Roadha Mihaaru
ގެސްޓްހައުސް ވިޔަފާރިވެރިންނަށް ގެރެންޓީ ދޭން ގަރާރެއް

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ގެރެންޓީ ދޭން ގަރާރެއް ހުށަހަޅައިފި

11 ޖޫން 2019

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގެސްޓްހައުސް ވިޔަފާރިވެރިންނަށް ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދިނުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި ގަރާރުގައި ވަނީ ގެސްޓްހައުސް ވިޔަފާރި ހިމެނޭ ގޮތަށް ޓޫރިޒަމްގެ ސިނާއަތް ބޭރުގެ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ ކަމަށެވެ. ގެސްޓްހައުސްގެ ވިޔަފާރިން ދިވެހިންނަށް ލިބޭ މަންފާ ކުޑަވެ، ގެސްޓްހައުސްގެ މުޅި ވިޔަފާރި ބޭރުގެ އިންވެސްޓަރުންގެ ކޮންޓްރޯލްގެ ދަށަށް ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް ގަރާރުގައިވެ އެވެ.

ގަރާރުގައިވާ ގޮތުން މިކަން މިގޮތަށް ވަނީ ބޭންކުތަކުން އެ ސިނާއަތް ތަރައްގީ ކުރުމަށް އެކަށީގެންވާ ފައިނޭންސް ފޯރުކޮށް ނުދެވުމާއި، ބޭންކްތަކުން ލިބެން ހުރި މަދު ފައިނޭންޝަލް ވަސީލަތްތަކަށް ވާސިލްވުމަށް އާންމު ގެސްޓްހައުސް ވިޔަފާރިވެރިޔާ އަށް ހުރަސްތައް ކުރިމަތި ކުރުވާފައިވުމެވެ.

ސަރުކާރުގެ ގެސްޓްހައުސް ސިޔާސަތުގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯން ދޫކުރުމަށް އެކަށީގެންވާ ހަރުދަނާ ނިޒާމެއް އަދި ގެސްޓްހައުސް ތަރައްގީ ކުރުމަށް ބޭނުންވާ އިންވެސްޓްމަންޓަށް ފަސޭހަ އިން ވާސިލްވެވޭނެ އުސޫލެއް ތަންފީޒު ކުރަމުން ނުގެންދާ ކަމަށް ވެސް ގަރާރުގައިވެ އެވެ.

އެހެންވެ މިއީ ރާއްޖޭގެ ގެސްޓްހައުސްގެ ވިޔަފާރި ބޭރުގެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ނުދިނުމަށް ދިވެހި ދައުލަތުން ސޮވެރިން ގެރެންޓީއެއް ދީގެން ނަމަވެސް ގެސްޓްހައުސް އިންވެސްޓަރުންނަށް ފަސޭހަ އިން ފައިސާ ލިބޭނެ އިންތިޒާމުތަކެއް މިހާރުން މިހާރަށް ހަމަޖައްސައި އެ މަގުން އަމަލު ކުރުމަށް ދައުލަތުގެ މައްޗަށް ލާޒިމް ކުރަން ބާރު އެޅުމުގެ ގޮތުން މަޖިލިހަށް ހުށަހެޅުއްވީ ކަމަށް ޖާބިރުގެ ގަރާރުގައިވެ އެވެ.