02 ޖޫން 2019
ސްޓެލްކޯއަށް އަމިއްލަ ކުންފުންޏަކުން ސަޕްލައިކޮށްދިން ފޯކްލިފްޓެއް ބަލައިގަތުމަށް ދެކޮޅު ހަދައި، އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރުމަށް ހުށަހެޅި މައްސަލާގައި ސްޓެލްކޯއާ ދެކޮޅަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ސްޓެލްކޯއަށް އަމިއްލަ ކުންފުންޏަކުން ސަޕްލައިކޮށްދިން ފޯކްލިފްޓެއް ބަލައިގަތުމަށް ދެކޮޅު ހަދައި، އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރުމަށް ހުށަހެޅި މައްސަލާގައި ސްޓެލްކޯއާ ދެކޮޅަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ވެސް ދަމަހައްޓައިފި އެވެ.
ސްޓެލްކޯ އާއި ސެންޓާ އެންޓަ ޕްރައިސަސްއާ ދެމެދު 2010 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން ސެންޓާ އެންޓް ޕްރައިސަސް އިން ސްޓެލްކޯ އަށް ގެނެސްދިން ފޯކްލިފްޓްގެ މައްސަލަ ޖެހުނީ އެ ފޯކްލިފްޓަކީ އެއްބަސްވުމުގައި ބުނާ ފަދަ ހަ ޓަނުގެ ފޯކްލިފްޓެއް ނޫން ކަމަށާއި އެއީ 4.6 ޓަނުގެ އުޅަނދެއް ބުނެ އެ އުޅަނދު ބަލައިގަތުމަށް ސްޓެލްކޯ އިން ދެކޮޅު ހެދުމުންނެވެ.
އެ ފޯކްލިފްޓް ސްޓެލްކޯގެ ގޯތިތެރޭގައި ބާއްވާފައި އޮތުމުން އެ ކުންފުނިން ދައުވާކުރީ އެ އުޅަނދު އެތަނުން ނެރުމަށް ސެންޓާ އެންޓަ ޕްރައިސަސްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ. އެ މައްސަލާގައި ސިވިލް ކޯޓުން 2015 ގައި ސެންޓާ އެންޓަ ޕްރައިސަސްގެ މައްޗަށް ހުކުމްކުރީ އެ އުޅަނދު ސްޓެލްކޯގެ ގޯތި ތެރެއިން ނެރުމަށެވެ. އެކަމަކު ފަހުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.
އެ މައްސަލަ ސްޓެލްކޯ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައިވަނީ ސްޓެލްކޯ އަށް ގެނެސްދިނީ ހަ ޓަނުގެ ފޯކްލިފްޓެއް ކަން ސެންޓަ އެންޓަ ޕްރައިސަސް އިން ކޯޓަށް ހުށަހެޅި ލިޔުންތަކުން އެނގެން އެބައޮތް ކަމަށެވެ. އެ ފޯކްލިފްޓްގެ ނަމްބަރު ޕްލޭޓްގައި އެއީ 4.6 ޓަނުގެ އުޅަނދެއް ކަމަށް ލިޔެފައި އޮތަސް، އެ ފޯކްލިފްޓް އުފެއްދި ބޭރުގެ ކުންފުނިން ދީފައިވާ ލިޔުންތަކަށް ބަލާއިރު ވެސް، އެއީ ހަ ޓަނުގެ އުޅަނދެއް ކަން އެނގެން އެބައޮތް ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. އަދި އެ އުޅަނދުގެ ރަނގަޅު ނަމްބަރު ޕްލޭޓެއް ފޮނުވައިދޭނެ ކަމުގެ ޔަގީންކަން އެ އުޅަނދު އުފެއްދި ކުންފުނިން ދީފައިވާ ކަން ވެސް އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ.
މީގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީ އާއި ކަސްޓަމްސްގެ ލިޔުންތަކަށް ބަލާއިރު ވެސް ސްޓެލްކޯ އަށް ގެނެސްދީފައިވަނީ ހަ ޓަނުގެ އުޅަނދެއް ކަން އެނގޭ ކަމަށާއި އަދި އެ އުޅަނދުގެ ރޯޑްވާދިނަސް ރާއްޖޭގައި ހެދި ކުންފުނިން ދީފައިވާ ލިޔުންތަކުން ވެސް އެއީ ހަ ޓަނުގެ ފޯކްލިފްޓެއް ކަން އެނގެން އެބައޮތް ކަމަށް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވަނީ އެއީ ހަ ޓަނުގެ ފޯކްލިފްޓެއް ނޫން ކަމަށް ސްޓެލްކޯ އިން ގަބޫލު ކުރަނީ އެ އުޅަނދުގެ އެންމެ މަތީ ސްޓޭޖްގައި އޭގެ ދަތްގަނޑު ބަހައްޓައިގެން މުދާ އުފުލާއިރު ހަ ޓަނުގެ ބަރުދަނުގެ އެއްޗެއް ނުއުފުލޭނެތީ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ.
އެކަމަކު ފޯކްލިފްޓް ހޯދުމަށް ސެންޓަ އެންޓަ ޕްރައިސަސްއާ ދެމެދު ހެދި އެއްބަސްވުމުގައި، އެ އުޅަނދުގެ އެންމެ މަތީ ސްޓޭޖްގައި ދަތްގަނޑު ބަހައްޓައިގެން ހަ ޓަނު އުފުލެން ޖެހޭނެ ވާހަކަ ބަޔާން ކޮށްފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި ތިން ވަނަ ސްޓޭޖްގައި ބަހައްޓައިގެން މުދާ ނުއުފުލުނަސް، އޭގެ ފުރަތަމަ ސްޓޭޖްގައި ދަތްގަނޑު ބަހައްޓައިގެން ހަ ޓަނުގެ މުދާ އުފުލޭނެ ކަމަށް ސްޓެލްކޯ އިން ސުޕްރީމް ކޯޓުގައި އެއްބަސްވެފައިވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ހުކުމުގައިވާ ގޮތުން ސްޓެލްކޯ އިން އެކްސްޕާޓެއްގެ ގޮތުގައި ޝަރީއަތަށް ހުށަހެޅި ފަރާތުން ވެސް، އެއީ ހަ ޓަނުގެ ފޯކްލިފްޓެއް ކަމަށް ބަޔާން ދީފައިވެ އެވެ. އެހެންވެ، ސެންޓަ އެންޓަ ޕްރައިސަސްއިން ގެނެސްދިނީ އެއްބަސްވުމުގައި ބަޔާން ކޮށްފައި ނެތް ފަދަ ފޯކްލިފްޓެއް ކަން ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ އެ ފޯކްލިފްޓް ސްޓެލްކޯގެ އިމާރާތުން ނެރެން ސެންޓާ އެންޓަ ޕްރައިސަސްގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށާއި އެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށްއެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ފޯކްލިފްޓްގެ މައްސަލަ ސްޓެލްކޯއާ ދެކޮޅަށް ނިމުނުއިރު، އެ ފޯކްލިފްޓްގެ އަގާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން ސެންޓާ އެންޓަ ޕްރައިސަސް އިން އޮތީ ސްޓެލްކޯއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ.
46 މިލިއަންގެ މައްސަލަ އަދި ކުރިއަކަށް ނުގެންދެވޭނެ
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވި މައްސަލަ ބަލައިނުގަތް
ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވުމުން ސުޕްރީމް ކޯޓަށް
އެއްބަސްވުން ނެތި އިންވޮއިސްއިން ޖޫރިމަނާ ނުނެގޭނެ
ފަރިިވާގައި ރޯވުން: ސުޕްރީމްކޯޓުން ސެޓްލްކޯއަށް ކާމިޔާބު
ސްޓެލްކޯ އިން އިލެކްޓްރިކް ވެހިކަލް އެސެމްބަލް ކުރަނީ
ފަރިވާ ފިހާރާގައި ރޯވުން:ސުޕްރީމްކޯޓުން ހުކުމާ ހަމައަށް
"ސްޓެލްކޯއަށް ގެނެސްދިނީ ހަ ޓަނުގެ ފޯކްލިފްޓެއް"
ފޯކްލިފްޓްގެ މައްސަލަ ނުނިމިގެން ޝަކުވާކުރަނީ
40 މިލިއަން ހޯދަން ސެންޓަ އެންޓަޕްރައިސަސް ކޯޓަށް