Roadha Mihaaru
ރައްކާތެރިކަމާ އެކު ހައްޖުގެ އަޅުކަން އޮންނާނެ: ސައުދީ

ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ހައްޖުގެ އަޅުކަން މިއަހަރު އޮންނާނެ: ސައުދީ

09 މެއި 2021

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ހަައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ގެންދާނެ ކަަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ އެކު ހަައްޖުގެ އަޅުކަން މިއަހަރު ކުރިއަށް ގެންދާނެ ކަަމަށް ސައުދީ އަރަބިއްޔާ އިން ބުނެފި އެވެ.

ހައްޖާއި އުމްރާގެ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނަކާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ ހައްޖުގެ އަޅުކަން ކުރިއަށް ގެންދާނީ ސިއްހީ ގޮތުންނާއި ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައިގެން ކަމަށެވެ. އެއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާ ފިޔަވަޅުތައް ކަމަށް ވެސް ބުންޏެވެ.

"އެންމެންގެ ސިއްހަތު ރައްކާތެރިކުރުމަށް ޓަކައި ސައުދީ އަރަބިއްޔާގެ ސިއްހީ އިދާރާތަކުން ހާލަތު ބަލައި، އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ،" ސައުދީ ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަން ފުރަތަމަ ފެތުރިގަތުމާއި ގުޅިގެން މިދިޔަ އަހަރު، ހައްޖުގެ އަޅުކަން ކުރިއަކަށް ނުގެންދެ އެވެ. ސައުދީ ސަރުކާރުން އެކަން އިއުލާނުކުރުމުން އިސްލާމީ ދުނިޔެއަށް ވަރަށް ބޮޑު ޝޮކަކަށް އަދި ހިތާމައަކަށް އެކަން ވި އެވެ.

ހައްޖުގެ އަޅުކަން މިއަހަރު ބާއްވަން ނިންްމި އިރު، ކޮވިޑުން ދިފާއުވާ ވެކްސިންތައް ތައާރަފްވެ، ސައުދީގައި ވެސް ގިނަ ބަޔަކަށް އެ ވެކްސިން ވަނީ ދީފަ އެވެ. ބައެއް ގައުމުތަކުގައި ބަލިމަޑުކަމުގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ގިނަ ގައުމުތަކެއްގައި ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.