Roadha Mihaaru
ޑޮލަރާ އެކު ހައްޔަރުކުރި މަޖީދު ރާއްޖެ ވަޑައިގެންފި

ޑޮލަރުތަކަކާ އެކު ލަންކާ އެއާޕޯޓުން ހައްޔަރުކުރި މަޖީދު ރާއްޖެ ވަޑައިގެންފި

05 ސެޕްޓެމްބަރ 2016

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާ އެއާޕޯޓުން ރޭ ހައްޔަރުކުރި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ވަގަށް ޑޮލަރު ބޭރުކުރަން އުޅުނު ކަމުގެ ތުހުމަތުގައި ސްރީ ލަންކާ އެއާޕޯޓުން ރޭ ހައްޔަރުކުރި ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރު އަބްދުލް މަޖީދު އަބްދުލް ބާރީ މިރޭ ރާއްޖެ ވަޑައިގެންފި އެވެ.

ލަންކާގެ ނޫސްތަކުން ބުނާ ގޮތުން ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ އިރާކޮޅު ފުރަން އުޅެނިކޮށް ހައްޔަރުކުރި އުމުރުން 53 އަހަރުގެ ދިވެހި މީހާގެ އަތުން 45،000 ޑޮލަރު (6.7 މިލިއަން ލަންކާ ރުޕީސް/ 691،200 ދިވެހި ރުފިޔާ) ފެނިފައިވެ އެވެ. އެ ފައިސާ ހުރީ އަތް ދަބަހުގައި ފޮރުވާފައިވާ ކަމަށް ވެސް އެ ނޫސްތަކުގައިވެ އެވެ.

އެއީ ކާކު ކަމެއް ރަސްމީ އެއްވެސް ފަރާތަކުން ނުބުނެ އެވެ. އެކަމަކު، "މިހާރު" އަށް އެނގުނު ގޮތުގައި ލަންކާ އެއާޕޯޓުން ޑޮލަރުތަކަކާ އެކު ރޭ ހައްޔަރުކުރީ މަޖީދެވެ.

މަޖީދު ވަނީ އެމިރޭޓްސްގެ ފްލައިޓުން މިރޭ ރާއްޖެ ވަޑައިގެންފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި އެކަން ހާމަކުރައްވާފައި ވިޔަސް ލަންކާ ފުލުހުން ދޫކޮށްލީ ކޮން ގޮތަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ. މަޖީދު ފޯނަށް ޖަވާބު ނުދެއްވާތީ އެ ތަފްސީލު ލިބޭ ގޮތެއް ވެސް ނުވި އެވެ.

މަޖީދު މިރޭ ކުރެއްވި ޓުވީޓު.

މަޖީދު ލަންކާ އިން ހައްޔަރުކުރި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ އިދިކޮޅު ސިޔާސީ ބައެއް ބޭފުޅުން މި ވަގުތު ތިއްބެވީ ލަންކާގަ އެވެ. ނަމަވެސް މަޖީދު ލަންކާ އަށް ވަޑައިގެން އުޅުއްވީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ.

ލަންކާގެ ކަސްޓަމްސް ގާނޫނު ބުނާ ގޮތުން 5،000 ޑޮލަރު (724،250 ލަންކާ ރުޕީސް/ 76،800 ދިވެހި ރުފިޔާ) އަށް ވުރެ އިތުރަށް ބޭރު ފައިސާ ލަންކާ އިން ބޭރަށް ގެންދެވޭނީ ހުއްދަ ހޯދައިގެންނެވެ. އެއީ ވެސް މަގުބޫލު ބޭނުންތަކަށް އެކަންޏެވެ.