Roadha Mihaaru
ތިން ފަނޑިޔާރުންނަށް ނަސޭހަތްދޭން ޖޭއެސްސީން ނިންމައިފި

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކަށް ނަސޭހަތް ދޭން ޖޭއެސްސީން ނިންމައިފި

08 އޮކްޓޯބަރ 2019

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފާ މެދު އަޅާ ފިޔަވަޅެއްގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަރީފާ ބެހޭގޮތުން ޖޭއެސްސީން ބެލި މައްސަލައެއްގައި އެ ތިން ބޭފުޅުންނަށް ނަސޭހަތްތެރިވުމަށް ތަހުގީގު ކޮމެޓީން ކުރިން އޮތީ ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އެ ނިންމުން ކޮމިޝަނަށް ހުށަހެޅުމުން އެ ނިންމުމަށް ޖަވާބުދާރީވުމަށް އެ ތިން ބޭފުޅުންނަށް ފުރުސަތު އޮތީ ދެއްވައިފަ އެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ޖަވާބުދާރީވުމަށް އެ ތިން ބޭފުޅުންނަށް ވެސް ފުރުސަތު ދެއްވުމަށް ފަހު ތަހުގީގު ކޮޮމެޓީގެ ނިންމުމުގައިވާ ގޮތަށް ތައުދީބީ ފިޔަވަޅެއްގެ ގޮތުން އެ ބޭފުޅުންނަށް ނަސޭހަތްތެރިވުމަށް ކޮމިޝަންގެ މިއަދު ޖަލްސާގައި ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފިޔަވަޅު އެޅީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ.

މީގެ އިތުރުން ގއ. ކޮނޑޭ ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމާ ގުޅޭގޮތުން ބެލި މައްސަލައެއްގައި އޭނާ އަށް ނަސޭހަތްތެރިވުމަށް ތަހުގީގު ކޮމެޓީން ނިންމި ނިންމުމާ އެއްގޮތަށް އެގޮތަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނިގޮތުގައި އިތުރު ތިން ފަނޑިޔާރަކާ ގުޅޭގޮތުން ހުށަހެޅިފައި ހުރި މައްސަލަތަކެއް ވެސް ބަލަން ނިންމައި، ތަހުގީގު ކޮމެޓީ މިއަދު ވަނީ އެކުލަވާލައިފަ އެވެ. އެއީ ބ. އޭދަފުށީ ކޯޓުގެ މެޖިސްޓްރޭޓް އުއްމު ކުލްސުމް އަބޫބަކުރުގެ މައްސަލަ އަކާއި ގއ. ގެމަނަފުށީ ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް މުނީރުގެ މައްސަލައެއްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގާ ގުޅޭ މައްސަލައެއް ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.