Roadha Mihaaru
ކުދިންގެ ސްކްރީން ޓައިމް ގިނަވެ ސިކުނޑިއަށް ގެއްލުން

ކުދިންގެ ސްކްރީން ޓައިމް ގިނަވެ ސިކުނޑީގެ މަސައްކަތް ދަށްވެދާނެ

02 ފެބުރުއަރީ 2023

ޅަ އުމުރުގައި ގިނަ ވަގުތު ސްކްރީނު ކައިރީގައި ހޭދަކުރާ ނަމަ، ސިކުނޑީގެ މަސައްކަތް ދަށްވެ ކުއްޖާ ބޮޑުވާއިރު ވެސް އެކަމުގެ އަސަރުކޮށް، ކަންކަން ދަސްކުރަން އުނދަގޫވާ ކަމަށް ސިންގަޕޫރުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ޅަ އުމުރުގައި ގިނަ ވަގުތު ސްކްރީނު ކައިރީގައި ހޭދަކުރާ ނަމަ، ސިކުނޑީގެ މަސައްކަތް ދަށްވެ ކުއްޖާ ބޮޑުވާއިރު ވެސް އެކަމުގެ އަސަރުކޮށް، ކަންކަން ދަސްކުރަން އުނދަގޫވާ ކަމަށް ސިންގަޕޫރުގައި ކުރި ދިރާސާއަކުން ދައްކައިފި އެވެ.

ސިންގަޕޫރުގައި ސިއްހީ ތައުލީމުދޭ ފަސް އިދާރާއަކާއި، ކުޑަކުދިންނާއި އަަންހެނުންނަށް ހާއްސަ ހޮސްޕިޓަލެއް ގުޅިގެން، 506 ކުއްޖަކު ބައިވެރިކޮށްގެން ކުރި އެ ދިރާސާއިން ދެއްކި ގޮތުގައި ގިނަ ވަގުތު ސްކްރީނަށް ހުށަހެޅޭ ތުއްތު ކުދިންގެ ސިކުނޑީގައި "ލޯ-ފްރިކުއެންސީ" ވޭވްތައް ގިނަ އެވެ.

ސްކްރީން ބަލަން ހޭދަކުރާ ވަގުތު އިތުރުވާ މިންވަރަކަށް، އެ ކުދިންގެ ސިކުނޑީގެ ހަރަކާތްތައް ބަދަލުވެ، ސިކުނޑި އިތުރަށް ބަލިކަށިވެ، އެކަމުގެ އަސަރު އުމުރުން އަށް އަހަރު ފަހަނައަޅާ ދާއިރު ވެސް ކުރާ ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ.

ކުޑަ ކުއްޖަކު ޓެބްލެޓަކުން ވީޑިއޯ ބަލަނީ

ކުޑަ ކުއްޖަކު ޓެބްލެޓަކުން ވީޑިއޯ ބަލަނީ

"ކުދިންގެ ސްކްރީން ޓައިމް ވަރަށް ގާތުން މޮނިޓަކުރަން ޖެހޭ. ހާއްސަކޮށް ސިކުނޑި ތަރައްގީ ވަމުން އަންނަ ދުވަސްވަރުގެ ކުރީކޮޅު،" މި ދިރާސާގައި އިސްކޮށް ހުންނެވި ޑރ. އެވެލީން ލޯ ވިދާޅުވި އެވެ.

އުފަންވުމާއި ކުޑައިރުގެ ކުރީކޮޅު ސިކުނޑި ތަރައްގީވާ މިންވަރު އަވަސް ނަމަވެސް، ކަންކަން ދަސްކުރުމުގައި މުހިންމު ރޯލެއް އަދާކުރާ، ސަމާލުކަން ދިނުމާއި މައުލޫމާތު ދެނެގަތުމާއި އިހުސާސްތައް ދެނެގަތުން ފަދަ ކަންކަން، ނުވަތަ "އެގްޒެކެޓިވް ފަންކްޝަން" ތައް ކޮންޓްރޯލް ކުރާ ސިކުނޑީގެ ބައި ކަމަށްވާ "ޕްރިފްރޮންޓަލް ކޯޓެކްސް" ތަރައްގީވާން އަހަރުތަކެއް ނަގަ އެވެ.

ކުޑަ ކުއްޖަކު ފޯނަކާ ކުޅެނީ

ކުޑަ ކުއްޖަކު ފޯނަކާ ކުޅެނީ

އެ ބައި ތަރައްގީވުން ލަސްވުމުން ލިބޭ ފައިދާ އަކީ، މަތީ ތައުލީމާ ހަމައަށް ސްކޫލް އަހަރުތަކުގެ ތެރޭގައި "އެގްޒެކެޓިވް ފަންކްޝަން" ގެ ހުނަރު ހޯދުމާއި ބައްޓަންކުރުން ކަމަށް ރިސާޗު ހެދި ފަރާތުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ތުއްތު އިރު އެ ކުދިންނަށް ސްކްރީނަކުން ފެންނަ އެއްޗެއް ދެނެގަންނަން އުނދަގޫވާނެ ކަމަށާއި، އޭގައި ހުންނަ އައްޔާއި، ހަރަކާތްތަކާއި، ކުލަތަކާއި، އެހެނިގެން ތަކެތި އެއްފަހަރާ ސިކުނޑިއަށް ކުޅަދާނަ ނުވާ ވަރަށް ނަގައިގަތުމުގެ ސަބަބުން ސިކުނޑި އަމިއްލަ އަށް ތަރައްގީވާން ބޭނުންވާ ހިތްވަރު ނުހުންނަ ކަމަށް އެ ހޯދުމުގައިވެ ބުންޏެވެ.

އެހެންވެ، އެ އުމުރުގައި މާ ގިނައިން ސްކްރީން ބަލާ ނަމަ ބޮޑު ވާއިރު، ޖަޒުބާތުތައް ކޮންޓްރޯލް ކުރުމާއި، ގިނައިރު ސަމާލުކަން ދީގެން ހުރުމާއި، ގިނަ ފިޔަވަޅުތައް އެކުލެވޭ އިރުޝާދުތައް ދަސްކުރުމުގެ އިތުރުން ބުރަ މަސައްކަތްތައް ކުރުން ފަދަ ކަންކަމަށް އެ ކުދިންނަށް އުނދަގޫވާ ކަމަށް ވަނީ ބުނެފަ އެވެ.

ކުޑަކުދިން ސްކްރީން ބެލުމުގައި މާ ގިނައިރު ހޭދަކުރަނީ ކީއްވެކަން ދެނެގަތުމަށް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށާއި، އެ ކުދިން ކުޑައިރު ސްކްރީން ބަލަން ފަށަނީ ކޮންކަހަލަ އާއިލީ ކަންކަމަކާ ގުޅިގެންތޯ ދެނެގަންނަން ޖެހޭ ކަމަށް ވެސް ދިރާސާ ހެދި ފަރާތުން ބުނެ އެވެ.