Roadha Mihaaru
އަދީބު ބޭރަށް ފުރުވާލާތީ ކަމާގުޅޭ އިދާރާތައް ކޮމިޓީއަށް

އަދީބު ބޭރަށް ފުރުވާލާތީ ކަމާގުޅޭ އިދާރާތަކުގެ ވެރިން ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިިފި

12 ޖޫން 2019

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދިނުމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ހާޒިރު ކުރަން މިއަދު ނިންމައިފި އެވެ.

ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވަނީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) ކޮމިޓީ އަށް ހާޒިރު ކުރުމަށެވެ.

މި ބައްދަލުވުން މިއަދު ހަވީރު ހަތަރެއް ޖަހާ އިރު، ބޭއްވުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

އަދީބު، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކޮރެކްޝަނަލް ސާވިސް އިން ދިން މައްސަލައިގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލައިގައި އޭނާ ވިދާޅުވެފައި ވަނީ، އަދީބަކީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ މަރާލުމުގެ ފަހަތުގައިވާ މީހުންނާއި ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމުގައި ޝާމިލްވާ މީހުން ވަގަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް މަަދަދުވެރިވި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެއް ކަމަށާއި އޭނާ ބޭރަށް ފުރާވަޑައިގަންނަވާތީ ކަންބޮޑުވާ ކަމަށެވެ.

ތިިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ.

ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ ހުކުމް ހައި ކޯޓުން ބާތިލްކޮށް، އެ މައްސަލަ ވެސް އަލުން ބަލަން ދަށު ކޯޓަށް އެންގިއިރު އެ މައްސަލައާ ގުޅިގެން އަދީބު 15 ދުވަހަށް ބަންދުގައި ބަހައްޓަން ވެސް އެ ކޯޓުން އޮތީ އަމުރުކޮށްފަ އެވެ. ބެލެވޭ ގޮތުގައި އަދީބު މާދަމާ މިނިވަން ވާނެ އެވެ.

މި މައްސަލަ އަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އަދީބަށް ދިނަސް، އޭނާ ފިލިޔަ ދީގެން ނުވާނެ ކަމަށެވެ. އަދި އަދީބު ރާއްޖެ އިން ބޭރުގައި ހުންނަވާ އިރު، ސަލާމަތީ ބާރުތަކުން ފާރަވެރިވާން ވާނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

އަދީބު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ފުލުހުންގެ އޮފިސަރުންނާ އެކު ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދީބު ބޭރަށް ފޮނުވަނީ ފަރުވާދޭނެ އިތުރު ގޮތެއް ނުފެނިގެން ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.