Roadha Mihaaru
ލޭ މައްޗަށް ދާ މީހުންނަށް ޕެރެސެޓްމޯލް ނުރައްކާތެރި

ލޭ މައްޗަށް ދާ މީހުންނަށް ޕެރެސެޓްމޯލް ނުރައްކާތެރި ކަމަށް ދިރާސާއަކުން ދައްކައިފި

09 ފެބުރުއަރީ 2022

ލޭ މައްޗަށް ދާ މީހުން ޕެރެސެޓްމޯލް ކާ ނަމަ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

ލޭ މައްޗަށް ދާ މީހުން ޕެރެސެޓްމޯލް ކާ ނަމަ، ހާޓް އެޓޭކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެޑިންބާގުން ކުރި ދިރާސާއެއްގައި ބުނީ އަވަހަށް ދަތު ކަނޑުވާލަން ބޭނުންކުރާ ފެރެސެޓްމޯލް، ދިގު މުއްދަތަކަށް ބަލި މީހުންނަށް ދިނުމުގައި ޑޮކްޓަރުން މިހާރު ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ ކަމަށާއި އޭގެން ލިބޭނެ ގެއްލުމާއި ފައިދާ އަށް ބެލުން މުހިންމު ކަމަށެވެ.

ބޮލުގައި ރިއްސުމާއި ހުމާއި އަދި ގައިގައި ރިއްސުން ފަދަ ކަންކަމަށް ޕެރެސެޓްމޯލް އަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ބޭނުންކުރަމުން އަންނަ ބޭހެކެވެ.

އިނގިރޭސިވިލާތުގައި ކޮންމެ ތިން މީހަކު އެކަކަށް ލޭ މައްޗަށް ދިއުމުގެ މައްސަލަ ދިމާވެ އެވެ. ޔުނިވާސިޓީ އޮފް އެޑިންބާގުން މި ދިރާސާ ކުރުމަށް 110 ވޮލަންޓިއަރުން ހޯދި އެވެ. އެ ވޮލަންޓިއަރުންގެ ތެރެއިން ތިން ބައިކޮށްފައި ދެ ބައި މީހުންނަކީ ލޭ މައްޗަށް ދާތީ ބޭސް ކާ މީހުންނެވެ.

ޕެރަސެޓްމޯލް: ލޭ މައްޗާ ދާ މީހުންނަށް ރައްކާތެރިއެއް ނޫން.-- ފޮޓޯ: ގެޓީ އިމޭޖެސް

ޕެރަސެޓްމޯލް: ލޭ މައްޗާ ދާ މީހުންނަށް ރައްކާތެރިއެއް ނޫން.-- ފޮޓޯ: ގެޓީ އިމޭޖެސް

މި ދިރާސާ ކުރުމަށް އެ ވޮލަންޓިއަރުންނަށް ޖެހުނީ ދެ ހަފުތާ ވަންދެން ކޮންމެ ދުވަހަކު ހަތަރު ގަޑިއެއްގައި އެެއް ގުރާމުގެ ޕެރެސްޓްމޯލް ކާށެވެ. އެ މުއްދަތުގެ ފަހުން ހެދި ޓެސްޓުތަކުން ދެއްކީ ލޭ މައްޗަށް ދާ މީހުންނަށް ނުރައްކާ ބޮޑުވާ ކަމަށެވެ.

ނަމަވެސް، ދިރާސާވެރިން ބުނީ މިއީ އާދައިގެ މީހަކު ބޮލުގައި ރިއްސުމާއި ހުމަށް ކާން ރަނގަޅު ބޭހެއް ކަމަށެވެ. އެކަމަކު، މި ބޭހަކީ ދިގު މައްދަތަކަށް ބޭނުންކުރަން ރަނގަޅު ބޭހެއް ކަމެއް އަދި އެނގޭކަށް ނެތެވެ.

މި ދިރާސާއާ ގުޅިގެބް އެހެން ބައެއް އެކްސްޕާޓުން ބުނެފައި ވަނީ ޕެރެސެޓްމޯލުން ގެއްލުމެއް ލިބޭތޯ ކަށަވަރުކުރުމަށް އަދިވެސް ތަންކޮޅެއް ދިގު ޓައިމްފްރޭމްގައި ދިރާސާތަކެއް ކުރަން ޖެހޭނެ ކަމަށެވެ.