ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލު ދޭން ކުރި ހުކުމުގެ މުއްދަތު ހަމަވާނީ ސުޕްރީމް ކޯޓުން އެ ހުކުމް ކުރިތާ ހަ މަސް ވުމުން ކަމަށް ދައުލަތުން ސިވިލް ކޯޓުގައި މިއަދު ބުނެފި އެވެ.
20 މެއި 2019
ދީބާޖާ އިންވެސްޓްމަންޓް ކުންފުންޏަށް ބަދަލު ދޭން ކުރި ހުކުމުގެ މުއްދަތު ހަމަވާނީ ސުޕްރީމް ކޯޓުން އެ ހުކުމް ކުރިތާ ހަ މަސް ވުމުން ކަމަށް ދައުލަތުން ސިވިލް ކޯޓުގައި މިއަދު ބުނެފި އެވެ.
ދީބާޖާއާ އެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން އުވާލި މައްސަލާގައި ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.
ދީބާޖާއަށް ބަދަލު ދޭން ކުރި ހުކުމް ތަންފީޒު ކުރުމުގެ މައްސަލާގައި ސިވިލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ދީބާޖާ އަށް ހަ މަސް ތެރޭގައި ފައިސާ ދައްކަން 2014 ގައި ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރުގެ ޖޫން މަހު ހައި ކޯޓުން ބާތިލްކުރި ކަމަށެވެ. އޭގެފަހުން ސިވިލް ކޯޓުގެ އެ ހުކުމް މިދިޔަ މަހު ސުޕްރީމް ކޯޓުން ދެމެހެއްޓިއިރު، އެ ފައިސާ ދައްކަންޖެހޭ ވަކި މުއްދަތެއް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައި ނެތް ކަމަށާއި އެހެންވެ، ދީބާޖާއަށް އެ ފައިސާ ދައްކަން ޖެހޭނީ ސުޕްރީމް ކޯޓުން ހުކުމްކުރި ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ކަމަށް ބަލަންޖެހޭ ކަމަށް ދައުލަތުން ބުންޏެވެ.
އެ މައްސަލާގެ ހުކުމް ތަންފީޒު މައްސަލައިގެ ފުރަތަމަ އަޑުއެހުން ސިވިލް ކޯޓުން ބޭއްވީ ސުޕްރީމް ކޯޓުން އެ ހުކުމްކުރިތާ މަހެއް ނުވަނީސް ކަމަށާއި އެކަމަކު އޭރު އެ ހުކުމް ތަންފީޒު ކުރަން ފަށަންޖެހޭ ހާލަތެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ އެފަދަ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަން ފެށޭނީ އެ މަހަކު ދައްކަންޖެހޭ މިންވަރެއް ހުކުމާ އެއްގޮތަށް ނުދައްކާ ހާލަތުގައި ކަމަށްވުމެވެ.
ދައުލަތުން ބުނިގޮތުގައި ކޯޓުން އިސް ނަގައިގެން އެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާ ކުރިއަށް ގެންދަނީ ހުކުމް ތަންފީޒު ކުރުމުގެ އުސޫލާ ޚިލާފަށެވެ. އަދި ސުޕްރީމް ކޯޓުން ހުކުމްކުރި ފަހުން އެ ހުކުމް ތަންފީޒު ކުރަން ދީބާޖާ އިން ސިވިލް ކޯޓުގައި އެދުނުކަން އެނގިފައިނުވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެ ކަންކަން ފާހަގަކޮށް ދައުލަތުން އެދުނީ ހުކުމް ތަންފީޒު ކުރުމުގެ އެ މައްސަލަ ކުރިއަށް ގެންދަނީ އުސޫލުތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލަ ބާތިލްކޮށް ދިނުމަށެވެ. އަދި އެ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދައުލަތުން ބައެއް ކަންކަން ފާހަގަކޮށް ކޯޓަށް ކުރިން ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށާއި އެ ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށް ދައުލަތުން ބުންޏެވެ.
ދީބާޖާގެ ފަރާތުން އެ އަޑުއެހުމުގައި ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ ދައުލަތުން ފައިސާ ދައްކަންޖެހޭ މުއްދަތު ނިމިފައިވާ ކަމަށާއި އެއީ ދައުލަތުން ދައްކަންޖެހޭ ފައިސާއެއް ކަން ހުކުމުން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. އިސްތިއުނާފް އެކި މަރުހަލާތަކުގައި އެ މައްސަލަ ލަސްވެގެން ދިޔައިރު އެ ކުންފުނިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާތައް އެބަހުރި ކަމަށާއި އެހެންވެ، އެ މައްސަލަ އަވަހަށް ނިންމައިދޭން އޭނާ އެދިވަޑައިގަތެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ފަހީމް ވިދާޅުވީ އެ މައްސަލައާ ގުޅޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަމަށް ލިޔުމުން ޖަވާބުދޭން ދައުލަތުން އެދޭތީ އެކަމަށް ލިޔުމުން ޖަވާބު ދެއްވާނެ ކަމަށެވެ. އަދި އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބުރާސްފަތި ދުވަހު ބާއްވާނެ ކަމަށް ގާޒީ އިއުލާން ކުރެއްވި އެވެ.
ދީބާޖާއަށް ބަދަލު ދޭން ދައުލަތުގެ މައްޗަށް ހުކުމްކުރީ އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ސަރުކާރުން ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ބާތިލްކުރި މައްސަލާގަ އެވެ.
ނަގައިދިނީ ސަރުކާރަށް ތަސައްވުރުކުރެވޭ ބަދަލެއް: ދީބާޖާ
ދީބާޖާގެ ފެށުމާއި ނިމުން: ހުސް ސުވާލު!
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ދީބާޖާގެ ހުކުމް މުރާޖައާ ކުރަންޖެހޭ: ސުއޫދު
ދީބާޖާ އެއްބަސްވުން ބާތިލްކުރުން ގޯސް، ބަދަލު ހައްގު
ދީބާޖާއަށް ބަދަލު ދިނުމުގެ މައްސަލާގެ ހުކުމް މާދަމާ
ދީބާޖާގެ މައްސަލަ ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
ދީބާޖާއަށް ދޭންޖެހޭ ބަދަލެއް ނޯންނާނެ: ދައުލަތް
ދީބާޖާގެ މައްސަލަ: ދައުލަތުން އުޅެނީ ކަންކަން ފޮރުވަން