Roadha Mihaaru
އެސްޓީއޯގެ ހިއްސާގެ ފައިދާ ދޫކުރުން ބުރާސްފަތި ދުވަހު

އެސްޓީއޯގެ ހިއްސާގެ ފައިދާ ބުރާސްފަތި ދުވަހު ބަހަން ފަށަނީ

20 މެއި 2019

އެސްޓީއޯގެ 2018 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ދިނުމަށް ކަނޑައެޅި ފައިސާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެސްޓީއޯގެ 2018 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ދިނުމަށް ކަނޑައެޅި ފައިސާ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ވަނީ މި މަހުގެ 16 ވަނަ ދުވަހު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި، މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާއަކަށް 58ރ. ބަހަން ފާސްކޮށްފަ އެވެ. އަދި އެ ފައިސާ ދޫކުރުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.

އެސްޓިއޯ އިިން ބުނީ ފައިސާ ބަލާ އަންނައިރު އެ މީހެއްގެ އައިޑީކާޑު ނުވަތަ ހިއްސާގެ ސެޓްފިކެޓް ގެންނަން ޖެހޭނެ ކަމަށެވެ. އަދި ބަދަލުގައި އެހެން މީހަކު ފޮނުވާ ނަމަ އެ މީހެއްގެ އައިޑީކާޑުގެ ކޮޕީ އާއި ހިއްސާދާރުގެ އައިޑީ ކާޑު ކޮޕީ ގެންދަން ޖެހޭނެ އެވެ.

މީގެ އިތުރުން އެކައުންޓަށް ފައިސާ ޖަމާކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ވެސް ބުރާސްފަތި ދުވަހުގެ ނިޔަލަށް ފައިސާ ޖަމާވާނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެކައުންޓަށް ފައިސާ ޖަމާކުރުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އެސްޓީއޯ އިން ވަނީ އެދިފަ އެވެ. އެ ފޯމް އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ. އަދި އެކައުންޓަށް ފައިސާ ޖަމާކުރުމަށް ފޯމު ހުށަހަޅާ ފަރާތްތަކަށް ފޯމު ހުށަހަޅާތާ ހަފުތާއެއްގެ ތެރޭގައި ޑިވިޑެންޑް ޖަމާކުރާނެ ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

މީގެ އިތުރުން އެސްޓީއޯ އިން ވަނީ މިހާތަނަށް އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވާ ފައިސާ ނުނަގާ ފަރާތްތަކުން އެ ފައިސާ ނެގުމަށް އިލްތިމާސްކޮށްފަ އެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 224 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް އެ ކުންފުނީގެ ދަށުން ހިންގާ މިފްކޯއަށް މިދިޔަ އަހަރު ލިބުނު ގެއްލުމާއެކު އެ އަދަދު ވަނީ 30 މިލިއަނަށް ދަށްވެފަ އެވެ.