Roadha Mihaaru
"ލޯނަށް އަލުން ހުޅުވާލާނަން، މި ފަހަރު ފަސޭހަވާނެ"

ލޯނަށް އެދެން އަލުން ހުޅުވާލާނަން، މިފަހަރު އުނދަގުލެއް ނުވާނެ: ހަޔަ އެޑިއުކޭޝަން

10 ޖޫން 2019

މަތީ ތައުލީމަށް ކިޔަވަން ހުޅުވާލި ލޯނު ގިނަ ބަޔަކަށް ނުލިބި މައްސަލަ ބޮޑުވުމުން، އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މަތީ ތައުލީމަށް ކިޔަވަން ހުޅުވާލި ލޯނު ގިނަ ބަޔަކަށް ނުލިބި މައްސަލަ ބޮޑުވުމުން، އަލުން ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ލޯނު އެހީ ހޯދުމަށް 993 ދަރިވަރުން ހުށަހެޅި އެވެ. އެކަމަކު އޭގެ ތެރެއިން ލޯނު ލިބުނީ އެންމެ 79 ދަރިވަރަކަށެވެ. މި މައްސަލައިގައި ދަރިވަރުން ޝަކުވާ އިންތިހާ އަށް ބޮޑުވެފައިވާ އިރު ފުރުސަތު ގެއްލުނީ އުސޫލާ ޚިލާފަށް ހުށަހެޅުމުން ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެ މިނިސްޓްރީން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ މަތީ ތައުލީމާއި ތަމްރީނު ދިނުމުގެ އުސޫލު ދަރިވަރުންނަށް ލުއި ފަސޭހަ ވާނެ ގޮތަކަށް މުރާޖައާ ކުރުމަށް ފަހު މި ހަފުތާގައި އަލުން ހުޅުވާލާނެ ކަމަށެވެ. އެއީ ރާއްޖެ އިން ބޭރުގައި ކިޔަވަން 242 ޖާގަ އަށް ހުޅުވާލި ނަމަވެސް ގިނަ ބަޔަކު ޑިސްކޮލިފައިވެފައިވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަލުން ހުޅުވާލާނީ އެޕްލިކޭޝަން ހުށަހެޅުން އިތުރަށް ފަސޭހަކޮށް، ލޯނު ބޭނުންވާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް ފުރުސަތު ފަހިކޮށްދޭން ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. މައި އެޑިއު ޕޯޓަލްގެ ތެރެއިން އެޕްލިކޭޝަން އެޑިޓްކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަލުން ދޭން ވަނީ ނިންމައިފަ އެވެ.

"މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފުރުސަތު ފަހިވެ ގިނަ ފަރާތްތަކަށް ލޯނު ލިބުމަކީ މި ސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒެވެ،" ބަޔާނުގައި ބުންޏެވެ.

ހަޔަ އެޑިއުކޭޝަނުން ބުނިގޮތުގައި ލޯނަށް ޑިސްކޮލިފައިވި ސަބަބު އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ. އަދި އެއް ސަބަބަށް ވުރެ ގިނަ ސަބަބުތަކަށްޓަކައި ފޯމު ޑިސްކޮލިފައި ހުރެދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.

ފޯމު ޑިސްކޮލިފައި ކުރި ސަބަބުތައް

- ސެޓްފިކެޓް އަދި ޑޮކިއުމެންޓްތަކުގެ ދެ ފުށް ހުށަހަޅާފައި ނެތުން.

- ސްކީމްގެ ދަށުން ކިޔަވަން ދާން ހުޅުވާލާފައި ނުވާ ގައުމަކުން ކިޔަވަން އެދިފައި ވުން.

- ކޯސް ހިންގާ ކަމުގެ ލިޔުން ހުށަހަޅާފައި ނެތުން.

- ކޯހަށް ވަނުމަށް ބޭނުންވާ އެމްކިޔުއޭގެ ޝަރުތު ފުރިހަމަ ނުވުން.

- ކުރީގެ ލޯނެއް ނުދައްކައި އޮތުން.

- އެޕްލިކޭޝަންގެ ހުރިހާ ބައެއް ފުރިހަމަކޮށްފައި ނެތުން.

- އިއުލާނާ އެއްގޮތަށް އެޓެސްޓޭޝަން ފުރިހަމަވެފައި ނެތުން.

- ހުށަހަޅަން ޖެހޭ ސްކީމް ނުވަތަ އެހެން ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައި ވުން.

- ކޮލިފައިވެ، ނަމަވެސް ކަނޑައަޅާފައިވާ 30 ސްލޮޓް ތެރޭގައި ނުހިމެނުން.

- ރިޕީޓް އެޕްލިކޭޝަން ހުށަހަޅާފައި ވުން.

- ޖެނުއަރީ 1، 2019، ގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރުން އަލަށް ކިޔަވަން ފަށާ ދަރިވަރުންގެ ކެޓަގަރީ އަށް ފޯމު ހުށަހަޅާފައި ވުން.

- ސެޓްފިކެޓް އެކްރިޑެޓް ކޮށްފައި ނެތުން.

- މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ގަބޫލުނުކުރާ ކޯސްތަކަށް ކުރިމަތިލާފައި ވުން.