Roadha Mihaaru
ހުޅުމާލޭގައި ފޭރުނު މީހުންނާއި ފައިސާ ވެސް ނުހޯދޭ

ހުޅުމާލޭގައި ފޭރުނު މީހުންނާއި ފައިސާ ވެސް ނުހޯދޭ

05 ޖޫން 2019

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. (381،300ރ.) ފޭރުނު މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި މީހެއްގެ އަތުން 15،000 ޑޮލަރާއި 150،000ރ. (381،300ރ.) ފޭރުނު މައްސަލައިގައި އަދިވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފޭރުނު ފައިސާ ވެސް ހޯދިފައި ނުވާ ކަމަށެވެ.

ހުޅުމާލޭގެ ސިޓީ އޮންލައިން އޭޝިއާ ކައިރިން އެ ފައިސާތައް ފޭރިގަތީ ދެ ސައިކަލެއްގައި ދިޔަ ހަތަރު މީހަކު ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހެލްމެޓު އަޅައިގެން ތިބި އެ މީހުން ފޭރުނީ މާލެ އިން ހުޅުމާލެ އަށް ދިޔަ މީހެއްގެ އަތުން ކަމަށް ވެސް ބުންޏެވެ.

އެ ހަތަރު މީހުން ފޭރުނީ ފުލުހުން ބުނިގޮތުގައި މާލެ އިން ހުޅުމާލެ އަށް ދިޔަ ސައިކަލްގެ މަޑިދަށުގައި ހުރި ފައިސާތަކެކެވެ. އެ ފައިސާތަކާ އެކު، އެ މީހާ ހުޅުމާލެ އަށް އެރިތަނުން އޭނާގެ ހެލްމެޓުގައި އެއްޗަކުން ޖަހައި ވައްޓާލުމަށް ފަހު، ސައިކަލްގެ މަޑި ހަލާކުކޮށް، ފައިސާތައް ފޭރުނީ އެވެ.

ހުޅުމާލެ އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދާދި ފަހުން އާދަޔާ ޚިލާފަށް ބޮޑެތި އަދަދުތަކުން ފޭރުން ވަރަށް ބޮޑަށް އާންމުވި އެވެ. ފޭރުމުގެ އެ ޖަރީމާތަކުގައި އެތައް މިލިޔަން ރުފިޔާއެއް ގެއްލިފައި ވާއިރު އޭގެ ތެރެއިން މަދު މިންވަރެއް ނޫނީ ހޯދިފައެއް ނުވެ އެވެ.

ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން މިހާތަނަށް ފެނުނު ކަމަށް ފުލުހުން ބުނެފައިވަނީ މަސް ކުންފުނި އެންސިސްގެ 2.3 މިލިއަން ރުފިޔާ އާއި ބީއެޗްއެމްގެ 1.3 މިލިއަން ރުފިޔާ އާއި މިފްކޯގެ ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ތެރެއިން ހަތް ލައްކައެއްހާ ރުފިޔާ އެވެ. މި މައްސަލަތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށް ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާކޮށްދިނުމަށް އެދި ފޮނުވައިފަ އެވެ.