Roadha Mihaaru
ބޭރު ޑޮކްޓަރުންގެ ފެންވަރު ބަލަނީ އެޖެންސީއަކުން ނޫން

ބޭރުން ގެންނަ ޑޮކްޓަރުންގެ ފެންވަރު ބެލުމުގައި އެއްވެސް ޒިންމާއެއް ނޯންނާނެ: އޭޖެންސީތައް

28 މެއި 2019

ރާއްޖެ ގެންނަ ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރު ދަށްވުމަކީ އެ މީހުން ގެންނަ ރެކްރޫޓިން އެޖެންސީތަކުގެ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ހެލްތު މިނިސްޓްރީން އެޖެންސީތައް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބައެއް ރެކްރޫޓް އޭޖެންސީތަކުން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެ ގެންނަ ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރު ދަށްވުމަކީ އެ މީހުން ގެންނަ ރެކްރޫޓިން އެޖެންސީތަކުގެ މައްސަލައެއް ނޫން ކަމަށާއި އެކަމަކު ހެލްތު މިނިސްޓްރީން އެޖެންސީތައް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކާފައިވާ ކަމަށް ބައެއް ރެކްރޫޓް އޭޖެންސީތަކުން ބުނެފި އެވެ.

ރާއްޖެ ގެންނަ ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރު ދަށްވުމުގެ ޝަކުވާ ބޮޑުވެ، ސިއްހީ ދާއިރާއަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން އަމިއްލައަށް ކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

"މިހާރު" އާ ވާހަކަދެއްކެވި އެކްސެސް ރެކްރޫޓްމަންޓް މޯލްޑިވްސް އޭޖެންސީގެ ވެރިޔާ ސައްދާމް އަލީ ވިދާޅުވީ އެ އޭޖެންސީން ރާއްޖެ ގެންނަ މީހުންގެ ފެންވަރާ މެދު މިނިސްޓްރީން މީގެ ކުރިން ޝަކުވާކޮށްފައި ނުވާ ކަމަށެވެ. އެހެންވެ އެޖެންސީތައް ބަދުނާމުވާ ގޮތަށް ވާހަކަ ދެއްކުމުން ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ރާއްޖެއަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ ބޭރު ގައުމުތަކުގެ އޭޖެންސީތަކާ ގުޅިގެންނެވެ. އެ އޭޖެންސީތަކުން، އެ ގައުމުތަކުގައި ރާއްޖޭގައި ވަޒީފާގެ ފުރުސަތާ ގުޅޭގޮތުން އިސްތިހާރުކުރެ އެވެ. ރާއްޖޭގެ އޭޖެންސީތަކަށް، ބޭރު ނަރުހުންނާއި ޑޮކްޓަރުންގެ ލިޔުން ހަވާލުކުރަނީ އެ ގައުމުތަކުގެ އެޖެންސީތަކުންނެވެ.

"ހެލްތު މިނިސްޓްރީން މަގާމެއް ހުސްވާއިރަަށް އެ މީހުން އަޅުގަނޑުމެންނަށް ގުޅާފައި ބުނާނެ މިވެނި މަގާމަކަށް މިވެނި ވަރަކަށް މީހުން އެބަ ބޭނުންވެއޭ. ބުނީމަ، ބޭރު ގައުމުތަކުގައި އިސްތިހާރުކޮށްގެން މީހުން މި ހޯދަނީ. އަޅުގަނޑުމެން ނަގަނީ ޑޮކިއުމަންޓްސް. ޑޮކިއުމަންޓްސް ނަގާފައި މި ހަވާލުކުރަނީ ހެލްތު މިނިސްޓްރީއާ،" ސިއްހީ ދާއިރާގެ އެކި ވަޒީފާތަކަށް 300 އަށް ވުރެ ގިނަ މުވައްޒަފުން ރާއްޖެ ގެނެސްފައިވާ އެޖެންސީގެ ވެރިޔާ ވިދާޅުވި އެވެ.

ރާއްޖެ ގެންނަ ޑޮކްޓަރުންގެ ލިޔެކިޔުންތައް ބެލުމަށް ފަހު، ހެލްތު މިނިސްޓްރީގެ ޕެނަލަކުން ޝޯޓުލިސްޓުކުރާނެ އެވެ. އޭގެ ތެރެއިން އެންމެ ރަނގަޅު މީހާ ހޮވުމަށް ފަހު ސްކައިޕް މެދުވެރިކޮށް މިނިސްޓްރީން އިންޓަވިއު ކުރެ އެވެ. އެ އިންޓަވިއު ނިންމުމަށް ފަހު މެޑިކަލް ކައުންސިލަށް ދިއުމުން، އެ ޑޮކްޓަރުންނަށް ހުއްދަ ދޭނީ މެޑިކަލް ކައުންސިލުންނެވެ.

ސައްދާމް ވިދާޅުވިގޮތުގައި ޑޮކްޓަރުންނާއި ނަރުހުންގެ ފެންވަރު ކަށަވަރުކުރުމުގައި އޭޖެންސީތަކުގެ ދައުރު އޮންނަ ނަމަ، މެޑިކަލް ކައުންސިލަށް ވުރެ ހަރުދަނާކޮށް އެކަން ކުރާނެ އެވެ. އަދި އެ މަސައްކަތަކީ، ހެލްތު މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެ ފެންވަރު މިނިސްޓްރީގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"އޭޖެންސީތަކުގެ މަސައްކަތަކީ ހަމައެކަނި ހެލްތު މިނިސްޓްރީއާ ހަމަަ އަށް ޑޮކްޓަރުންނާއި ނަރުހުން ގެންގޮސްދިނުން. އެމީހުންގެ ފެންވަރު ކަށަވަރުކޮށް ހުއްދަ ދެނީ މެޑިކަލް ކައުންސިލުން. އެކަމުގައި އޭޖެންސީތަކުގެ އެއްވެސް ދައުރެއް ނޯންނާނެ،" ސައްދާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ ބޭރުގައި ހުރި މީހެއްގެ ޑޮކިއުމަންޓްސް މިކޮޅަށް ހުށަހެޅުން،" އެހެން އޭޖެންސީއަކުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ އެމީހުން ރާއްޖެ ގެންނަ ޑޮކްޓަރުންގެ ފެންވަރު ދަށްވެގެން ކަމަށް ބުނެ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެމީހުން އަމިއްލައަށް ވަކިވެގެން ދަނީ ކަމަށް ވިދާޅުވި އެވެ. "އޭޖެންސީތައް ބަދުނާމުކޮށް، އޭޖެންސީތަކާ އެކު ދެން މަސައްކަތް ނުކުރާނަމޭ ބުނަން ރަނގަޅު ބަދުނާމު ނުކޮށް،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން ހުށަހެޅި ބައެއް ފޯމުތައް ވެސް ރިޖެކްޓުކޮށްފައި އެބަހުރި ކަމަށެވެ. ސައްދާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާގައި އުޅޭ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންގެ 90 ޕަސެންޓަކީ އޭޖެންސީތަކުން ގެނެސްފައި ތިބި މީހުންނެވެ. މުޅި ސިއްހީ ދާއިރާ ހިނގަމުން އަންނަނީ އޭޖެންސީތަކުގެ މަސައްކަތުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ސިއްހީ ދާއިރާގެ އެކި މަގާމުތަކަށް މީހުން ގެނައުމަށް ގާތްގަނޑަކަށް 11 ރެކްރޫޓް އޭޖެންސީއެއް ހަރަކާތްތެރިވެ އެވެ. އެމީހުން އާއްމުގޮތެއްގައި ގެންނަނީ ނޭޕާލާއި ޕާކިސްތާނާއި އިންޑިއާ އާއި ބޫޓާނާއި ސޫދާން ފަދަ ގައުމުތަކުންނެވެ.