Roadha Mihaaru
މިއީ އާދަޔާ ހިލާފު ފޮޓޯއެއް!

މިއީ އާދަޔާ ހިލާފު ފޮޓޯއެއް!

29 މެއި 2019

ފޮޓޯއެއް ނެގުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު ބައެއްގެ ސަމާލުކަން ލިބޭ ކަހަލަ މޮޅު އަދި ފުރިހަމަ ފޮޓޯއެއް ނެގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ލައްކަ ހިތްވަރު ވެސް ލާން ޖެހޭނެ ކަމެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ފޮޓޯއެއް ނެގުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު ބައެއްގެ ސަމާލުކަން ލިބޭ ކަހަލަ މޮޅު އަދި ފުރިހަމަ ފޮޓޯއެއް ނެގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ ލައްކަ ހިތްވަރު ވެސް ލާން ޖެހޭނެ ކަމެކެވެ.

ބީބީސީގެ ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާތާ މިހާރު އެތައް ދުވަހެއް ވެފައިވާ ކެނެޑާގެ ސްޓީވް ބިރޯގެ ފޮޓޯއެއް މިހާރު ވަނީ އެތައް ބައެއްގެ ސަމާލުކަން ހުއްޓިފަ އެވެ. ފޮޓޯގެ ފުރިހަކަމުންނެވެ. މި ފޮޓޯގައި ފެންނަނީ ބްރޫސް ކިޔާ ބޯލްޑް އީގަލްއެއް ފިޔަގަނޑު ތަންމިނަށް ދަމާލައި ފެންގަނޑެއްގެ މަތިން އުދުހިލާފައި އަންނަނިކޮށެވެ. މި ފޮޓޯ އެހާ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ފޮޓޯ ނަގާފައިވާ އެންގަލާއި އީގަލްގެ ހިޔަނި ވަރަށް ރީތިކޮށް ފެންގަނޑު ތެރެއިން ފެންނާތީ އެވެ.

ފޮޓޯ ނަގާފައިވަނީ ބާޒުގެ މޫނާ ދިމާއިން މެދުން ކަމަށްވާތީ ހަތަރު ފަރާތުން ވެސް ފޮޓޯގެ މަންޒަރުތައް އިނީ ބަރާބަރަށް ހަމައަށެވެ. ވަރަށް މަސައްކަތުން އަދި ވަރަށް ފަރުވާތެރިވެގެން ނޫނީ ނުނެގޭނެ ކަހަލަ އެންގަލަކުން މި ފޮޓޯ ނެގި ދުވަހު ސްޓީވް ވަނީ އެތައް ސަތޭކަ ފޮޓޯއެއް ނަގައިފަ އެވެ.

އޭނާ ހުރީ މި ފޮޓޯ ނެގުނު ގޮތާއި އެއަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން އަންނާތީ ވަރަށް އުފަލުންނެވެ. ސްޓީވް ބީބީސީ އަށް ބުނި ގޮތުގައި އީގަލްގެ މި ފޮޓޯ ނަގާފައި ވަނީ ކެނެޑާގެ އޮންޓޭރިއޯގެ ރެޕްޓާ ކޮންޒަވެންސީގަ އެވެ. ފޮޓޯ އެންމެ ފުރަތަމަ ހިއްސާކުރީ ސްޓީވްގެ ފޭސްބުކްގަ އެވެ.

އަދި ރެޑިޓް ވެބްސައިޓްގެ ފްރޮންޓް ޕޭޖުން ފޮޓޯ ޖާގަ ހޯދާފައި ވަނިކޮށް، އެތައް މީޑިއާ އަކުން ވެސް ފޮޓޯގެ ވާހަކަ ގެނެސް ދީފައިވެ އެވެ.

"މި ފޮޓޯ ހަގީގަތުގައި އަހަންނަށް ވެސް ވަރަށް ހާއްސަ،" ސްޓީވް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ފޮޓޯ ނަގަން ކުރަން ޖެހުނު މަސައްކަތް އެހާ ފަސޭހައެއް ނޫނެވެ.

"ކެމެރާ ބެހެއްޓޭ ގޮތުންނާއި އަދި އޭގެ ހަރަކާތްތައް ހުރި ގޮތުން ވަރަށް ބޮޑަށް ވެސް ފޯކަސްވެގެން އިނދެ މި ފޮޓޯ ނެގުނީ،" މީގެ 10 އަހަރު ކުރިން ހޮބީއެއްގެ ގޮތުގައި ފޮޓޯ ނަގަން ފެށި ސްޓީވް ބުންޏެވެ. "ބޮލާ ދިމާލުން ވަރަށް ކައިރިން އޭތި އުދުހޭތީ އަސްލު ވަރަށް އުނދަގޫ ކަމަކަށްވި ބޭނުންވި ގޮތަށް ފޮޓޯ ނަގަން."

އޭނާ ބުނި ގޮތުގައި އަބަދުވެސް ދޫނިތަކުގެ ފޮޓޯ ނެގުމަކީ ހާއްސަ ޝައުގުވެރި ކަމެއް ހުންނަ ކަމެކެވެ. އެހެންވެ އީގަލްގެ ފޮޓޯއެއް އެހާ ހާއްސަ ގޮތަކަށް ނެގުން ވެގެން ދިޔައީ މިކަމަށް އިތުރަށް ޝައުގުވެރިކަން ވެސް ބޮޑުވި ކަމަކަށެވެ.

"ދޫންޏަކީ ހަމަ ތުއްތު ކުދިން ކަހަލަ ބައެއް. ފޮޓޯ އަށް ނެޗްރަލްކަން އަންނާނީ ވީހާ ވެސް ބޮޑަށް ފްރީކޮށް ދޫކޮށްލައިގެން އިނދެ ފޮޓޯ ނަގަން އުޅުނިއްޔާ،" ސްޓީވް ބުންޏެވެ.

އީގަލްގެ މި ހާއްސަ ފޮޓޯ އިން އޭނާ އަށް މިހާރު އަންނަނީ އިތުރު އާމްދަނީ ވެސް ލިބެމުންނެވެ. ސްޓީވް ބުނަނީ މިކަހަލަ ކިތަންމެ ފޮޓޯއެއް ނަގަން އަދި ހިތްވަރުލާނެ ކަމަށެވެ.