Roadha Mihaaru
ހަމަނުޖެހުމާ ގުޅިގެން ދިއްފުށިން މީހަކު ހައްޔަރުކޮށްފި

ދިއްފުށީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

24 މެއި 2019

ވައްކަންކުރާ މީހުން ހޯދަން ކަމަށް ބުނެ ކ. ދިއްފުށީގައި ބަޔަކު ހިންގަމުން އަންނަ ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން އެކަކު ހައްޔަރުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވައްކަންކުރާ މީހުން ހޯދަން ކަމަށް ބުނެ ކ. ދިއްފުށީގައި ބަޔަކު ހިންގަމުން އަންނަ ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން އެކަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ 11:30 ހާއިރު، ދިއްފުށީގައި މާރާމާރީއެއް ހިންގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި މި މާރާމާރީ އަކީ މިދިޔަ ބުދަ ދުވަހު ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. މި މާރާމާރީގައި އެކަކަށް އަނިޔާ ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ދެ ރޭ މަތިން ހިންގި މާރާމާރީތަކާއި ހަމަނުޖެހުންތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދިި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި އެމީހާ ހައްޔަރު ކުރީ މީހަކަށް ތޫނު އެއްޗަކުން ހަމަލާ ދިން ކަމުގެ ތުހުމަތުގަ އެވެ.

ދިއްފުށީގައި މާރާމާރީ ހިނގަން ފެށީ އެ ރަށުގައި ވައްކަން ކުރުން އިތުރުވަމުންދާތީ ވަގުން ހޯދަން ކަމަށް ބުނެ، އާންމުންތަކެއް ނުކުތުމާ ގުޅިގެންނެވެ.

އެގޮތުން، ރޭ އާންމުންގެ ބަޔަކު ވަނީ ފިހާރަޔަކުން 180،000ރ. އާ އެކު ވަގަށް ނެގި ކަމަށް ބުނާ ތިޖޫރީއެއް ވަޅުލާފައި އޮއްވައި ހޯދައިފަ އެވެ. ތިޖޫރީ ހޯދީ ވައްކަމުގައި ބައިވެރިވި ކަމަށް ބެލެވޭ މީހަކަށް އަނިޔާކޮށް އެ މީހާ ދިން މައުލޫމާތުން ކަމަށްވެ އެވެ. ތިޖޫރީ ހޯދި އިރު އޭގައި އެއްވެސް ފައިސާއެއް ނެތެވެ.

ދިއްފުށީގައި ބުދަ ދުވަހުގެރޭ ހަމަނުޖެހުން ހިނގީ ފިހާރައެއް ފަޅާލައިގެން ތިޖޫރީ ވަގަށް ނެގި މައްސަލާގައި ވަގު ހޯދަން ކަމަށް ބުނެ އާންމުން ނުކުތުމުންނެވެ. ޝައްކުކުރެވޭ މީހުންނާ އާންމުން ކުރިމަތިލުމުން، އާންމުންގެ ދެ މީހަކަށް ވަޅިން ހަމަލާދީ އެކަކު ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އަދި އާންމުން ވެސް ހަމަލާދީ، ވައްކަން ކުރި ކަމަށް ބުނާ މީހުންނަށް ހަމަލާދީ އަދި އެ ގްރޫޕް މީހުން ގެންގުޅޭ ޑިންގީއެއްގައި ވަނީ ރޯކޮށްލައިފަ އެވެ.

ރަށު ކައުންސިލުން ކުރިން ބުނެފައިވާ ގޮތުގައި، ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ދިއްފުށީގައި ވައްކަން ކުރާ ގްރޫޕެއް އެބަ އުޅެ އެވެ. ދިއްފުއްޓަކީ ފުލުހުން ގާއިމުވެ ތިބޭ ރަށެއް ނޫނެވެ.