Roadha Mihaaru
ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި

25 ރަށަކަށް އެއްބިއުލާންސް ދީ، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި

12 އޮކްޓޯބަރ 2019

ގައުމީ އެމްބިއުލާންސް ވިއުގައެެއް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 25 ރަށަކަށް މިއަދު އެމްބިއުލާންސް ހަވާލުކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގައުމީ އެމްބިއުލާންސް ވިއުގައެެއް ގާއިމްކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން 25 ރަށަކަށް މިއަދު އެމްބިއުލާންސް ހަވާލުކޮށް، ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަކޮށްފި އެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްބިއުލާންސް ދިން ރަށްތަކުގެ ތެރޭގައި މިހާތަނަށް އެއްގޮތަކަށް ވެސް އެެމްބިއުލާންސްގެ ޚިދުމަތް ނުލިބި އޮތް ހަތަރު ރަށް ހިމެނެ އެވެ. އެގޮތުުން މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާނެ އެވެ. މިއަދު ހަވާލުކުރި 25 އެމްބިއުލާންސްގެ ތެރެއިން 21 އެމްބިއުލާންސަކީ ޖަޕާނުން ހަދިޔާކުރި ޕެރަމެޑިކް (އެމްބިއުލާންްގެ ތެރޭގައި އަވަސް ފަރުވާ ދެވޭ ގޮތަށް ) ގޮތަށް ހުންނަ އެމްބިއުލާންސްތަކެވެ.

މިއަދު ހަވާލުކުރި ބައެއް އެމްބިއުލާންސްތައް. ފޮޓޯ:ނިޝާން އަލީ/މިހާރު

މިއަދު ހަވާލުކުރި ބައެއް އެމްބިއުލާންސްތައް. ފޮޓޯ:ނިޝާން އަލީ/މިހާރު

އެމްބިއުލާންސްތައް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. އެ ރަސްމިއްޔާތުގައި ރަށްރަށުގެ މަންދޫބުންނާ އެމްބިއުލާންސް ހަވާލުކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ކެއިކޯ ޔަނާއީ އާއި އަމީން އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މިއަދު ހަވާލުކުރި އެމްބިއުލާންސްތަކާ އެކު ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވި ނަމަވެސް އަދިވެސް ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް ހުރީ ރަނގަޅަށް ހިދުމަތް ދެވޭ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.

ޖަޕާނުން 25 ޕެރަމެޑިކް އެމްބިއުލާންސް ހަދިޔާކުރި ކަމުގެ ލިއުން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ހަވާލުކުރައްވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

ޖަޕާނުން 25 ޕެރަމެޑިކް އެމްބިއުލާންސް ހަދިޔާކުރި ކަމުގެ ލިއުން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ ހަވާލުކުރައްވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު

"މިއަދަކީ މީ ރާއްޖޭގެ ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވާ ދުވަސް. އެހެން ނަމަވެސް، ހުރިހާ ރަށަކަށް އެމްބިއުލާންސް ހަމަވިކަމުގައި ވިޔަސް އަދި ހުރިހާ ރަށްރަށެއްގައި ހުރީ ބަރާބަރަށްް ހިދުމަތް ދެވޭ ހާލަތެއްގައި ހުރި އެމްބިއުލާންސްތަކެއް ނޫން. މިއަދުން ފެށިގެން އަޅުގަނޑުމެންނަށް ބުނެވޭނެ ރާއްޖޭގެ ހުރިހާ ރަށެއްގައި އެމްބިއުލާންސް އެބަ ހުއްޓޭ. އެހެން ނަމަވެސް އަޅުގަނޑު ހިތާމަޔާ އެކީ ދަންނަވާނީ މި ހިސާބަށް އައި އިރުގައި އަދިވެސް ރާއްޖޭގެ ހުރިރާ ރަށްރެއްގައި ހުރީ ބޭނުން ކުރެވޭ ހާލަތެއްގައި ހުރި އެމްބިއުލާންސެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ އެހެން ނަމަވެސް މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި އެމްބިއުލާންސްތައް ވެސް ބޭނުން ކުރެވޭ ހާލަތަކަށް ގެންނާނެ ކަމަށެވެ. އެގޮތުން އަދި 25 އެމްބިއުލާންސް ގެނައުމުގެ މަގުމަތީގައިވާ ކަމަށެވެ. އެ އެމްބިއުލާންސްތައް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއާ ހިސާބަށް އަންނާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަތީ ފެންވަރުގެ އެމްބިއުލާންސްތައް ލިބުނަސް އަދި އެހިސާބުން ނުނިމޭ ކަމަށާއި އެ އެމްބިއުލާންސްތައް ބޭނުންކުރުމަށް މީހުން ތަމްރީނު ވެސް ކުރަން ޖެހޭ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެން ތަމްރީނަށް ވަރަށް ބޮޑު އިސްކަމެއް ދޭނަން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ ހެލްތު ސެންޓަރުތަކުން ވެސް މި ތަމްރީނު ހޯދުމަށް އިސްކަމެެއް ދޭށޭ ތަމްރީނު ލިބެން ހުރި ވަސީލަތްތަކާ ހުރި ފުރުސަތުތަކުގެ ބޭނުނުން ހެޔޮ ގޮތުގައި ހިފާށޭ،" އަމީން ވިދާޅުވި އެވެ.