހުށަހަޅަން އަންގާފައިވާތީ ކަމަށެވެ. އެހެންވެ ޕީޕީއެމުން ރިޕޯޓު ހުށަހެޅިހާ އަވަހަކަށް ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިއަ އަހަރު ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ވެސް، ތަފާތު ސަބަބުތަކާ ހެދި، އީސީން ހިފެހެއްޓި އެވެ. އެގޮތުން އެ ފައިސާ އެ ޕާޓީއަށް ލިބުނީ މި މަހު އެވެ.

މި އަހަރު ވަކިވަކި ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދެއް އީސީއަކުން އަދި ހާމައެއް ނުކުރެ އެވެ.

ސިޔާސީ ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ދޫކުރުން ލަސްވީ، އީސީން ބުނިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕާޓީތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ފޯމު ހުށަހެޅުމުން، އޭގެ ސައްހަކަން ބެލުމަށެވެ.

އިލެކްޝަންސް ކޮމިޝަނުގައި މިހާތަނަށް ނުވަ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އެކަމަކު ފައިސާ ދޫކުރާނީ 10،000 އަށް ވުރެން މެމްބަރުން ހިމެނޭ ޕާޓީތަކަށް އެކަންޏެވެ.