Roadha Mihaaru
ބޭރު ނަރުހުންނާއި ޑޮކްޓަރުން ހޯދުން ހެލްތަށް އެކަނި

ބޭރު ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ހެލްތަށް އެކަނި

22 މެއި 2019

ރާއްޖެ އަށް ބޭނުންވާ ފެންވަރު ރަނގަޅު ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އެކަނި ކުރާގޮތަށް ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ އަށް ބޭނުންވާ ފެންވަރު ރަނގަޅު ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އެކަނި ކުރާގޮތަށް ނިންމައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބޭރުން ގެންނަ ނަރުހުންނާއި ޑޮކްޓަރުންގެ ފެންވަރު ދަށްކަމަށް ބުނެ އާއްމުން ޝަކުވާ ހުށަހަޅާ ކަމަށެވެ. އެހެންވެ ވަރުގަދަ އިންޓަވިއު ޕްރޮސެސް އަކަށް ފަހު ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ.

މީގެ ކުރިން ނަރުހުންނާއި ޑޮކްޓަރުން ގެނައީ ރެކްރޫޓް އޭޖެންސީތަކާއި ހެލްތު މިނިސްޓްރީންނެވެ.

"ނަރުހުންނާއި ޑޮކްޓަރުން ހޯދުމުގެ ސިސްޓަމް ރަނގަޅުކުރުމުގެ މަސައްކަތް މި ކުރަނީ. އޭޖެންސީތަކުން ގެންނަ މީހުންގެ ފެންވަރު ދަށްކަމުގެ ޝަކުވާ ކުރޭ. އެހެންވެ ފެންވަރު ރަނގަޅު މީހުން މި ހޯދަނީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި އެ މަސައްކަތުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންގެ ވެއިޓިން ލިސްޓެއް ހެދިގެންދާނެ އެވެ. އޭރުން ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކަށް ފަސޭހައިން މީހުން ހޯދޭނެކަމަށް ވިދާޅުވި އެވެ.