Roadha Mihaaru
އިންޑިއާ މީހަކު ރާއްޖޭގައި މަރާލި ކަމަށް ބުނެ ޕޮލިހަށް

އިންޑިއާގެ މަސައްކަތު މީހަކު ރާއްޖޭގައި މަރާލި ކަމަށް ބުނެ އިންޑިއާ ފުލުހުންނަށް ހުށަހަޅައިފި

05 ސެޕްޓެމްބަރ 2016

ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު އިންޑިއާ މީހަކު މަރާލި ކަމަށް ބުނެ އޭނާގެ އާއިލާ އިން އިންޑިއާ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު އިންޑިއާ މީހަކު މަރާލި ކަމަށް ބުނެ އޭނާގެ އާއިލާ އިން އިންޑިއާ ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ޓެމިލް ނާޑޫގެ ސިޓީއެއް ކަމަށްވާ ޓްރިޗީގައި ނެރޭ އެޑިޝަނުން ބުނި ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރަން އުޅުނު ރާޖާ ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ އިންޑިއާ ފިރިހެނަކު މަރާލާފައިވާ ކަމަށް އޭނާގެ އާއިލާ އިން ދަނީ ބުނަމުންނެވެ.

ރާޖާ މަރުވެފައިވާ ކަމަށް ބުނެ އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ކުންފުނިން އާއިލާ އަށް އެންގީ، ޓައިމްސް އޮފް އިންޑިއާގައިވާ ގޮތުން، މިދިޔަ މަހުގެ 27 ގަ އެވެ. އެކަމަކު، އޭގެ "ގަޑިއިރުތަކެއް ކުރިން"، ހަމަ އެ ދުވަހު އިންޑިއާގައި ތިބި އަންހެނުންނަށާއި އާއިލާ އަށް ރާޖާ ގުޅައި ފޯނުން ވާހަކަދައްކާފައިވާ ކަމަށް އާއިލާ އިން ބުނާ ކަމަށް އެ ނޫހުގައިވެ އެވެ.

ޓެމިލް ނާޑޫގެ އަރިޔަލާ އަވަށުގެ ސެންތުރާއީ ނަމަކަށް ކިޔާ ހިސާބުގަނޑަށް އުފަން ރާޖާގެ ހަށިގަނޑު އިންޑިއާ އަށް ގެންދިޔައީ، ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އެވެ. އެކަމަކު، ރާޖާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ ހަށިގަނޑާ ހަވާލުވާން އާއިލާ އިން ދެކޮޅު ހަދައި އަރިޔަލާ އަވަށުގެ ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް އެ ނޫހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ރާޖާގެ ހަށިގަނޑު ވަނީ، ނޫހުން ބުނި ގޮތުގައި، ޕޯސްޓްމޯޓަމް ހަދަން އަރިޔަލާ އަވަށުގެ ސަރުކާރު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އަދި އިތުރު ތަހުލީލުތައް ކުރަމުން އަންނަ ކަމަށް އެ ނޫހުން ބުންޏެވެ.

ރާޖާގެ ފުރިހަމަ ނަމެއް ޓައިމްސް އޮފް އިންޑިއާގެ ޚަބަރަކު ނެތެވެ. އޭނާ މަރުވިއިރު ރާއްޖޭގައި މަސައްކަތް ކުރާތާ 10 މަސްދުވަސް ވެފައިވާ ކަމަށް އެ ނޫހުން ބުންޏަސް، އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ކުންފުނީގެ ތަފްސީލާއި ކުރަމުން ދިޔަ މަސައްކަތުގެ ބާވަތް އެ ނޫހުން ބުނެފައެއް ނުވެ އެވެ.

މި މައްސަލަ ދިވެހި ފުލުހުންނަށް ހުށަހެޅި ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.