Roadha Mihaaru
އިތުބާރު އޮތް އިލެކްޝަންސް ކޮމިޝަނެއް ބޭނުންވޭ:އިދިކޮޅު

އިތުބާރު އޮތް އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ޖެހޭ: އިދިކޮޅު

23 އެޕްރީލް 2018

މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ރުހުމާއި އިތުބާރު އޮތް އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުގެ ރުހުމާއި އިތުބާރު އޮތް އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން އިދިކޮޅު ފަރާތްތަކުން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާހަކަ ދެއްކެވި، މާފަންނު އުތުރު ދާއިރާގެ މެމްބަރު، އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަކީ ވަރަށް ބޮޑަށް ސިޔާސީ ކުލަ ޖެހިފައިވާ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ މުއައްސަސާއެއް ކަމަށެވެ. ގާނޫނުއަސާސީގައި، އެއީ މިނިވަން މުއައްސަސާއެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް އެތަނުން ހިމާޔަތް ކުރަނީ ވެރިކަން ކުރާ ޕީޕީއެމްގެ މަސްލަހަތު އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނަށް އަހްމަދު ޝަރީފް އައްޔަން ކުރެއްވީ ވެސް ސިޔާސީގޮތުން އެ ކޮމިޝަނަށް ނުފޫޒު ފޯރުވަން ކަމަށް ތުހުމަތު ކުރައްވައި، އޭނާ އަކީ ފާޅުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރައްވާ އަދި އެ މަނިކުފާނުގެ ކެމްޕޭނާއި ސިޔާސީ މަސައްކަތްޕުޅުގައި އެހީތެރިވެ ދެއްވަމުން އަންނަ ބޭފުޅެއް ކަމަށް އިންތި ވިދާޅުވި އެވެ.

"މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާފުވެރި އިންތިހާބެއް ކަށަވަރު ކޮށްދެވޭނެ އިލެކްޝަންސް ކޮމިޝަނެއް ނޫން. އެހެންވެ، ޖޮއިންޓް އިލެކްޝަންސް ކޮމިޝަނެއް އުފައްދަން ޖެހޭ،" އިންތި ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން: ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް މި މެމްބަރުން ވިދާޅުވާ ވާހަކަ އިދިކޮޅު ޕާޓީތަކުން ގަބޫލެއް ނުކުރޭ. --ފޮޓޯ/މިހާރު

އިލެކްޝަންސް ކޮމިޝަންގެ ފަސް މެމްބަރުން: ރިޔާސީ އިންތިހާބު މިނިވަންވާނެ ކަމަށް މި މެމްބަރުން ވިދާޅުވާ ވާހަކަ އިދިކޮޅު ޕާޓީތަކުން ގަބޫލެއް ނުކުރޭ. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެއީ ހުރިހާ ޕާޓީއެއްގެ ވެސް ރުހުން ލިބިފައިވާ އަދި އިތުބާރު އޮތް ކޮމިޝަނަކަށް ވާން ޖެހެ އެވެ. ރިޔާސީ އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން މިނިވަންކުރުމުގެ މަސައްކަތް، އިދިކޮޅު ޕާޓީތަކުން ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ ޖޮއިންޓް އިލެކްޝަންސް ކޮމިޝަނެއް އުފައްދަން ރަސްމީކޮށް ޕާޓީތަކުން ސަރުކާރަށް ހުށަހަޅާނެ ކަމަށެވެ.

ސިޔާސީ ވަކި ޕާޓީ އަކަށް ފަހިވާ ގޮތަށް މަސައްކަތް ކުރާ އިލެކްޝަންސް ކޮމިޝަނަކުން، އިންތިޚާބުގެ އެއްވެސް ކަމެއް ހަމަހަމަކާއި އިންސާފުވެރިކަމާ އެކު ކުރިއަށް ނުގެންދެވޭނެ ކަމަށް އިންތި ވިދާޅުވި އެވެ.

އީސީން ނިންމާފައި ވަނީ އިންތިޚާބުގެ ފުރަތަމަ ބުރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ބޭއްވުމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ފޯރުވާފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އެ ކޮމިޝަނުން ބުނެފައި ވަނީ އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެކޭ އެއްގޮތަށް ރިޔާސީ އިންތިޚާބު ވެސް މިނިވަން ވާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން، ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިޚާބުތަކާ ޚިލާފަށް، މި އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ އާންމުން ވީހާ ވެސް ބޮޑަށް ބައިވެރި ކޮށްގެން، އުފާވެރި އިންތިޚާބެއްގެ ގޮތަށެވެ. އަދި އެއްވެސް ކަމެއްގައި ވަކި ޕާޓީއަކަށް ތަފާތުކުރުމެއް އެ ކޮމިޝަނުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފަ އެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރައްވާނީ ރައީސް އަބްދުﷲ ޔާމީނެވެ. އިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ކޯލިޝަނެއް ހަދާފައިވީ ނަމަވެސް އެ ކޯލިޝަނުން، ރައީސް ޔާމީނާ ވާދަކުރާނެ ކެންޑިޑޭޓަކު އަދި ކަނޑައެއް ނާޅާ އެވެ. އަދި ޕާޓީތަކުން އިންތިޚާބުގައި ވާދަކުރަނީ ވަކިވަކިންތޯ ނުވަތަ ނެރޭނީ ކޯލިޝަން ކެންޑިޑޭޓެއްތޯ ވެސް އަދި ނުނިންމަ އެވެ.