Roadha Mihaaru
މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން

މިހާރަށް ބޭނުންވާ ވަރަށް ވަސީލަތް އެބަހުރި: އަމީން

12 އޯގަސްޓް 2020

ކޮވިޑް-19 އާ ގުޅިގެން ހާލަތަށް ބޭނުންވާ މިންވަރުގެ ވަސީލަތްތައް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އާ ގުޅިގެން ހާލަތަށް ބޭނުންވާ މިންވަރުގެ ވަސީލަތްތައް އެބަހުރި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ވަސީލަތްތަކާ ބެހޭގޮތުން އަމީންއާ ސުވާލު ކުރައްވައިފަ އެވެ. އަދި ރާއްޖެއިން ބޭރުން ގެންނަން އޯޑަރު ދިން ވެންޓިލޭޓަރުތަކާ ބެހޭގޮތުން ވެސް ބައެއް މެމްބަރުން ސުވާލު ކުރެއްވި އެވެ.

އެކަމާ ގުޅިގެން އަމީން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ވަސީލަތްތައް ހިމެނޭ ނޭޝަނަލް ރިކުއަޔަމެންޓް ލިސްޓެއް ސަރުކާރުން އެކުލަވާލި ކަމަށާއި އެ ލިސްޓުގެ ތެރެއިން ބޭނުންވާ ތަކެތި ހޯދުމުގެ މަސައްކަތް އެންމެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުންދިޔަ ކަމަށެވެ. އަދިވެސް ބައެއް ތަކެތި ލިބުމުގައި ދަތިިތަކެއް ހުރި ކަމަށާއި އެކަމަކު މި ވަގުތަށް ބޭނުންވާ ވަރަށް ވަސީލަތްތައް އެބަހުރި ކަމަށް އަމީން ވިދާޅުވި އެވެ.

"ވެންޓިލޭޓަރު ހޯދުން ކަމަށް ވިޔަސް އަދި އެހެން ބައެއް ވަސީލަތްތައް ހޯދުން ކަމަށް ވިޔަސް، ހޯދުމުގައި ގޮންޖެހުންތައް ދިމާވި. މި ވަގުތު މިހާރު މި އޮތް ހާލަތަށް ބޭނުންވާ ވަސީލަތްތައް އެބަހުރި،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުގެ އިތުރުން މާސްކާއި ބޭސް ވެސް އެންމެ ފުރަތަމަ އޯޑަރު ދިން އަދަދަށް ލިބިފައެއް ނުވެ އެވެ. އަދި ބަޖެޓްގެ ދަތިތަކެއް ހުރި ކަމުގައި ވިޔަސް، މި ވަގުތު އިސްކަން ދެނީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޯޑަރު ދިން ބައެއް ތަކެތި ނުލިބޭ ކަމަށް އަމީން ވިދާޅުވިއިރު، ޑުބާއީ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ ތެރެއިން 45 ވެންޓިލޭޓަރު މިދިޔަ މެއި މަހު ލިބޭނެ ކަމަށް ސަރުކާރުން ފުރަތަމަ އިއުލާންކުރި އެވެ. އެކަމަކު އެ ތަކެތީގެ ޖުމްލަ އަގު ނުދައްކާތީ ކަމަށް ބުނެ އެ ތަކެތި އަދިވެސް ލިބޭ ގޮތެއް ނުވެ އެވެ. ސަރުކާރުން މިހާތަނަށް ވަނީ އެތަކެތި ގެންނަން 30 މިލިއަން ރުފިޔާ ދައްކައިފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވެ، ޕޮޒިޓިވްވާ ދިވެހިންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. އެހެންވެ، ފިޔަވަޅުތައް ހަރުކަށި ކުރަން ވަނީ ފަށައިފަ އެވެ.