Roadha Mihaaru
އެސްޓީއޯ އިން ހިއްސާއަކަށް 60ރ. ބަހަން ނިންމައިފި

އެސްޓީއޯ އިން ހިއްސާއަކަށް 60ރ. ބަހަން ނިންމައިފި

11 މެއި 2021

ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ބޯޑުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 60ރ. ބަހަން ބޯޑުން ނިންމައިފި އެވެ.

ޑިވިޑެންޑްގެ ގޮތުގައި މި އަދަދު ބަހަން ފާސް ކުރީ މިއަދު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގަ އެވެ. މި އަދަދު ދޭން މުޅިން ނިންމާނީ ހިއްސާދާރުންގެ އާންމު ބައްދަލުވުމުގަ އެވެ.

އެސްޓީއޯއަކީ މިދިޔަ އަހަރު އެންމެ ބޮޑު ފައިދާ ލިބުނު އެއް ކުންފުންޏެވެ. ސަބަބަކީ ކޮވިޑްގެ މި ހާލަތުގައި އެ ކުންފުނިން ސިއްހީ ދާއިރާ އަށް ބޭނުންވާ ސާމާނާއި އެހެނިހެން ސާމާނު ވެސް ހޯދުން އިތުރު ކުރުމެވެ. މިދިޔަ އަހަރުގެ ފައިދާގެ ތަފްސީލުތައް ހާމަކޮށް އެ ކުންފުނިން ނެރޭ އަހަރީ ރިޕޯޓު ނެރުން ވަނީ ފަސްކޮށްފަ އެވެ. އަހަރީ ރިޕޯޓު ނެރުން ފަސް ކުރީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނިތަކާ ގުޅޭ އޮޑިޓް މަސައްކަތްތަކެއް ކުރާތީ ކަމަށް އެ ކުންފުނި ބުނެ އެވެ. އެ ކުންފުނިން ބުނީ މި މަހުގެ 15 ގެ ކުރިން މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ނެރޭނެ ކަމަށެވެ.

އެސްޓީއޯގެ 2019 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބަހަން ނިންމީ ހިއްސާއަކަށް 58ރ. އެވެ. އެ އަހަރު ވެސް އޭގެ ކުުރީ އަހަރަށް ވުރެ ލިބުނު ފައިދާ 95 ޕަސެންޓް އިތުރުވެފައިވެ އެވެ. އެސްޓީއޯ ގްރޫޕަށް 2019 ވަނަ އަހަރު ފައިދާ އުޅެނީ 383 މިލިއަން ރުފިޔާގަ އެވެ. އަދި ވަކިން ބަލާ ނަމަ ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް 300 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެ ކުންފުންޏަށް އެއަހަރު 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.

މިދިޔަ އަހަރުގެ ހަތަރު ކުރާޓަރުގައި ވެސް އެ ކުންފުންޏަށް ލިބުނީ ފައިދާ އެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުރާޓަރުގައި އެ ކުންފުންޏަށް 91 މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އަދި މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 100 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބުނެވެ.