Roadha Mihaaru
ދަރިފުޅުގެ ޕާސްޕޯޓް ހިފެހެއްޓި ކަމަށް ބުނާ މައްސަލައެއް

ބައްޕަ ދަރިފުޅުގެ ޕާސްޕޯޓު ހިފަހައްޓައި، ކިޔަވަން ނުފޮނުވި ކަމަށް ބުނާ މައްސަލައެއް ބަލަނީ

15 ޖޫން 2019

ދަރިފުޅު ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވިޔަ ނުދީ، އެ ކުއްޖާގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ދަރިފުޅު ރާއްޖޭން ބޭރަށް ކިޔަވަން ފޮނުވިޔަ ނުދީ، އެ ކުއްޖާގެ ޕާސްޕޯޓު ހިފެހެއްޓި ކަމަށް ބުނާ މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ ކިޔަވަން ބޭރުގައި ހުރި ދަރިވަރު ވަކި ހިސާބަކުން ރާއްޖެ އައި ތަނުން ދަރިފުޅު އެނބުރި ދިޔަ ނުދީ، އެ ކުއްޖާގެ ޕާސްޕޯޓު ބައްޕަ ހިފެހެއްޓި މައްސަލައެއް އެތަނަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައިގައި ދަރިފުޅުގެ ބައްޕަ އާއި އެ ކުއްޖާ މިހާރު ބަލަމުން އަންނަ ފަރާތުގެ ވާހަކަ ވެސް އަޑުއަހާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ.

"މައްސަލަ ކުރިއަށް ދާތީ އަޅުގަނޑުމެންނަށް ވަކި ފަރާތެއް ކުށްވެރި ކުރެވޭކަށް ނެތް. ދެ ފަރާތުން ވެސް ފެންމަތި ކޮށްފައި ވަނީ ސީރިއަސް މައްސަލަތަކެއް،" ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، މަންމަ މަރުވެފައިވާ އެ ކުއްޖާ މިހާރު ބަލަމުން އަންނަނީ ސްރީ ލަންކާގައި ދިރިއުޅޭ މައިފުށުގެ ދައްތައެކެވެ. އަދި އެ ކުއްޖާ ލަންކާގައި ކިޔަވަން ހުންނަތާ ތިން އަހަރު ވެފައިވާއިރު، މިއީ އޭނާގެ އޯލެވެލް އަހަރު ކަމަށް ވެ އެވެ. އެކަމަކު ޗުއްޓީ އަށް ކުއްޖާ މާލެ އައުމުން، އެނބުރި ދިޔަ ނުދީ ހިފަހައްޓައި ބައްޕަގެ ރަށަށް ދިޔުމަށް މަޖުބޫރުކުރުވާ ކަމަށް ތުހުމަތު ކުރެ އެވެ.

"އެ ކުއްޖާ ވެސް ބޭނުމެއް ނުވޭ ކިޔެވުން މެދުކަނޑާލާފައި ރަށަށް ދާކަށް. އެކަމާ ވަރަށް ރޮއެ ދެކޮޅު ހެދީމާ ވެސް ބައްޕަ ގޮތެއް ދުލެއް ނުކުރި. އެހެންވެ، އަޅުގަނޑުމެންނަށް މަޖުބޫރުވީ މައްސަލަ ހުށަހަޅަން،" ކުޑަކުއްޖާގެ މަންމަގެ ދައްތަޔަކު ބުންޏެވެ.

އެކަމަކު، އެނގިފައިވާ ގޮތުގައި ދަރިފުޅު ހިފެހެއްޓީ، ކުއްޖާގެ ޚަރަދަށް ބައްޕަ ފޮނުވާ ފައިސާ އެ ކުއްޖާ ބަލާ މީހުން ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ބުނެ އެވެ.