Roadha Mihaaru
ކޮލަމް އޮޅުންބޮޅުން: ދިވެހި ޑެމޮކްރަސީ

ކޮލަމް އޮޅުންބޮޅުން: ދިވެހި ޑެމޮކްރަސީ

31 އޮކްޓޯބަރ 2016

ވާހަކަ ފެށުނީ މި ހިސާބުންނެވެ. ރާއްޖޭގެ މިހާރުގެ ޑެމޮކްރަސީގެ ވާހަކަ އެވެ.

ވާހަކަ ފެށުނީ މި ހިސާބުންނެވެ. ރާއްޖޭގެ މިހާރުގެ ޑެމޮކްރަސީގެ ވާހަކަ އެވެ.

ޕުރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ލިބިގެން ވެރިކަމަށް އައުމާ އެކު ޤާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެންނަން ފެށިއެވެ. އަދި ޤާނޫނުއަސާސީ އާއި ކުޅެން ފެށިއެވެ. އާ ސަރުކާރުގެ އެންމެ ބޮޑު ނިންމެވުމަކަށް ވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަޤާމުން ދުރުކުރުމެވެ. އޭގެ ތެރޭގައި އުއްތަމަފަނޑިޔާރު ވެސް ހިމެނެއެވެ. އަނެއް ފަނޑިޔާރަކީ އެ ކޯޓުގައި ހުރި ހުޅަނގުގެ ޤާނޫނުތަކަށް ފަރިތަ ހަމައެކަނި ފަނޑިޔާރެވެ. އެމަނިކުފާނުގެ ޤާނޫނީ ދެ ޑިގްރީ އަށް ކިޔަވައިވިދާޅުވީ ވެސް އިނގިރޭސިވިލާތުންނެވެ. އެހެން ބައްރުތަކުން ކިޔަވާ މީހުން މޮޅު ނޫނެކޭ ނުދަންނަވަމެވެ. ދަންނަވަން މިއުޅެނީ ކޯޓުތަކުގައި މަސައްކަތްކުރާ މީހުންގެ އޮނިގަނޑު އެކުލެވިފައި އޮންނަން ވާނީ ހުރިހާ ނިޒާމެއް ޝާމިލުވާ ގޮތަށް ކަމަށެވެ. އޭރުން އެތަނުން ނެރޭ އެއްޗެއްގެ "އޮއްޓަރު" ރަނގަޅުވާނެެއެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅީ އެބޭފުޅުންގެ ނާޤާބިލްކަމުން ކަމަށް ވެއެވެ. އެބޭފުޅުން ނާޤާބިލްވީ ކިހިނެއް ކަމެއް ރައްޔިތުންގެ މަޖިލީހަކަށް ހުށައެއްނާޅަ އެވެ. އަދި އެކަމާ ބެހޭ ގޮތުން އެ މަޖިލީހުގައި ބަހުސެއް ވެސް ނުކުރެއެވެ.

ބައެއް މަގާމްތަކުގައި ތިއްބަވާ ބޭފުޅުން، އެ މަޤާމުގައި ދެމިތިބުމަށް ދީފައި އޮންނަ މުއްދަތަށް ވުރެ ކުރިން ވަކިކުރަން ޖެހިއްޖެ ނަމަ އެކަން ރައްޔިތުންގެ މަޖިލީހުން ނިންމަވާ ގޮތަށް، ޤާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަނީ އެބޭފުޅުން ނިންމަވާ ނިންމެވުމަކާ ގުޅިގެން އެބޭފުޅުންގެ މަޤާމުން ވަކިކުރެވުނަ ނުދިނުމަށެވެ. މުސާރަ އާއި އެހެނިހެން ބޮޑެތި އިނާޔަތްތައް އެބޭފުޅުންނަށް ދީފައި އޮންނަނީ ވެސް އެބޭފުޅުންގެ ވަޒީފާގެ ޔަޤީންކަން ދިނުމަށެވެ. ވަޒީފާއިން ވަކިކުރުމުގެ ބިރެއް ނެތި، ޤާނޫނުގައި އެބޭފުޅަކަށް މާނަކުރެވޭ ގޮތަކަށް ހުށައަޅާ ކަންތައްތައް އިންޞާފަށް ނިންމުމަށް ބާރުލުމުގެ ގޮތުންނެވެ.

އޮޑިޓަ ޖެނަރަލަކީ ސަރުކާރުގެ ހުރިހާ ހިސާބުތަކެއް ބެލެހެއްޓުމުގެ އެންމެ އިސް ވެރިޔާއެވެ. ފާސްކޮށްފައި އޮންނަ ޤާނޫނަކާ ޚިލާފަށް ނުވަތަ ބަޖެޓާ ޚިލާފަށް އެއްވެސް ޚަރަދެއް ސަރުކާރުން ކޮށްފައިވާ ނަމަ އެ މައްސަލައެއް އޮޑިޓަ ޖެނަރަލް ނަންގަވައެވެ. އެމަނިކުފާނުގެ އަހަރީ ރިޕޯޓުގައި އެކަން ފާހަގަކުރައްވާނެއެވެ. އަދި އެކަމެއް ރަނގަޅުކުރުމަށް އެ މުއައްސަސާއަކަށް އަންގަވާނެއެވެ. އަދި އެކަމެއް ރަނގަޅުނުކޮށްފި ނަމަ އެމައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހަށް ފޮނުއްވާނެއެވެ. މަޖިލީހުން އެކަމެއް ބެއްލެވުމަށް ފަހު ފައިނޭންސް މިނިސްޓަރު މެދުވެރިވެގެން އެކަމެއް ރަނގަޅުކުރުމަށް އެ މުއައްސަސާއަކަށް އަންގަވާނެއެވެ. އެވަރުން ވެސް އެކަމެއް ރަނގަޅުނުކޮށްފި ނަމަ މައްސަލައެއްގެ ގޮތުގައި މަޖިލީހުގައި ބަހުސްކުރުމަށް ހުށައެޅޭނެއެވެ. މި ފުރުޞަތު ނުއޮންނާނެއޭ ދެންނެވިޔަސް ދޮގަކަށް ނުވާނެެއެވެ. އޭގެ ކުރިން ބޭނުންވާ އިޞްލާހްތައް ގެނެވޭނެތީވެެއެވެ. ޤާނޫނުއަސާސީގައި އޮޑިޓަ ޖެނެރަލްގެ ވަޒީފާގެ މުއްދަތު ހަތް އަހަރުދުވަހަށް އޮންނަނީ އެހެންވެގެންނެވެ. ގިނަ ފަހަރަށް އޭނާއަށް ހުންނެވޭނީ ސަރުކާރުގެ ނުބައި ފަޅީގައެވެ. ޚަރަދުގެ މައްސަލާގައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ: ދެ ފަނޑިޔާރުން ވަކިކުރީ ކޮން ކަމަކަށް ނާގާބިލްވެގެން ކަމެއް ރައްޔިތުންގެ މަޖިލިހުން ބުނެފައެއް ނެތް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ހިންގާ ތީމުގެ: ދެ ފަނޑިޔާރުން ވަކިކުރީ ކޮން ކަމަކަށް ނާގާބިލްވެގެން ކަމެއް ރައްޔިތުންގެ މަޖިލިހުން ބުނެފައެއް ނެތް

އޮޑިޓަ ޖެނަރަލްގެ ޤާނޫނަށް ގެނައި ބަދަލެއްގެ ތެރޭގައި ކަމަށް ބުނެ، އެ މަޤާމުގައި ހުންނެވި ޤާބިލް ބޭފުޅަކު ވަނީ އޮޓޮމެޓިކުން އެ މަޤާމުން ވަކިކޮށްފައެވެ. ހެޔޮ ނިޔަތުގައި ކުރި ކަމެއް ނަމަހީ އޭރު އެމަޤާމުގައި ހުންނެވި ބޭފުޅާ އަލުން އެ މަޤާމަށް އައްޔަނުކުރެވުނީހެވެ. އޭރު އޮޑިޓަ ޖެނެރަލް ވަނީ ރާއްޖޭގެ ތާރީޚްގައި ދުށް އެންމެ ބޮޑު ޚިޔާނާތުގެ މައްސަލަ ފެންމަތިކޮށްފައެވެ. އަދި އެމައްސަލަ އެމަނިކުފާނު ހުށައަޅަން ޖެހޭ ފަރާތްތަކަށް ވަނީ ހުށަ ވެސް އަޅުއްވާފައެވެ. އެމަނިކުފާނުގެ ހޯއްދެވުމަށް ފިޔަވަޅު އެޅުނު ނަމަހީ ޤައުމަށް މިއަދު އެތައް ބިލިޔަން ރުފިޔާގެ ގެއްލުމެއް ނުވީހެވެ.

އުމުރުން 65 އަހަރަށް ވުރެ މަތީ މީހުން ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިނުލެވޭ ގޮތަށް ޤާނޫނުއަސާސީ ބަދަލުކުރިއެވެ. މި ބަދަލު ގެނައީ ވަކި މީހަކު ރައީސްކަމަށް އަޔަނުދިނުމަށް ކަމަށް ވެއެވެ. ޒުވާނުންނަށް ފުރުޞަތު ދޭން ކަމަށް ބުނެއެވެ. އަންނަ ނޮވެންބަރު މަހުގައި އޮންނަ އެމެރިކާގެ އިންތިޚާބުގައި ރައީސްކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ އުމުރު ވެސް ވަނީ 65 އަށް ވުރެ މާ މަތީގައެވެ. ޢާއްމު ގޮތެއްގައި އެމެރިކާގެ ރައީސާ މެދު މީހުން ދެކެނީ، އެއީ މިނިވަން ދުނިޔޭގެ ރައީސްގެ ގޮތުގައެވެ. އެތަނުގައި އުމުރު އެއީ މައްސަލައަކަށް ނުވެއެވެ. މައްސަލައަކަށް ވަނީ މީހާ އާއި އެމީހަކު ތަބާވާ ނުވަތަ ގެންގުޅޭ އުޞޫލުތަކެވެ. ރައީސްކަމަށް އައުމަށް އުމުރު ހުރަކަށް ގެނައުމަކީ ވަކި ގިންތިއެއްގެ ބަޔަކާ މެދު ކުރާ ތަފާތުކުރުމެކެވެ. ރާއްޖެއިން ސޮއިކޮށްފައިވާ އދ.ގެ ބައެއް އެއްބަސްވުންތަކާ ވެސް ޚިލާފް އަމަލެކެވެ. ފަގީރު މީހާ ބޭނުންވާނީ މުއްސަންޖަކަށް ވާށެވެ. މުއްސަނދިމީހާ ބޭނުންވާނީ މިލިއަނަރަކަށް ވާށެވެ. މިލިއަނަރު ބޭނުންވާނީ ބާރެވެ. މިތަބިއީ ބޭނުންތައް ޤާނޫނަކުން ވެސް ނުހުއްޓުވޭނެއެވެ.

ރާއްޖެއަކީ ހިކި ފަސްތަން ކުޑަ ޤައުމެކެވެ. އާބާދީ ކުޑަ ޤައުމެކެވެ. ފަގީރު ޤައުމެކެވެ. ފަޅުން ނަމަވެސް ތަރައްޤީކުރުމުގެ ނަމުގައި ރާއްޖެއިން ބިން ވިއްކުމަކީ ރާއްޖޭގެ ރައްޔިތުންނަށް މުސްތަޤްބަލުގައި އޮތް ނުރައްކަލެކެވެ. މަރުޙޫމް އިބްރާހިމް ނާޞިރުގެ ދައުރުގައި ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފޮނުވާލި ގޮތަށް، ރާއްޖެއިން ބިން ގަންނަ މީހުން މިޒަމާނުގައި ރާއްޖެއިން ފޮނުވައެއް ނުލެވޭނެއެވެ.

ތެދުފުޅެކެވެ. މިހުރިހާ ކަމެއް ވެސް ކުރީ މަޖިލީހުގައި އޮތް ޕީޕީއެމްގެ ބޮޑު އަޣްލަބިއްޔަތުގެ ބޭނުންކޮށްގެންނެވެ. މަޖިލީހުގެ މެންބަރުން ދަމާލާނެ ރޮނގެއް ނުއޮވޭ ބާވައެވެ؟ ވެރިކަމުގައި ތިބި ބަޔަކު ނިންމާ ނިންމުންތަކުގައި ރައްޔިތުންނަށް ގެއްލުންވާ ހިސާބަށް ދިއުމުން އެފަދަ ކަމެއްގައި ވޯޓެއް ދޭން ޖެހޭ ހިސާބަށް ދިއުމުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ވޯޓު ނުދެވޭނެ ބާވައެވެ؟ އެކަމަކު އެގޮތަށް ވޯޓު ދެވޭނީ ބާރާއި، އަމިއްލަ އެދުމާއި، މަޝްރޫޢުތައް ހޯދުމާއި، ރައްޓެހިންނާއި ތިމާގެ މީހުންނަށް ވަޒީފާ ހޯދައިދިނުމާއި، ބޭންކް ބެލެންސް ބޮޑުކުރުމުގެ އެދުމެއް ނެތިއްޔާއެވެ.

ކާޑުގެ އަގު ބޮޑުވެއްޖެއެވެ. ފުއްދާއެހީގެ ހަނޑޫ ނުކަނީ އާބާދީގެ ނިސްބަތުން މަދު ބަޔެކެވެ. އެހެންނަމަވެސް ފުށާއި ހަކުރުގެ ބޭނުން އެންމެން ވެސް ކުރާނެއެވެ. ކާޑުގެ އަގު ހެޔޮކުރަން ގޮތެއް ހޯދައިދޭނެ ކަމަށް މަޖިލީހުގެ ކޮމިޓީގައި އެސްޓީއޯ އިން ވަޢުދުވީ ކާޑުގެ އަގު ބޮޑުކުރުމަށް ފަހު އެވެ. މި ހުންނަނީ ފިޔަވަޅު އެޅުމާ އެކު ނުވަތަ ފިޔަވަޅު އެޅުމުގެ ކުރިން ކުރަން ޖެހޭ ކަންތައްތަކެވެ.

ކަރަންޓުގެ އަގު ވެސް ބޮޑުވެއްޖެއެވެ. ކަރަންޓުގެ އަގުގެ ބައެއް އޮންނަނީ ތެޔޮ ގަންނަން ލިބޭ އަގާ ގުޅުވާފައެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި އުޅޭ ބައެއް ޤައުމުތަކުގެ ވާހަކަތައް ހުރި ގޮތުން، ކުރިއަށް އޮތް އަހަރު ތެލުގެ އަގު މައްޗަށް ދާނެއެވެ. އެހެންކަމަށްވާ ނަމަ އަނެއްކާވެސް އަޅުގަނޑުމެންގެ ކަރަންޓުގެ އަގު ވެސް މައްޗަށް ދާނެއެވެ.

ދުނިޔޭގެ ތަފާތު ޤައުމުތަކުގައި ޑެމޮކްރަސީ އޮންނަނީ ތަފާތު ގޮތަށެވެ. ކޮމިއުނިސްޓް ބައެއް ޤައުމުތަކުގައި ވެސް ޑެމޮކްރަސީ އޮންނަ ކަމަށް ބުނެއެވެ. މިނިވަން އިންތިޚާބު އޮންނަ ކަމަށް ބުނެއެވެ. މިނިވަން ދުނިޔޭގެ ޤައުމުތަކުގައި ޑެމޮކްރަސީ ތަންފީޒުކުރުމުގައި ތަފާތުތަކެއް ގެންގުޅުނަސް ޑެމޮކްރަސީގެ މައިގަނޑު އުޞޫލުތަކަށް ތަބާވަނީ އެއްގޮތަކަށެވެ. ސަރުކާރުގެ ނުފޫޒުން އެކަހެރިވެފައި އޮންނަ މިނިވަން މުއައްސަސާތައް އޮތުމާއި، މިނިވަން ޖޫޑިޝަރީއެއް އޮތުން ފަދަ ކަންތައްތަކެވެ.

އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތީ އަޅުގަނޑުމެންގެ ޑެމޮކްރަސީ ކަމަށް ވެދާނެއެވެ.