Roadha Mihaaru
އަނިޔާވީ ޝާހިދުގެ ބޮލަށް، އެކްސިޑެންޓް ހަނދާނެއް ނެތް

އެކްސިޑެންޓުގައި އަނިޔާވީ ޝާހިދުގެ ބޮލަށް، ހާދިސާ މާ ބޮޑަށް ހަނދާނެއް ނެތް

06 ސެޕްޓެމްބަރ 2016

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ސައިކަލު ދުއްވާލަން ނިކުމެ އުޅެނިކޮށް އެކްސިޑެންޓުވެ، އަންހެން އެކުވެރިޔާ މަރުވި ނަމަވެސް އެ ހާދިސާ ހިނގި ގޮތް، ސައިކަލު ދުއްވަން އިން މުހައްމަދު ޝާހިދު ހަނދާން ނެތް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލޭގައި ސައިކަލު ދުއްވާލަން ނިކުމެ އުޅެނިކޮށް އެކްސިޑެންޓުވެ، އަންހެން އެކުވެރިޔާ މަރުވި ނަމަވެސް އެ ހާދިސާ ހިނގި ގޮތް، ސައިކަލު ދުއްވަން އިން މުހައްމަދު ޝާހިދު ހަނދާން ނެތް ކަމަށް އާއިލާއިން މިއަދު ބުނެފި އެވެ.

ޝާހިދުގެ އާއިލާގެ ފަރާތުން ވާހަކަދެއްކި އޭނާގެ ދެބެންގެ ދެދަރި ބޭބެއެއް ކަމަށްވާ އިބްރާހިމް މަހުމޫދު ބުނީ ސައިކަލްގައި ކާރު ޖެހުމާ އެކު ޝާހިދު ވިއްސައިގެން ގޮސް ކަނދުރާގެ ކަށިގަނޑެއްގައި ރެނދު ލާފައިވާ ކަމަށެވެ.

"ޝާހިދުގެ ބޮލުގެ ފުއްކިބައިން ތަންގަނޑަކާއި ދަތްދޮޅި ކައިރިން ވެސް ވަރަށް ބޮޑަށް ފަޅައިގެން ދިޔަ. ކަރުގެ ކަށިގަނޑެއްގައި ވެސް ވަނީ ރެނދުލާފައި. އެހެންވެ، ވާހަކަ ދައްކަން އޭނާއަށް ވަރަށް އުނދަގޫ،" މަހުމޫދު ބުންޏެވެ.

ރ. ރަސްގެތީމަށް އުފަން ގާނޫނީ ވަކީލު ޝާހިދާއި އެކްސިޑެންޓުގައި މަރުވި ހަމަ އެ ރަށު ފާތިމަތު ޝިއުނާ، 28، އަކީ ކުރިއްސުރެ ދެ އެކުވެރިންނެވެ. ޝިއުނާ މާލެ އައީ އޭނާގެ މަންމަ އާއި އާއިލާގެ ބަޔަކު ހައްޖަށް ފުރުވާލުމަށެވެ. އެކަމަކު އާއިލާ މީހުން ހައްޖުން އަންނަން ދެން، ހަ އަހަރުގެ ފިރިހެން ދަރިފުޅާ އެކު އޭނާ ހުޅުމާލޭގައި މަޑުކުރީ އެވެ.

އެ އެކްސިޑެންޓް ހިނގީ ފަހަތުން ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް ސައިކަލުގައި ޖެހިގެންނެވެ. ހުޅުމާލޭ ނިރޮޅު މަގުގައި ހުންނަ އެޗްޑީސީގެ ނާސަރީ ކުރިމަތިން ކަހަލަ ގޮތަކަށް ހިނގި އެކްސިޑެންޓުގައި ޝިއުނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އޭނާ މަރުވީ އާދިއްތަ ދުވަހު ހެނދުނު އައިޖީއެމްއެޗުގަ އެވެ.

އެކްސިޑެންޓުގައި ޝާހިދަށް ސީރިއަސް އަނިޔާތަކެއް ވީ ނަމަވެސް މިހާރު އޭނާގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅެވެ. އެކަމަކު ހާދިސާ ހިނގި ގޮތް މާ ރަނގަޅަށް ހަނދާން ނެތް ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ.

މަހުމޫދު ބުނީ އެކްސިޑެންޓުވީ ގޮތް އޭނާ މާ ބޮޑަށް ހަނދާން ނުހުންނާތީ އެކަން ހިނގައިދިޔަ ގޮތް އާއިލާއަށް ވެސް ނޭނގޭ ކަމަށެވެ. އެކަމަކު މަންޒަރު ދުށް މީހުންގެ ވާހަކަތަކަށް ބަލާއިރު، ބާރު ސްޕީޑުގައި ކާރު އައިސް، ސައިކަލުގައި ޖެހުމުން ފަހަތުގައި އިން ޝިއުނާ މަގުމައްޗަށް ވެއްޓުނީ ކާރުގެ ބޮނެޓް މަތީގައި ވެސް ޖެހިފަ އެވެ.

އެކްސިޑެންޓުގައި ކާރުގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ކާރު ދުއްވަން އިން 22 އަހަރުގެ ފިރިހެން މީހާ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

މަހުމޫދު ބުނީ ޝާހިދުގެ ބޮލަށް ލިބުނު ގެއްލުން ބެލުމަށް އެމްއާރުއައި ހަދަން ތައްޔާރުވަމުން އަންނަ ކަމަށާއި އެއަށް ފަހު އިތުރު ފަރުވާ ދޭން ރާއްޖޭން ބޭރަށް ގެންދަން ޑޮކްޓަރުން ލަފާ ދޭ ކަމަށެވެ.

އެކްސިޑެންޓްވީ ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ކާރެކެވެ. އެކަމަކު އެވަގުތު އެ ކާރު ދުއްވީ ކުއްޔަށް ހިފައިގެންނެވެ.