Roadha Mihaaru
ވާވެފައި އޮތް އަންހެންމީހާ އަށް ދިރުން ގެނައި ކޮވެލި

ވާވެފައި އޮތް އަންހެންމީހާ އަށް ދިރުން ގެނެސްދިން ކޮވެލި

07 އޮކްޓޯބަރ 2016

ޗުއްޓީއެއްގައި އުޅެނިކޮށް މަތިން ވެއްޓި، މެއިން ފެށިގެން ތިރި އެއްކޮށް ވާވުމާ އެކު ސެމް ބްލޫމްގެ ހަޔާތަށް ޑިޕްރެޝަންގެ އަނދިރިކަން ވެރިވި އެވެ. އެކަމަކު އެ މާޔޫސްކަމުން އޭނާ ނެރެ، ދިރިއުޅުމުގެ އާ އަލިކަން ގެނެސްދިނީ ހީވެސް ނުކުރެވޭ ފަދަ ފަރާތަކުންނެވެ؛ ހާއްޔަކުން ވެއްޓުނު ތަނުން ނަގައިގެން، ގެއަށް ވެއްދި ކޮވެއްޔެވެ.

މޫސާ ލަތީފް މޫސާ ލަތީފް

ޗުއްޓީއެއްގައި އުޅެނިކޮށް މަތިން ވެއްޓި، މެއިން ފެށިގެން ތިރި އެއްކޮށް ވާވުމާ އެކު ސެމް ބްލޫމްގެ ހަޔާތަށް ޑިޕްރެޝަންގެ އަނދިރިކަން ވެރިވި އެވެ. އެކަމަކު އެ މާޔޫސްކަމުން އޭނާ ނެރެ، ދިރިއުޅުމުގެ އާ އަލިކަން ގެނެސްދިނީ ހީވެސް ނުކުރެވޭ ފަދަ ފަރާތަކުންނެވެ؛ ހާއްޔަކުން ވެއްޓުނު ތަނުން ނަގައިގެން، ގެއަށް ވެއްދި ކޮވެއްޔެވެ.

އެއީ ޖެނުއަރީ 2013 އެވެ. އޭނާ އާއި ފިރިމީހާ ކެމެރަން ބްލޫމް އަދި ފިރިހެން ކުޑަ ތިން ދަރިންނާ އެކު ޗުއްޓީ ހޭދަކުރަމުން އައީ އަންޑަމަން ކަނޑުގެ އައްސޭރިއަށް ވާ ގޮތަށް އޮތް ތައިލެންޑްގެ ކުޑަކުޑަ ވިލެޖެއްގަ އެވެ.

އެއް ދުވަހަކު ހެނދުނު އެންމެން މޫދުގައި ފަތާލައިފައި އެރި ތަނުން އެނގުނީ އެ މީހުން ތިބޭ ހޮޓަލުގެ ފުރާޅުމަތީގައި ޓެރަސްއެއް ވެސް ހަދާފައި ހުރި ކަމެވެ. ވަށައިގެންވާ މަންޒަރުތައް ބަލައިލުމުގެ ނިޔަތުގައި ހުރިހާ އެންމެން ސިޑިން މައްޗަށް އެރި އެވެ.

ކުއްލިއަކަށް ކެމެރަން އަށް އިވުނީ ބާރު އަޑެކެވެ. އޭނާ ބަލައިލި އިރު ސެމް އާއި އޭނާ ލެނގިލައިގެން ހުރި ލަކުޑި ޗެންޗޭނު ވެސް ފެންނާކަށް ނެތެވެ.

މަތިން ވެއްޓި ލިބުނު ގެއްލުމުގައި މެއިން ތިރި އެއްކޮށް ވާވި އޮސްޓްރޭލިޔާގެ ސެމް ބްލޫމްގެ ދަރިފުޅަކު ކަމުން ދާ އިރު ދޫނި "ޕެންގުއިން" އޭނާގެ ކަކޫމަތީގައި

މަތިން ވެއްޓި ލިބުނު ގެއްލުމުގައި މެއިން ތިރި އެއްކޮށް ވާވި އޮސްޓްރޭލިޔާގެ ސެމް ބްލޫމްގެ ދަރިފުޅަކު ކަމުން ދާ އިރު ދޫނި "ޕެންގުއިން" އޭނާގެ ކަކޫމަތީގައި

އޭނާ ދުވެފައި ގޮސް، ތިރިއަށް ބަލައިލި އިރު އަންހެނުން އޮތީ، 18 ފޫޓު މަތިން ވެއްޓި ދެމިފަ އެވެ. އޭނާ އަށް އެހިސާބަށް ދެވުނު އިރު، ސެމްގެ އަމިއްލަ ދުލުގައި ދަތްއެޅި، ދެ ލޯ ހުރީ ހުއްޓިފަ އެވެ.

"އޭނާގެ ބުރަކަށީގައި ވަރަށް ބޮޑު ގޮށެއް ހުރުމުން އަހަންނަށް އެނގުނު މައި ބަދައަށް ވެސް އެހާމެ ބޮޑު ގެއްލުމެއް ލިބިފައިވާކަން،" ކެމެރަން ބުންޏެވެ.

މަންމަ އަށް ލިބިފައި ހުރި ބޮޑެތި އަނިޔާތައް، ކުޑަ ތިން ދަރިންނަށް ފޮރުވޭނެ ވަގުތެއް އޭނާއަކަށް ނުލިބުނެވެ. "މަންމަ މަރުވަނީހޭ" ބުނެ އެންމެ ދޮށީ ދަރިފުޅު، ރޫބެން، ސުވާލުކުރިކަން ކެމެރަން އަދިވެސް ހަނދާން ހުރެ އެވެ.

"އަހަންނަށް އެނގޭ އަންހެނުން މަރުނުވާކަން އެކަމަކު ބޮލުން ފައިބަމުން ދިޔަ ލޭ ގިނަކަމާއި ބޮލަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން ސެމް މަރުވެދާނޭ ހިތަށްއެރި،" ކެމެރަން ބުންޏެވެ.

ސެމް ހޭއެރިއިރު އޭނާ އޮތީ އާދައިގެ ހޮސްޕިޓަލެއްގެ އެނދުގަ އެވެ. އެކްސްރޭތައް ބެލުމަށް ފަހު ޑޮކްޓަރުންނަށް ބޯ ހޫރާލެވުނެވެ.

ހަތަރު ގަޑިއިރުގެ ދަތުރަކަށް ފަހު ބޮޑު ހޮސްޕިޓަލަށް ގެންދެވުނު އިރު އޮޕަރޭޝަނެއް ކުރެވޭ ވަރަށް ވުރެ ސެމްގެ ލޭގެ ޕްރެޝަރު ހުރީ ދަށަށް ގޮސްފަ އެވެ. ނާށިގަނޑުގެ އެތައް ތަނަކުން ފެޅިފަ އެވެ. ސިކުނޑި އަށް ލޭ އެޅިފަ އެވެ. ކޮނޑުން ފެށިގެން އޭނާގެ މައިބަދަ އޮތީ ފުނޑުފުނޑުވެފަ އެވެ.

ހަތަރު ދުވަސް ފަހުން ސެމްގެ އޮޕަރޭޝަން ކުރި އެވެ. ހަ ހަފުތާ ފަހުން، އަމިއްލަ ގައުމު އޮސްޓްރޭލިޔާ އަށް އެނބުރި ދެވޭ ވަރަށް ހާލު ރަނގަޅުވި އެވެ. އޮސްޓްރޭލިޔާގައި އެމްއާރުއައި ނަގައި، އަލުން ހާލަތު ވަޒަންކޮށް، ޑޮކްޓަރު ވާހަކަ ދެއްކި އެވެ.

ވެއްޓި މެއިން ތިރި އެއްކޮށް ވާވި އޮސްޓްރޭލިޔާގެ ސެމް ބްލޫމް އާއި އޭނާގެ ފިރިމީހާ ކެމެރަން ބްލޫމް އަދި ތިން ދަރިންނާއި، އެ އާއިލާއަށް އުފާވެރިކަން ގެނެސްދިން ކޮވެލި "ޕެންގުއިން" އެކުގައި

ވެއްޓި މެއިން ތިރި އެއްކޮށް ވާވި އޮސްޓްރޭލިޔާގެ ސެމް ބްލޫމް އާއި އޭނާގެ ފިރިމީހާ ކެމެރަން ބްލޫމް އަދި ތިން ދަރިންނާއި، އެ އާއިލާއަށް އުފާވެރިކަން ގެނެސްދިން ކޮވެލި "ޕެންގުއިން" އެކުގައި

"ޑޮކްޓަރު ވަދެ ބުނެފި 'މެދު މިންވަރާއި އެންމެ ގޯސް މިންގަނޑުން ބަލަންޏާ ކަލޭގެ ހާލަތު ވަނީ އެންމެ ގޯސް ދަރަޖާގައި،" ޑޮކްޓަރުގެ ވާހަކަ، ސެމް ކިޔައިދިނެވެ.

"އަހަންނަށް އަލުން ހިނގިދާނެހޭ، އެވަގުތު އަހަރެން އެހިން."

"އޭނާ ސީދަލަށް ބުނި ދެނެއް ނުހިނގޭނޭ،" ސެމް ކިޔައިދިނެވެ.

އެހާ ހިސާބުން ހުރިހާ ކަމެއް ނިމުނީ އެވެ.

"އެއީ އަހަންނާ ދިމާއަށް މީހަކު ބުނި އެންމެ ނުބައި ވާހަކަ. މޫނު މަތީގައި ފޮތިގަނޑު އަޅާލައި، އަހަންނަށް ރޮއިގަނެވުނު. އޭގެ ފަހުން އަހަންނެއް ނުދެކެން އެ ޑޮކްޓަރެއް."

ފުން ޑިޕްރެޝަނެއްގެ ތެރެއަށް ސެމް ވެއްޓުނީ އެ ހަގީގަތާ އެކު އެވެ. އަމިއްލަ ނަފުސު ގޯސްކުރެވެން ފެށުނެވެ. ހަލާކުވެފައި ހުރި ލަކުޑި ޗެންޗޭނުގައި އެދުވަހު ލެނގިލެވުނީތީ ރުޅިއާދެވުނެވެ.

ސެމް އޭނާގެ ތިން ދަރިންނާއި "ޕެންގުއިން"އާ އެކު: ތައިލެންޑްގައި ޗުއްޓީ ހޭދަކުރަނިކޮށް ވެއްޓި ސެމްގެ މެއިން ފެށިގެން ތިރި ވަނީ ވާގިނެތިފައި

ސެމް އޭނާގެ ތިން ދަރިންނާއި "ޕެންގުއިން"އާ އެކު: ތައިލެންޑްގައި ޗުއްޓީ ހޭދަކުރަނިކޮށް ވެއްޓި ސެމްގެ މެއިން ފެށިގެން ތިރި ވަނީ ވާގިނެތިފައި

ހޮސްޕިޓަލްގައި ދެން ހޭދަކުރި ހަ މަސް ދުވަހަކީ އެންމެ އުނދަގޫ ބޮޑުވި، ސަލާމަތްވާނެ މަގެއް ނުފެނުނު ދުވަސްތަކެވެ. ހޮސްޕިޓަލަށް ޒިޔާރަތްކުރާ ދުވަސްދުވަހު ފިރިމީހާ ކެމެރަން އާއި ތިން ކުދިންނަށް ފެނުނީ ސެމް ރޮމުން ދިޔަ ތަނެވެ. ސިޑްނީގެ ގޮނޑުދޮށުގައި ހުރި އެ މީހުންގެ ގެއަށް ސެމް އެނބުރި އަންނަންވާ އިރަށް ފަސޭހައިން އޭނާގެ ވީލްޗެއާ ބޭނުންކުރެވޭ ގޮތަށް ކެމެރަން ދިޔައީ ގެއަށް ބަދަލުތައް ގެންނަމުންނެވެ.

"އަހަރެމެން އެންމެން ތިބީ ސެމް އެނބުރި ގެއަށް އަންނަ ދުވަހެއްގެ އިންތިޒާރުގައި. އަހަރެމެން ހީކުރީ ހުރިހާ ކަމެއް ވެސް ރަނގަޅުވެ، އޭނާ އަށް ހިތްވަރު ލިބޭނެ ކަމަށް."

އެކަމަކު ދިމާވީ އޭގެ އިދިކޮޅެވެ.

ގެއަށް އައުމުން ސެމްއަށް ކުރިމަތިލާން ޖެހުނީ އޭގެ ކުރިން އޭނާ ކޮންމެ ދުވަހަކު ކުރަމުން އައި ކަންކަން ނުކުރެވޭނެ ނުކުޅެދުންތެރިކަމާ އެވެ. ރާޅާ އެޅުމާއި ގޮނޑުދޮށުގައި ދުވުމަކީ ކުރިން އޭނާގެ ދިރިއުޅުމުގެ ބައެކެވެ. އަނެއްކާ އޭނާގެ ގެ ހުރީ އޭނާ އެންމެ ގަޔާވެގެން ރާޅާއަޅާ ސަރަހައްދުގަ އެވެ.

"އަހަރެން އަސްލު ހިތަށްއެރި މަރުވި ނަމަ މާ ރަނގަޅުވީހޭ،" ސެމް ބުންޏެވެ.

އެކަމަކު އެއްވެސް މީހަކު ހީނުކުރާ ކަހަލަ ކަމެއް އޭގެ ތިން މަސް ފަހުން ކުރިމަތިވި އެވެ. ތިން ދަރިންނާ އެކު ސެމް ދިޔައީ އޭނާގެ މަންމަ ކައިރިއަށެވެ. ވައި ގަދަ ދުވަހެކެވެ. މެދަށް ހުރި ދަރިފުޅަށް ފެނުނީ ހާލިން ވެއްޓިފައި އޮތް ކުޑަކުޑަ ކޮވެއްޔެކެވެ. އެ ނަގައިގެން އެ މީހުން ގެންދިޔައީ ގެއަށެވެ.

"އަހަރެމެން އެއަށް ނަން ދިނީ ޕެންގުއިންގެ ނަމުން، އެއީ ޕެންގުއިންއަކާ ވައްތަރުކަމުން،" ސެމް ބުންޏެވެ.

"ހުދު ކުލައިގެ އެ ދޫނި ހީވަނީ މަޑު ފުންގަނޑެއްހެން އަނެއްކާ ފައި އެހާ ބޮޑުމެ."

ފުރަތަމަ އެމީހުން ހީކުރީ އޭގެ ފިޔަގަނޑު ހަލާކުވެފައި ހުރި ކަމަށެވެ. ނަމަވެސް ދޫންޏަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ. އޭރު އޭގެ އުމުރުން ދެ ހަފުތާ ނުވަތަ ތިން ހަފުތާ އެވެ.

އޮސްޓްރޭލިޔާގެ ސެމް ބްލޫމް ވެއްޓި ވާވުމުން ލިބުނު މާޔޫސްކަން ފިލުވާލަދިން ދޫނި، އޭނާގެ ފައި މަތީގައި އިށީދެ

އޮސްޓްރޭލިޔާގެ ސެމް ބްލޫމް ވެއްޓި ވާވުމުން ލިބުނު މާޔޫސްކަން ފިލުވާލަދިން ދޫނި، އޭނާގެ ފައި މަތީގައި އިށީދެ

ދޫންޏާ ބެހޭ ތަޖުރިބާކާރަކު އެ މީހުން ގާތު ބުނީ އެ ކޮވެލި ގެންގުޅުމަކީ އުނދަގޫ މަސައްކަތެއް ކަމަށެވެ. ކޮންމެ ދެ ގަޑިއަކުން ކާން ދޭން ޖެހޭނެ ކަމެވެ. ސެމްގެ އާއިލާ އިން ނިންމީ އެ ދޫނި ސަލާމަތްކުރުމަކީ އެންމެން އެކުވެގެން ކުރަން ރަނގަޅު މަސައްކަތެއް ކަމަށެވެ.

"އޭތި އަހަރެން ކައިރީގައި އުޅެން އަހަރެން ބޭނުންވި، އެއީ ހަމަ ރަނގަޅު ބައިވެރިއެއް،" ސެމް ބުންޏެވެ.

"ދޫނި ގެއަށް ގެނައި ވަގުތުން ފެށިގެން އަހަރެންގެ ދެ ފައި މަތީގަ އާއި ކޮނޑުގައި އިންނަން އޭތި ލޯބިކުރި. އަހަރެމެން އެންމެން ހެއްވާލާ."

ކުރިން ގެއްލިފައި އޮތް އަމިއްލަ ނަފުސުގެ އިތުބާރު ލިބި، ސެމްގެ ދިރިއުޅުން ބަދަލުވި އެވެ.

"އަހަރެން އެ ދޫންޏާ ވާހަކަ ދެއްކިން، އަހަރެންގެ ހާލު ކިޔައިދިނިން،" ސެމް ބުންޏެވެ.

ޕެންގުއިން ވަރަށް އަވަހަށް މޫޑީވެ އެވެ. ބައެއް ދުވަސް ދުވަހު އަތުގައި ދައިގަނެ އެވެ. ގޭތެރެއަށް ސީނުލާނެ ގޮތަކަށް ތަރުބިއްޔަތެއް ނުކުރެވުނެވެ. އެކަމަކު ގެއިން ބޭރުގައި ނިދަން އާދަކުރި އެވެ. ކޮންމެ ދުވަހެއްގެ ހެނދުނު ހައެއް ޖެހުމާ އެކު ގޭގެ ފަހަތު ދޮރު ކައިރިއަށް އައިސް މަޑުކޮށްލަ އެވެ.

ކެމެރަން އަކީ ޕްރޮފެޝަނަލް ފޮޓޯގްރާފަރެކެވެ. ކޮވެލީގެ ހަރަކާތްތަކާއި، އޭނާގެ އާއިލާއާ އެކު އޭތި ވޭތުކުރި ވަގުތުތަކުގެ ހިތްގައިމު ފޮޓޯތައް ނަގަން ފެށި އެވެ. އަދި އިންސްޓަގްރާމް އެކައުންޓެއް ހުޅުވައި، ލާން ފެށި ފޮޓޯތަކަށް އެތައް ހާސް ބަޔަކު ގަޔާވި އެވެ.

ޕެންގުއިން ބޮޑުވެ، އަމިއްލަ މިނިވަންކަން ބޮޑުވަމުން ދިޔަ ވަރަކަށް، ގެއިން ބޭރުގައި ހޭދަކުރި ވަގުތުތައް ގިނަވި އެވެ. އެގޮތުން އެއް ފަހަރަކު ހަ ހަފުތާ އަށް އޭތި ގެއްލުނެވެ. އެކަމަކު ސެމްގެ އެއް ދަރީގެ 13 ވަނަ އުފަން ދުވަހު ހަމަ ކުއްލިއަކަށް ކޮވެލި އެގެއަށް ޒިޔާރަތްކުރި އެވެ. އެފަހަރު އަށް މަސް ދުވަސް ވަންދެން ގޭގައި އުޅުނެވެ.

އާއިލާއާ އެކު ދޫނި އުޅެނިކޮށް ކެމެރަން 14،000 ފޮޓޯ ނަގާފައިވެ އެވެ. އެ ފޮޓޯތައް މަޝްހޫރުވިޔަސް، އޭގެ ފަހަތުގައި އޮތް، އާއިލާއަކަށް ދިމާވި ހިތާމަވެރި ހާދިސާގެ ހަގީގަތެއް އެކަކަށް ވެސް ނޭނގެ އެވެ. އެ ވާހަކަ އާންމުންނާ ހަމައަށް ގެނެސްދިނީ ލިއުންތެރިޔާ ބްރެޑްލީ ޓްރެވާ ގްރޭވް އެވެ. އޭނާ ވަނީ ކެމެރަންގެ ފޮޓޯތައް ބޭނުންކޮށްގެން ފޮތެއް ލިއެފަ އެވެ. ސެމް ވެއްޓިފައި އޮތް ތަން ފެނިފައި ދަރިންނަށް ވީ ގޮތް ސެމް އަށް ފުރަތަމަ އެނގުނީ ވެސް އެ ފޮތުންނެވެ.

"އަހަންނަށް ދިމާވި ހާދިސާ ކިޔާލުމުން ރޮވުނު،" ސެމް ބުންޏެވެ.

ކެމެރަން ގަބޫލުކުރާ ގޮތުގައި އެ މީހުންނަށް އެ ކޮވެލި ސަލާމަތްކުރެވުނު ގޮތަށް އެ ދޫނި ވަނީ ސެމް ވެސް ސަލާމަތްކޮށްދީފަ އެވެ.

"ގެއަށް ސެމް ގެނައި އިރު އޭނާ އަށް އެއީ އަނދިރި ތަނެއް އަދި އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ޕެންގުއިން އައުމާ އެކު ގޭތެރޭގެ މޫޑު ބަދަލުވެއްޖެ. ސެމް އަށް އެ ދިރުން ގެނެސްދިނީ އެ ދޫނި،" ކެމެރަން ބުންޏެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން ޕެންގުއިން ދިޔަ ގޮތަކަށް އަދި ނުފެނެ އެވެ. އެ ކޮވެލި އެނބުރި އަންނަން ސެމް ކިތައްމެހާ ވެސް ބޭނުމެވެ. އެކަމަކު އަލުން އެ ދޫނި ނުފެނުނަސް، ސެމް އާއި އޭނާގެ އާއިލާ އަށް ޝަކުވާއެއް ނެތެވެ. ކުޑަކުޑަ ކޮވެލި އެގެއަށް ގެނެސްދިން ދިރުން އެއަށް ވުރެ މާ ބޮޑެވެ.

މިއީ ބީބީސީގެ ވިބެކޭ ވެނެމާ ލިއުނު ރިޕޯޓްގެ ތަރުޖަމާއެއް