Roadha Mihaaru
އީދު ނަމާދަށް ދިޔަ ވަގުތު މާލޭގެ ގެއެއް ފަޅާލައިފި

އީދު ނަމާދަށް ދިޔަ ވަގުތު މާލޭގެ ގެއަކުން 60،000ރ. ވަގަށް ނަގައިފި

04 ޖޫން 2019

މިއަދުގެ އީދު ނަމާދަށް ދިޔަ ވަގުތު މާލޭގެ ގެއެއް ފަޅާލައި 60،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިއަދުގެ އީދު ނަމާދަށް ދިޔަ ވަގުތު މާލޭގެ ގެއެއް ފަޅާލައި 60،000 އަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މައްޗަންގޮޅި ގެއެއްގެ ދޮރު ހަލާކުކޮށްލައިގެން ވައްކަން ކޮށްފައި ވަނީ އެ ގޭގައި އެއްވެސް މީހަކު ނޫޅޭ ގަޑިއެއް ބަލާފައި ކަމަށެވެ. ބިދޭސީން އުޅޭ އެ ގޭގެ އެންމެން އެ ވަގުތު ތިބީ އީދު ނަމާދަށް ގޮސްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި، މި ވައްކަމުގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު 8:30 ހާއިރު އެވެ. ފައިސާގެ އިތުރުން ފޯނެއް ވެސް އެ ގެ އިން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.

އެކަމަކު، ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިދިޔަ ރޯދަ މަހަކީ މާލެ އާއި ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ ބޮޑެތި ޖަރީމާތަކެއް ހިންގި މަހެކެވެ. އެގޮތުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުންނަށް އާންމުން ނުކުމެ އަދަބު ވެސް ދިނެވެ. އަދި ވައްކަމާއި ފޭރުމުގެ ބައެއް މައްސަލަތަކުގައި ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފިތުރު އީދަށް ރަށުން ބޭރަށް ދާ ނަމަ ވަގުންނަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ފުލުހުން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފިތުރު އީދު ދުވަހު އެންމެ ގިނައިން ހުށަހެޅީ ވައްކަމުގެ މައްސަލަތަކެވެ. އީދާ ގުޅުވައިގެން ވައްކަމުގެ މައްސަލަތައް އިތުރުވާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުމުގެ ބަދަލުގައި ކޭޝް ކާޑު ގެންގުޅުމާއި ގެސްޓް ހައުސްތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމާއި ސައިކަލުތައް ރަނގަޅަށް ތަޅުލުމާއި ގެއިން ބޭރަށް ދާނަމަ ރަނގަޅަށް ތަޅުލުން ފަދަ ކަންތައްތައް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.

މި ފަހުން ވައްކަން ކޮށްފައި ވަނީ ވެސް، ދުރާލައި ރާވައިގެން ފަސޭހަ އިން ފުރުސަތު ލިބިގެން ކަމަށް ފުލުހުން ބުނެ އެވެ.