Roadha Mihaaru
އެތައް އަހަރަކު ޖިންސީ އަނިޔާކުރީ ބައްޕަގެ ރައްޓެއްސެއް

ބައްޕަގެ ރައްޓެހިކަމުގައި ގޮސް ކުއްޖަކަށް ޖިންސީ އަނިޔާ ކުރާތާ އެތައް އަހަރެއް

21 އެޕްރީލް 2022

ކުއްޖާގެ ބައްޕަގެ ރައްޓެހިކަމުގައި އެ ގެޔަށް ގޮސް އުޅުމުގެ ތެރޭ އެތައް އަހަރެއް ވަންދެން އެ ގޭގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުއްޖާގެ ބައްޕަގެ ރައްޓެހިކަމުގައި އެ ގެޔަށް ގޮސް އުޅުމުގެ ތެރޭ އެތައް އަހަރެއް ވަންދެން އެ ގޭގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަމުން ދިޔަ މީހަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައި ވަނީ ދެކުނުގެ ރަށެއްގައި، އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނަކު އޭނާ ދިރިއުޅޭ ގެއަށް 14 އަހަރުގެ ކުއްޖަކު ގަދަކަމުން ވައްދައި ޖިންސީ ގޯނާ ކޮށްފައިވާ ކަމަށާއި އެ ކުއްޖާގެ އުމުރުން 12 އަހަރުން ފެށިގެން އެކަން ކުރަމުން އަންނަ ކަމަށެވެ.

އޭނާ އެ ކުއްޖާ ދިރިއުޅޭ ގެއަށް ދަނީ އެ ކުއްޖާގެ ބައްޕަގެ ރައްޓެއްސެއްގެ ހައިސިއްޔަތުން ކަމަށް އަމުރުގައި ބުނެފައިވެ އެވެ. އަދި ތަކުރާރުކޮށް ޖިންސީ ގޯނާ ކުރުމަށް ފަހު، އެކަން އެއްވެސް މީހެއް ގާތު ބުނެފި ނަމަ މުޅި ރަށަށް ބޭޒާރު ކޮށްލާނެ ކަމަށް ބުނެ އެ ކުއްޖާ އަށް އިންޒާރު ދީފައިވާ ކަމަށް ވެސް އެ އަމުރުގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ ތަހުގީގު މަރުހަލާގައި އޭނާ 30 ދުވަހަށް ބަންދު ކުރުމަށެވެ. އޭނާ އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެއްކާ ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށާއި އެ ކުއްޖާ އަށް ޖިންސީ ގޯނާ ލިބިފައި ހުރިކަން ރިޕޯޓްތަކުން އެނގޭ ކަމަށް އެ އަމުރުގައި ބުނެފައިވެ އެވެ.

އޭނާ އެ ކުއްޖާ ގެއަށް ދިޔައީ ބައްޕަގެ ރައްޓެއްސެއްގެ ހައިސިއްޔަތުން ކަމަށް ވާތީ އޭނާ ބަންދުގައި ނުބަހައްޓައިފި ނަމަ އޭނާ އިތުރު ކުށެއް ކޮށްފާނެ ކަމަށާއި ނުވަތަ ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ވެސް އަމުރުގައި ބުނެފައިވެ އެވެ.