Roadha Mihaaru
ވިޔަފާރިވެރިންނަށް ރަނގަޅު ރޯދަމަހެއް

ވިޔަފާރިވެރިންނަށް ރަނގަޅު ރޯދަމަހެއް

05 ޖޫން 2019

މިދިއަ ރޯދަމަހުގެ ވިޔަފާރި ކުރީ އަހަރަށް ވުރެ ރަނގަޅު ކަމަށް، މާލޭގެ ބޮޑެތި ބައެއް ފިހާރަތަކުން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިއަ ރޯދަމަހުގެ ވިޔަފާރި ކުރީ އަހަރަށް ވުރެ ރަނގަޅު ކަމަށް، މާލޭގެ ބޮޑެތި ބައެއް ފިހާރަތަކުން ބުނެފި އެވެ.

ރީޓެއިލް ވިޔަފާރި ރޭއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ ރެޑްވޭވްގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ޝަހީމު ވިދާޅުވީ މިދިޔަ އަހަރުގެ ރޯދަ މަހަށް ވުރެ މި އަހަރުގެ ރޯދަ މަހު ރެޑްވޭވްގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ރެޑްވޭވުން މާލޭގައި 10 ފިހާރަ ހިންގާ އިރު މިދިއަ ރޯދަ މަހު އެންމެ ބޮޑު ޑިމާންޑެއް އޮތީ އެތަނުން ވިއްކާ ލަންޒާ ބްރޭންޑްގެ އެއާ ކޮންޑިޝަނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ބަދިގެ ސާމާނާއި ހައުސްހޯލްޑް ގުޑްސްއަށް ބޮޑު ޑިމާންޑެއް އޮތް. ކާބޯތަކެތީގެ އަގުތައް މި ރޯދަ މަހު އެއް ވަރެއްގައި ހިފެހެއްޓުނު،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރޯދަމަހަށް ހާއްސަކޮށް ކާނާގެ ބައެއް ބާވަތްތައް ރެޑްވޭވުން އިތުރަށް ގެނަ އެވެ.

އެސްޓީއޯ ސުޕަމާޓް ފިހާރައިން ބަޔަކު ތަކެތި ގަންނަނީ---ފޮޓޯ:ހުސައިން ވަހީދު/މިހާރު

އެސްޓީއޯ ސުޕަމާޓް ފިހާރައިން ބަޔަކު ތަކެތި ގަންނަނީ---ފޮޓޯ:ހުސައިން ވަހީދު/މިހާރު

ރީޓެއިލް ވިޔަފާރި ކުރާ ޝޮޕް އެންޑް ސޭވްގެ އެޑްމިނިސްޓްރޭޓިވް މެނޭޖަރު އައިޝަތު އަބްދުﷲ ވިދާޅުވި ގޮތުގައި މިދިއަ ރޯދަ މަހު އެ ފިހާރަ 24 ގަޑި ހުޅުވާފައި ހުރުމުން ކުރީ އަހަރަށް ވުރެ ވިޔަފާރި 40 ޕަސެންޓް މައްޗަށް ދިޔަ އެވެ.

އެ ފިހާރައިން އެންމެ ބޮޑަށް ވިކުނީ ކާބޯތަކެއްޗެވެ.

"ފްރޯޒަން އައިޓަމްތަކުގެ ޑިމާންޑު ބޮޑު. ކޭންޑް ފުޑް ވެސް ވަރަށް ގިނަ އަދަދަށް ވިއްކުނު،" އައިޝަތު ވިދާޅުވި އެވެ.

ނިއު ޗެއިން ފިހާރައިން ވާހަކަ ދެއްކި މީހަކު ބުނީ މިދިއަ ރޯދަ މަހު ހުރިހާ ބާވަތެއްގެ އަގު ވެސް އެއް ހަމައެއްގައި ހިފެހެއްޓުނު ކަމަށެވެ. އެކަމަކު ރޯދަމަހުގެ އާމްދަނީ އިތުރުވި ކަމަށް އޭނާ ބުންޏެވެ.

އެސްޓީއޯ ސުޕަމާޓް ފިހާރައިން ބަޔަކު ތަކެތި ގަންނަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު

އެސްޓީއޯ ސުޕަމާޓް ފިހާރައިން ބަޔަކު ތަކެތި ގަންނަނީ --ފޮޓޯ:ހުސައިން ވަހީދު/މިހާރު

ޑެލިވަރީކުރުމުގައި ދަތިތަކެއް

ރޯދަމަހުގެ ވިޔަފާރި ރަނގަޅުވުމުގެ އުފާ ގިނަ ވިޔަފާރިވެރިންނަށް އޮތް އިރު އެ މީހުން ވަނީ އުނދަގޫތަކެއް ވެސް ތަހައްމަލްކޮށްފަ އެވެ. އެކަމަކު އެއީ މިހާރު މާލޭގެ މަގުމަތީގެ ކާރުބާރު ބޮޑުވެގެން ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއްގެ ސަބަބުން ދިމާވި މައްސަލަތަކެކެވެ.

ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ފިހާރަތަކަށް ފެން ލިބުމުގައި ކުރިމަތިވި އުނދަގޫތައް ބޮޑެވެ. ފެނަކީ ފިހާރަތަކުން ގިނަ އަދަދަކަށް ވިއްކާ ބާވަތެކެވެ. އެކަމަކު ވަކި ގަޑިތަކެއްގައި ޑެލިވަރީކުރެވޭ ގޮތަށް އޮތުމުންނާއި އެ ގަޑިތަކުގައި ވެސް ތޮއްޖެހުން ބޮޑުވެ، ފެން އައުން ލަސްވުމުން، ވިޔަފާރިއަށް ކޮންމެވެސް ވަރެއްގެ ބުރޫތަކެއް އެރި އެވެ.

"ދުވާލެއްގެ މައްޗަށް 200 ކޭސް ފެން އެބަ ވިއްކަން. ފެން ޑެލިވަރީ ކުރުމުގައި ދަތިވި،" އެއް ވިޔަފާރިވެރިޔަކު ބުންޏެވެ.

"އެކަމަކު ފެން ހޯދަން ބޭނުން ކޮންމެ ވަގުތެއްގައި ފެން ކުންފުނިތަކަށް ދިއުމުން ލިބޭ."

ރޯދަމަހު މުދާ އުފުލަން ހާއްސަ ގަޑިތަކެއް ކަނޑައެޅީ ވެސް މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުންނެވެ. އޭގެ ސަބަބުން ވިޔަފާރިވެރިންނަށް ކޮންމެވެސް ވަރެއްގެ ހުރަސްތަކެއް ކުރިމަތިވިޔަސް ޖުމްލަކޮށް ބަލާއިރު ރޯދަމަސް ނިމުނީ ހިތްހަމަޖެހޭ ފަދަ އާމްދަނީއެއް ލިބިގެންކަން، ބައެއް ވިޔަފާރިވެރިންގެ ވާހަކަތަކުން އެނގެ އެވެ.