Roadha Mihaaru
އުސޫލުގެ ތެރެއިން ނުވަންޏާ ވެސް އުސޫލެއް އޮންނާނެ!

އުސޫލުގެ ތެރެއިން ނުވަންޏާ ވެސް އުސޫލެއް އޮންނާނެ!

16 ޖޫން 2019

ނިކަން ކުރުކޮށް ބުނަން ހިނގާށެވެ. ރައްޔިތުން ކަމެއް ބޭނުންވީމާ އެ ކަމެއް ނުކުރެވޭ ނަމަ ދެން ހަދާނެ ގޮތެއް ވެސް އޮންނަން ވާނެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ހަދައި އޭގެ މައްޗަށް ދައުލަތެއް ހިންގަން ރައްޔިތުން ހަވާލުކުރުމުން އޭގައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން އިސްލާހުކުރެވޭ ގޮތް ނުވާ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ނިކަން ކުރުކޮށް ބުނަން ހިނގާށެވެ. ރައްޔިތުން ކަމެއް ބޭނުންވީމާ އެ ކަމެއް ނުކުރެވޭ ނަމަ ދެން ހަދާނެ ގޮތެއް ވެސް އޮންނަން ވާނެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތައް ހަދައި އޭގެ މައްޗަށް ދައުލަތެއް ހިންގަން ރައްޔިތުން ހަވާލުކުރުމުން އޭގައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން ކަންކަން އިސްލާހުކުރެވޭ ގޮތް ނުވާ ނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ވެރިކަމުގެ ބާރުތައް އެހެން ބައެއްގެ އަތްމައްޗަށް ރައްޔިތުން މިފަހަރު ދޫކޮށްލީ ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދު މުހިންމުވެގެންނެވެ. ރައްޔިތުން ދެން ކުރި ކަމަކީ ވެރިކަން ހިންގުމުގެ ބާރަށް އެއްވެސް ހުރަހެއް ނާންނާނެ ގޮތަށް ރައްޔިތުންގެ މަޖިލިސް އަލުން އިންތިހާބުކުރުމެވެ. ހަމަ މި ބުނާ ވައުދު ފުއްދުން އެންމެ ބޮޑު ޝަރުތަކަށް ހަދައިފަ އެވެ. ދެން އޮތީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. އެ ބާރު އިސްލާހުކުރަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ބަދަލު ގެނެސް، ފަނޑިޔާރުން ވަކިކުރުން ފަދަ ބާރުތައް ވެސް މި އޮންނަނީ ސީދާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ދެ ބާރަށެވެ. މިއީ ދައުލަތުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ދަދީލުކޮށްދޭން ފަސޭހަ މިސާލެކެވެ.

ވެރިކަން ބަދަލުކޮށް، ގާނޫނު ހަދާ މަޖިލިސް ވެސް އަލުން އިންތިހާބުކޮށް އެ މަޖިލީހުން އެންމެ ފުރަތަމަ ކުރި އެއް ކަމަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މަޖިލިހުން ކަނޑައަޅާ މެންބަރު ހޮވުމެވެ. އެއާ އެކު ފެށުނީ ޖުޑީޝަރީ އިސްލާހު ނުވާ ސަބަބަކީ ޖޭއެސްސީގައި ތިބޭ މެންބަރުން ނޫން ކަމަށާއި ޖޭއެސްސީ އެކުލަވާލަން ގާނޫނުއަސާސީގައި ބުނާ ގޮތް ކަމަށެވެ. އެހެންވެ އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ޖޭއެސްސީ އެކުލަވާލާ ގޮތް ބަދަލުކުރުން ކަމަށް ބުނި މީހުން ބައިވަރެވެ. އެއީ ރަނގަޅު ވާހަކައެކެވެ. ޖޭއެސްސީ އެ އޮންނަ ގޮތުން ސިޔާސީ ނުފޫޒު ނޫން އެއްޗެއް އެތާކު ނޯވެ އެވެ.

އެކަމަކު މިކަން ބަދަލުކުރަން ފުުރުސަތު ދޭނެތޯ އެއީ މާޒީ އަށް ބަލާއިރު އުފެދޭ ސުވާލެކެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ބިލެއް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާއެއްގައި އޮއްވައި ވެސް ސުޕްރީމް ކޯޓުން މީގެ އަހަރުތަކެއް ކުރިން ހުއްޓުވި އެވެ. އެ ބިލް ގާނޫނަކަށް ވާނެ ކަމެއް ވެސް އޭރު އަދި އެނގެނީއެއް ނޫނެވެ. އެކަމަކު މަޖިލީހުގެ މަސައްކަތުގެ ތެރެއަށް ސުޕްރީމް ކޯޓު ވަނީ އެވެ. އަދި މީގެ ކުރިއަށް ދާއިރު 2010 ވަނަ އަހަރު، އާ ގާނޫނުއަސާސީ އާއި ގާނޫނުގެ ދަށުން ކަނޑައެޅި ފަނޑިޔާރުންގެ ޝަރުތުތައް އޮތްގޮތަށް އޮއްވައި ޖޭއެސްސީން އަމިއްލަ އަށް ގޮތްތަކެއް ކަނޑައަޅައި ފަނޑިޔާރުން ދާއިމީކުރި އެވެ. އެހެންވެ، ގާނޫނުއަސާސީ އާއި ގާނޫނުތައް ބަދަލުކޮށްގެން ކަމެއް ކުރުމުގެ އުންމީދެއް އެބަ އޮތް ހެއްޔެވެ؟ އެއްބާރުން އަނެއް ބާރުގެ ތެރެއަށް ވަނުމުގެ މިފަދަ ކިތަންމެ ކަމެއް ހިނގާފައި ހުރި އިރު، ޖޭއެސްސީ ރޫޅާއި ރާވަން ކުޑަ ނަމަވެސް ފުރުސަތެއް ދީފާނެހެއްޔެވެ؟

މި ހަގީގަތް ގަބޫލުކުރާށެވެ. ގިނަ މީހުންނަކީ އެ މީހަކު ބޭނުންހާ ގޮތަކަށް ކަންތައް ކޮށްފައި އެހެން މީހުން އުސޫލުގެ ތެރެއިން ކަންކުރަން ޖެހޭނެ ކަމަށް ވަކާލާތުކުރާ މީހުންނެވެ. އާންމު ދިރިއުޅުމަށް ބެލިޔަސް، ސިޔާސީ ކަންކަމުން ވެސް މި ނޫން މަންޒަރެއް ތަކުރާރެއް ނުވެ އެވެ.

އުސޫލުގެ ތެރެއިން ކަންކަން ކުރުމުގެ ވާހަކަ ދައްކާއިރު، އާ ގާނޫނުއަސާސީ އައި ފަހުން، ޖުޑީޝަރީއާ ގުޅޭ ގޮތުން ހުރި ޝަކުވާތަކަށް ހައްލެއް ލިބޭނެ ބަދަލެއް ގާނޫނީ ގޮތުން ގެނެވިފައި އެބަ އޮތް ހެއްޔެވެ؟ ބަދަލެއް ގެންނަން އުޅެގެން ކޮންމެވެސް ހިސާބަކުން އެކަން ނުހުއްޓުވާ އެބަ އޮތް ހެއްޔެވެ؟

ފަނޑިޔާރަކާ ބެހޭ ގޮތުން ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، ފާޅުގައި ފެންނަން ހުއްޓަސް އެޅުނު ފިޔަވަޅެއް އެބަ އޮތް ހެއްޔެވެ؟ ފަނޑިޔާރުންގެ މައްސަލަ ބަލާ ޖޭއެސްސީން ވެސް މިހާތަނަށް ފަނޑިޔާރަކާ މެދު ފިޔަވަޅެއް އެޅިއްޔާ އަޅާފައި އޮތީ ކަމަކުން ނުވާ ކަންކަމުގަ އެވެ. ފަނޑިޔާރަކު ދެއްކެވި ވާހަކައެއްގެ ސަބަބުން، ލިޔުނު އެއްޗަކާ ހެދި އަދަބެއް ދީފާނެ އެވެ. އެކަމަކު ހުކުމް ކުރުމާ ގުޅޭ ގޮތުން ހުށަހަޅާ ޝަކުވާއެއްގެ ނަތީޖާއެއް ފެނުނު ހެއްޔެވެ؟ ލަދުން ދައްކަން ނުކެރޭ ވަރުގެ ވާހަކަތަކާއި މަންޒަރުތައް ފަނޑިޔާރުންގެ ފަރާތުން ފެނުނަސް ވީކަމެއް ނެތެވެ. އެހެންވެ ގާނޫނީ ހަމަޔާއި އުސޫލާއި އިޖުރާއާތުގެ ވާހަކަ ދައްކަންވީ މިހާރު ހެއްޔެވެ؟

މި ހަގީގަތް ގަބޫލުކުރާށެވެ. ގިނަ މީހުންނަކީ އެ މީހަކު ބޭނުންހާ ގޮތަކަށް ކަންތައް ކޮށްފައި އެހެން މީހުން އުސޫލުގެ ތެރެއިން ކަންކުރަން ޖެހޭނެ ކަމަށް ވަކާލާތުކުރާ މީހުންނެވެ. އާންމު ދިރިއުޅުމަށް ބެލިޔަސް، ސިޔާސީ ކަންކަމުން ވެސް މި ނޫން މަންޒަރެއް ތަކުރާރެއް ނުވެ އެވެ. އެހެންވީމާ އުސޫލު ބާއްވާފައި ހަގީގަތަށް ރުޖޫއަވާން ހިނގާށެވެ. ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރަން ފުރުސަތު ނުދީ، ތިމާމެންގެ އަމިއްލަ ދިފާއުގައި ގާނޫނުއަސާސީ އާއި ގާނޫނު އައްޑަނަ އަކަށް ނަގާނެ ކަމެއް ނެތެވެ.

ވެރިކަމެއް ބަދަލުކޮށް، ގާނޫނުހަދާ މަޖިލީހެއްގެ އަޣުލަބިއްޔަތު އެއްބަޔަކަށް ރައްޔިތުން ދިން މައިގަނޑު އެއް ސަބަބަކީ ޖުޑީޝަރީ އިސްލާހުކުރުމުގެ ވައުދު ނޫން އެހެން ކަމެއް ނޫނެވެ. ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް ގާނޫނުއަސާސީގައި ލިޔެފައި އޮންނަނީ މިފަދަ ހާލަތެއް އަތުވެދާނެތީ އެވެ. ރައްޔިތުން ހަވާލުކުރާ ޒިންމާ އަދާނުކޮށް ނަހަމަ ގޮތުގައި ބޭނުންކުރާ ނަމަ، އޭގެ މައްޗަށް ރައްޔިތުންނަށް ބަސް ނުކިޔޭނެ، ފިޔަވަޅެއް ނޭޅޭނެ ހާލަތެއް ނޯންނާނެ އެވެ. އުސޫލުން ބޭރުވީމާ އަމަލުކުރާނީ މި އުސޫލުންނެވެ.