Roadha Mihaaru
ދިއްފުށީގައި އަނެއްކާވެސް ހަމަނުޖެހުން ހިންގައިފި

ދިއްފުށީގައި އަނެއްކާވެސް ހަމަނުޖެހުން ހިންގައިފި، އެކެއްގެ ހާލު ސީރިއަސް

24 މެއި 2019

ވައްކަންކުރާ މީހުން ހޯދަން ކަމަށް ބުނެ ކ. ދިއްފުށީގައި އާންމުން ނުކުތުމުން އިއްޔެ ރޭ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ބަޔަކަށް ވަޅިން ހަމަލާދީފައި ވަނިކޮށް މިރޭ ވެސް ބަޔަކު ނުކުމެ ހަމަނުޖެހުން ހިންގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ.

ވައްކަންކުރާ މީހުން ހޯދަން ކަމަށް ބުނެ ކ. ދިއްފުށީގައި އާންމުން ނުކުތުމުން އިއްޔެ ރޭ ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި ބަޔަކަށް ވަޅިން ހަމަލާދީފައި ވަނިކޮށް މިރޭ ވެސް ބަޔަކު ނުކުމެ ހަމަނުޖެހުން ހިންގައި މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފި އެވެ.

އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސް ކަމާއި އިތުރު ފަރުވާ ދިނުމަށް ސީ އެމްބިއުލާންސްގައި މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަނީ އެނގިފަ އެވެ.

ދިއްފުށީގައި މިރޭ ވެސް ހަމަނުޖެހުން ހިންގައިގެން އުޅޭ ކަމާއި ފުލުހުން އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަކަން ފުލުހުން ކަށަވަރުކޮށްދިނެވެ. ނަމަވެސް މިރޭގެ ހާދިސާއާ ބެހޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި އާންމުންގެ ބަޔަކު ވަނީ ފިހާރަޔަކުން 180،000ރ. އާ އެކު ވަގަށް ނެގި ކަމަށް ބުނާ ތިޖޫރީއެއް ވަޅުލާފައި އޮއްވައި ހޯދައިފަ އެވެ. ތިޖޫރީ ހޯދީ ވައްކަމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހަކަށް އަނިޔާކޮށް އެ މީހާ ދިން މައުލޫމާތުން ކަމަށްވެ އެވެ. ތިޖޫރީ ހޯދި އިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ.

ދިއްފުށީގައި ވަގަށް ނެގި ކަމަށް ބުނާ ތިޖޫރީއެއް ހޯދާފައި

ދިއްފުށީގައި ވަގަށް ނެގި ކަމަށް ބުނާ ތިޖޫރީއެއް ހޯދާފައި

ދިއްފުށީގައި އިއްޔެ ރޭ ހަމަނުޖެހުން ހިނގީ ފިހާރައެއް ފަޅާލައިގެން ތިޖޫރީ ވަގަށް ނެގި މައްސަލާގައި ވަގު ހޯދަން ކަމަށް ބުނެ އާންމުން ނުކުތުމުންނެވެ. ޝައްކުކުރެވޭ މީހުންނާ އާންމުން ކުރިމަތިލުމުން، އާންމުންގެ ދެ މީހަކަށް ވަޅިން ހަމަލާދީ އެކަކު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އަދި އާންމުން ވެސް ހަމަލާދީ، ވައްކަން ކުރި ކަމަށް ބުނާ މީހުންނަށް ހަމަލާދީ އަދި އެ ގްރޫޕް މީހުން ގެންގުޅޭ ޑިންގީއެއްގައި ވަނީ ރޯކޮށްލައިފަ އެވެ.

އިއްޔެ ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ރަށު ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ދިއްފުށީގައި ވައްކަން ކުރާ ގްރޫޕެއް އެބަ އުޅެ އެވެ. ދިއްފުއްޓަކީ ފުލުހުން ގާއިމުވެ ތިބޭ ރަށެއް ނޫނެވެ.