Roadha Mihaaru
ފަންސާހަކަށް ރަށުގެ އެމްބިއުލާންސް އޮތީ ހަލާކުވެފައި!

ފަންސާހަކަށް ރަށުގެ އެމްބިއުލާންސް އޮތީ ހަލާކުވެފައި، ނެތީ ހަތަރު ރަށުގައި: އަމީން

16 ޖޫން 2019

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަންސާހަކަށް ރަށުގައި އޮތް އެމްބިއުލާންސް ހަލާކުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ފަންސާހަކަށް ރަށުގައި އޮތް އެމްބިއުލާންސް ހަލާކުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީތަކުން މީޑިއާއަށް މައުލޫމާތު ދޭން އާ ސަރުކާރުން ރައީސް އޮފީހުގައި ބާއްވަން ފެށި ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުމުގައި އަމީން ވިދާޅުވީ 187 ރަށުގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ނުދެވި އޮތީ ހަތަރު ރަށެއްގައި ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ހިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި [އިރު] އެމްބިއުލާންސްގެ ހިދުމަތް އެއްވެސް މިންވަރަކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ،" އަމީން ވިދާޅުވި އެވެ.

އެމްބިއުލަންސް ނެތުމާއި އެމްބިއުލާންސް ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުން ބަލިމީހުން އުފުލުމުގައި ބޮޑެތި ރަށްރަށަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހެ އެވެ. އެގޮތުން، ބައެއް ރަށްރަށުގައި އެމްބިއުލާންސެއް ނެތުމުން ބަލި މީހުން ގާޑިޔާތަކުގައި އުފުލަން ޖެހޭ ފަހަރު ވެސް އާދެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަމީން ވިދާޅުވީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 20 އެމްބިއުލާންސް ހޯދަން މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖެ އިން ބޭރުގެ ގައުމުތަކުން ދޭ އެހީގެ ގޮތުގައި 21 އެމްބިއުލާންސެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ގިނަ ރަށްރަށުގައި އެމްބިއުލާންސެއް އޮތަސް، އެ ވެހިކަލް އޮންނަނީ ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭ ފެންވަރަކު ނޫނެވެ.

"ގިނަ ރަށްރަށުގައި އެމްބިއުލާންސެއް އޮންނާނެ. އެކަމަކު ނުއެއް ދުވާނެ. އޭގައި އޭސީ ހަލާކުވެފައި ހުންނާނީ. ފުރޮޅެއް ނުހުންނާނެ. މަރާމާތު ކުރެވޭނެ ގޮތެއް ނޯންނާނެ. މި ރަށްރަށުގައި އެމްބިއުލާންސް ހުރި ކަމަށް ވިޔަސް، އަޅުގަނޑުމެން ނުބަލަން އެއީ އެމްބިއުލާންސް ހުރި ރަށްރަށް ކަމުގައި،" އަމީން ވިދާޅުވި އެވެ.

މީގެ އިތުރުން ނެޝަނަލް އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޯލް ސެންޓަރާއި އިމާރާތާއި މުވައްޒަފުން ހަމަޖައްސައި ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ އެމްބިއުލާންސްތަކާ އެކީގައި އެ ހިދުމަތް ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ގައުމީ އެމްބިއުލާންސް ތައާރަފުކުރުމުން ރާއްޖޭގަައި ހިދުމަތް ދެމުން އަންނަ ހުރިހާ އެމްބިއުލާންސެއް އެއް ވިއުގައަކުން ގުޅާލެވޭނެ އެވެ. އޭރުން އެއް ނަންބަރަކަށް ގުޅުމުން، ވަކި ވަގުތެއްގެ ތެރޭގައި އެ މީހަކަށް ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ކުރިން އޮތީ ބުނެފަ އެވެ.