Roadha Mihaaru
އުދުހޭ ޓެކްސީގެ ހިދުމަތަށް އޫބާ ތައްޔާރުވަނީ

އުދުހޭ ޓެކްސީގެ ހިދުމަތަށް އޫބާ ތައްޔާރުވަނީ

13 ޖޫން 2019

އުދުހޭ ޓެކްސީގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރު ފަށައި، ވިޔަފާރި އުސޫލުން 2023 ގައި ހިދުމަތް ދޭން ފަށާނެ ކަމަށް އޫބާ އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އުދުހޭ ޓެކްސީގެ ޕައިލެޓް ޕްރޮޖެކްޓެއް އަންނަ އަހަރު ފަށައި، ވިޔަފާރި އުސޫލުން 2023 ގައި ހިދުމަތް ދޭން ފަށާނެ ކަމަށް އޫބާ އިން ބުނެފި އެވެ.

އެ ކުންފުނިން އުދުހޭ ޓެކްސީގެ ހިދުމަތް އެންމެ ފުރަތަމަ ޓެސްޓްކުރަން ނިންމާފައި ވަނީ އޫބާ ނިސްބަތްވާ އެމެރިކާގެ ލޮސް އެންޖެލިސް އާއި ޑަލަސްގަ އެވެ. މީގެ އިތުރުން އެމެރިކާ އިން ބޭރުގައި މި ޕައިލެޓް ޕްރޮޖެކްޓް ކުރިއަށް ގެންދާނެ ތިން ވަނަ ސިޓީއަކީ އޮސްޓްރޭލިއާގެ މެލްބަން ކަމަށް އޫބާ އިން ވަނީ އިއުލާންކޮށްފަ އެވެ.

"އުދުހޭ ޓެކްސީގެ ހިދުމަތަށް ނުކުންނަން ނިންމި މައިގަނޑު އެއް ސަބަބަކީ މަގުތަކުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، މިހާރަށް ވުރެ ފަސޭހަކޮށް އަދި އަވަހަށް ދަތުރުތައް ކުރެވޭނެ ގޮތް ހެދުން،" އޫބާގެ އޭވިއޭޝަން ގޮފި އޫބަ އިލެވޭޓްގެ ގްލޯބަލް ހެޑް އެރިކް އެލިސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޫބާ އިން ގަބޫލު ކުރާ ގޮތުގައި ޓެކްސީ ހިދުމަތުގެ މުސްތަގުބަލަކީ ވެސް އުދުހޭ ޓެކްސީ އެވެ.

އޮސްޓްރޭލިއާގައި ހިދުމަތް ދިނުމާ ބެހޭ ގޮތުން އެރިކް ވިދާޅުވީ އުދުހޭ ޓެކްސީގެ އެހީގައި އެ ގައުމުގެ ދަތުރުފަތުރަށް ބޮޑު އިންގިލާބެއް އަންނާނެ އެވެ.

"މިސާލަކަށް މެލްބަން އިން އެއާޕޯޓަށް ދާން އާދައިގެ ޓެކްސީއެއްގައި ކަޑައްތުކުރަން ޖެހޭ ނަވާރަ ކިލޯމީޓަރުގެ ރާސްތާ ދިހަ މިނިޓަށް ކުރުކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ. "އޭގެ މާނައަކީ އާގައި ޓެކްސީއަކުން ކުރާ ދަތުރުން އެއް ގަޑިއިރު ކުޑަކޮށްލެވޭނޭ."

އުދުހޭ ޓެކްސީގެ ހިދުމަތަށް އޫބާ އިން ނުކުންނަން ތައްޔާރުވަމުން އަންނަ އިރު މިކަމަށް ބޭނުން ކުރާނެ އުޅަނދުފަހަރު ބަނުމުގެ މަސައްކަތުގައި ނާސާ އާއި އެމެރިކާގެ އަސްކަރިއްޔާގެ އިތުރުން ދެ ކުންފުންޏަކާ އެކު މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ބްރެޒިލްގެ އެބްރޭއާ އާއި ސްލޮވޭނިއާގެ ޕިޕިސްޓްރެލްއާ ގުޅިގެންނެވެ. ދުނިޔޭގެ ބައެއް ގައުމުތަކުން މިހާރު އަންނަނީ އުދުހޭ ޓެކްސީގެ ހިދުމަތަށް ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ އާއި ޖަރުމަން ހިމެނެ އެވެ.