Roadha Mihaaru
2 ކުދިންނާ ބެހުނުކަމަށް ތުހުމަތުކުރި މީހާ ދޫކޮށްލައިފި

ދެ ކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި

06 ޖޫން 2019

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ގަންހިންގަނިކޮށް ފުލުހުން ހައްޔަރުކުރި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކާ ބެހުނު ކަމުގެ ތުހުމަތުގައި ގަންހިންގަނިކޮށް ފުލުހުން ހައްޔަރުކުރި ފިރިހެން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނުދީ ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

މިދިޔަ މަހު 26 ގައި ގަންހިންގުވައި އުމުރުން 19 އަހަރުގެ އެ ފިރިހެން މީހާ އަށް ބަޔަކު އަނިޔާކުރީ އުމުރުން ހަ އަހަރާއި އަށް އަހަރުގެ ފިރިހެން ދެ ކުދިންނާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ އެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ކުޑަ ދެ ކުދިންނަށް ޖިންސީގޯނާކުރުމާއި އޮރިޔާން މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އޭނާގެ ފޯނުން އެ ކުދިންނަށް ދެއްކި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރަން މިއަދު ކޯޓަށް ގެންދިއުމުންނެވެ. ކްރިމިނަލް ކޯޓުން ދޫކޮށްލި އިރު، އޭނާގެ ބަންދަށް 12 ދުވަސް އިތުރުކޮށްދިނީ ހުޅުމާލޭ ކޯޓުންނެވެ.

ކްރިމިނަލް ކޯޓުން މިރޭ މީޑިއާ އަށް ބުނީ، އެ މީހާ ބަންދުގައި ބަހައްޓައިގެން އިތުރަށް ކުރާނެ ތަހުގީގެއް ނެތް ކަމަށް ބަންދު މަޖިލިހަށް ދިޔަ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ގެ ބަހުން އެނގޭ ކަމަށެވެ. އެހެންވެ އެ މީހާ ދޫކޮށްލީ ކަމަށް ކޯޓުން ބުންޏެވެ.

"...އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމަށް ބޭނުންވާ ސަބަބެއް ކަމަށް ފުލުހުންގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވަނީ އޭނާގެ ފުރާނަ އަށް ނުރައްކާ އޮތުމެވެ. ނަމަވެސް ރައްކާތެރިކަމާ އެކު، ދިރިއުޅެވޭނެ މާހައުލެއް އޭނާ އަށް އެބައޮތް ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ބުނެފައި ވެ އެވެ،" ކްރިމިނަލް ކޯޓުން ބުނެ އެވެ.

"އެހެންކަމުން އޭނާ އިތުރަަށް ބަންދުގައި ނުބަހައްޓައި ދޫކޮށްލާފައި ވަނީ މިކަމުގައި އިތުރަށް ކުރާނެ ތަހުގީގެއް ނެތް ކަމަށް އައިއޯގެ ބަހުން އެނގެން އޮތުމާ އެކު، އިސްވެ ދެންނެވުނު ސަބަބު އެގޮތުގައި ހުރުމުންނެވެ."

އޭނާ ދޫވި ސަބަބާ ގުޅޭގޮތުން ފުލުހުންނާ ސުވާލު ކުރުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ދޫކޮށްލީ ބަންދުގައި އިތުރަށް ބަހައްޓަން ނުފެންނާތީ ކަމަށެވެ. އިޖުރާއީ އެއްވެސް މައްސަލައެއް ދިމާނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ގަންހިންގުވުމަށް ފަހު ބަޔަކު ވަނީ ކުޑަ ދެ ކުދިންނާ ދޭތެރޭ އޭނާ ކަންތައްކުރި ގޮތް އަމިއްލަ އަށް ކިޔައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ވީޑިއޯގައި އޭނާ ބުނެފައިވާ ގޮތުގައި އެ ދެ ކުދިންނާ ހަތަރު ދުވަހެއްގެ މަތިން ބެހިފައި ވެ އެވެ. އޭގެ ތެރެއިން އެއް ކުއްޖެއްގެ އަތުގައި ނިޔަފަތި އެޅިފައި ހުރި ކަމަށާއި އަދި ކަންނޭލަކުން އެއްފަހަރު ޖަހާފައިވާ ކަމަށް ވެސް ބުންޏެވެ.