Roadha Mihaaru
ލިވަޕޫލް މެޗު ހަނދާނުން ނުފިލާނެ: މެސީ

ލިވަޕޫލް މެޗު ހަނދާނުން ނުފިލާނެ: މެސީ

24 މެއި 2019

ބާސެލޯނާ (މެއި 24) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ލިވަޕޫލް އަތުން 4-0 އިން ބަލިވި މެޗުގެ ކަންތައްތައް ހަނދާނުން ނުފިލާނެ ކަމަށާއި އެކަމުން އަރައިގަންނަން ސްޕެނިޝް ކަޕް ކާމިޔާބުކުރަން ޖެހޭނެ ކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބާސެލޯނާ (މެއި 24) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ލިވަޕޫލް އަތުން 4-0 އިން ބަލިވި މެޗުގެ ކަންތައްތައް ހަނދާނުން ނުފިލާނެ ކަމަށާއި އެކަމުން އަރައިގަންނަން ސްޕެނިޝް ކަޕް ކާމިޔާބުކުރަން ޖެހޭނެ ކަމަށް ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ބުނެފި އެވެ.

އެންމެ ފަހުން ދެ ފަހަރު ވެސް ބާސެލޯނާ ޗެމްޕިއަންސް ލީގުން ކެޓީ ފުރަތަމަ ލެގުގައި ތިން ގޯލުގެ ލީޑަކުން މޮޅުވެފައި ވަނިކޮށެވެ. މިދިޔަ އަހަރު ރޯމާ އަތުން ކެޓިއިރު، މި ފަހަރު ބަލިވީ ލިވަޕޫލް އަތުންނެވެ. ބާސެލޯނާ ދަނޑުގައި އެ ޓީމު 3-0 އިން ލިވަޕޫލް ބަލިކުރި އެވެ. އެކަމަކު ދެ ވަނަ ލެގުގައި ލިވަޕޫލުން ވަނީ ހައިރާންކުރަނިވި ގޮތަކަށް ބާސެލޯނާ ބަލިކޮށް މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

ބާސެލޯނާ ކެޕްޓަން މެސީ ބުނީ މި ސީޒަނަށް އެ ޓީމުން ކަނޑައެޅި އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު ކަމަށާއި އެކަންނުވެ ދިއުމަކީ ލިބޭނެ ބޮޑު މާޔޫސްކަމެއް ކަަމަށެވެ.

"ކޮޕަ ޑެލް ރޭ ކާމިޔާބުކުރުމަކީ މި ވަގުތު ލީގު ނިންމާލެވެން އޮތް އެންމެ ރަނގަޅު ގޮތް. މި މުބާރާތް ގެއްލިއްޖެނަމަ މިއީ ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް،" ހަތަރު އަހަރުތެރޭ ފުރަތަމަ ފަހަރަށް ކްލަބްގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން މެސީ ބުންޏެވެ.

ދާދިފަހުން ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ ލިވަޕޫލް އަތުން ބަލިވި ގޮތުން އޭގެ ގޯސް އަސަރު އެ ޓީމުގެ ކުޅުންތެރިންނަށް ކޮށްފައިވާ ކަމަށް ބުނެފަ އެވެ. މެސީ ބުނީ ލިވަޕޫލް މެޗު ވެގެންދާނީ އޭނާގެ ކެރިއަރުގައި ކުރިމަތިވި އެންމެ އުނދަގޫ އެއް ހާލަތަށް ކަމަށެވެ.

"ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުގެ ދެ ވަނަ ހާފް ދިޔަގޮތާ މެދު އަހަރެމެން މާޔޫސްވާންޖެހޭ. ހަމައެކަނި ނަތީޖާ ދިޔަގޮތުންނެއް ނޫން. އަހަރެމެންނަށް ނުކުޅެވޭ. އެއީ އަހަރެންގެ ކެރިއަރުގައި ކުރިމަތިވި އެންމެ އުނދަގޫ އެއް ވަގުތަށްވާނެ،" މެސީ ބުންޏެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގު ނުލިބުނު ނަމަވެސް ބާސެލޯނާ ދޫކޮށްލުމުގެ ވިސްނުމެއްނެތް ކަމަށާއި އަމާޒަކީ ކޮޕަ ޑެލް ރޭ ތަށްޓާ އެކު ސީޒަން ނިންމާލައި ރަނގަޅު ފޯމެއްގައި ކޮޕަ އެމެރިކާ މުބާރާތަށް ކުރިމަތިލުން ކަމަށް ބުންޏެވެ.

"ގައުމީ ޓީމުގައި އަހަންނަށް އަބަދުވެސް މައްސަލަތަކެއް ދިމާވޭ. އެކަމަކު އޭގެ މާނަ އަކީ އަހަރެންގެ އުއްމީދުތަކަށް ނިމުމެއް އައީ އެއް ނޫން. ގައުމީ ޓީމާ އެކު މުބާރާތެއް ކާމިޔާބުކުރަން އަހަރެން ބޭނުން،" އާޖެންޓީނާގެ ކެޕްޓަންކަން ވެސް ކުރާ މެސީ ބުންޏެވެ.

މިދިޔަ ސީޒަނުގައި ވެސް ބާސެލޯނާ އިން ވަނީ ސްޕެނިޝް ލީގާއި ކަޕް ކާމިޔާބުކޮށްފަ އެވެ. މާދަމާރޭގެ ފައިނަލުގައި ބާސެލޯނާ ނުކުންނާނީ ވެލެންސިއާއާ ދެކޮޅަށެވެ. ޖެހިޖެހިގެން ފަސް ވަނަ ސްޕެނިޝް ކަޕް ކާމިޔާބުކުރުމުގެ އަޒުމުގައި ބާސެލޯނާ އިން ނުކުންނައިރު އަނިޔާގެ ސަބަބުން އެ ޓީމުގެ އެއް ވަނަ ކީޕަރު ޖަރުމަނުގެ ޓާ ސްޓެގެން އަށް މި މެޗުގައި ނުކުޅެވޭނެ އެވެ.