Roadha Mihaaru
ސުޕްރީމް ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލައެއް ނެތް

ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރެއްގެ މައްސަލަ ލިބިފައެއް ނެތް: ޖޭއެސްސީ

17 ޖޫން 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރެއްގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ނެތް ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އޭގެ ފަހުން އެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށް، ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ ދެކޮޅަށް ބަޔަކު ޖޭއެސްސީއަށް ޝަކުވާ ހުށަހެޅި ކަމުގެ އަޑުތަކެއް ރޭ ވަނީ ފެތުރިފަ އެވެ.

އެކަމާ ގުޅިގެން ޖޭއެސްސީން މިއަދު ބުނީ އެ ކޮމިޝަނުން މިހާރު ބަލަމުންދާ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލަ ފިޔަވައި، ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކާ ގުޅޭ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައި ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީ އަށް ލިބިފައި ނެތް ކަމަށް އެ ކޮމިޝަނުން ބުނިއިރު، ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރަން އެ ކޮމިޝަނުން އޮތީ ނިންމައިފަ އެވެ. އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ނެރުނަސް، ޖޭއެސްސީން ނިންމީ ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށެވެ.