Roadha Mihaaru
ހޮންކޮންގުގެ މަހުޖަނަކު ދަރިވަރުންނަށް އެހީވަނީ

ހޮންކޮންގުގެ މަހުޖަނަކު ދަރިވަރުންނަށް އެހީވަނީ

20 ޖޫން 2019

މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ މަހުޖަނަކު ވަނީ ޔުނިވަސިޓީއެއްގައި ކިޔަވާ 400 ދަރިވަރަކު ކިޔަވަން ނެގި ލޯނު ދައްކައިދޭން ނިންމިކަން އިއުލާންކޮށްފަ އެވެ. އެއާއެކު އެތައް ބަޔަކު އޭނާގެ އެ ދީލަތީ އެހީ އަށް ތައުރީފުކޮށްފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދުވަސްކޮޅެއް ކުރިން އެމެރިކާގެ މަހުޖަނަކު ވަނީ ޔުނިވަސިޓީއެއްގައި ކިޔަވާ 400 ދަރިވަރަކު ކިޔަވަން ނެގި ލޯނު ދައްކައިދޭން ނިންމިކަން އިއުލާންކޮށްފަ އެވެ. އެއާއެކު އެތައް ބަޔަކު އޭނާގެ އެ ދީލަތީ އެހީ އަށް ތައުރީފުކޮށްފައިވެ އެވެ.

މި ފަހަރު މިފަދަ އެހީއެއް ދަރިވަރުންތަކަކަށް ވާން ނިންމީ "ސުޕަމޭން" ގެ ނަމުން މަޝްހޫރު ހޮންކޮންގުގެ މަހުޖަނެވެ. މިލްކިއްޔާތު 30 ބިލިއަން ޑޮލަރަށް އަރާ ލި ކާ-ޝިންގް، 90، ވަނީ ގުއަންޑޮންގް ޕްރޮވިންސްގައި ހިންގާ ޝަންޓޯ ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންތަކެއްގެ ކުރިއަށް އޮތް ފަސް އަހަރުގެ ޓިއުޝަން ފީ އޭނާގެ ހަރަދުގައި ދައްކައިދޭން ނިންމައިފަ އެވެ. އެކަމަކު އެއީ ކިތައް ދަރިވަރުން ކަމެއް ހާމައެއް ނުކުރެ އެވެ.

މިކަމާ ބެހޭ ގޮތުން އެ ގައުމުގެ މީޑިއާތަކުން ބުނީ ލިގެ "ދަ ލި ކާ-ޝިންގް ފައުންޑޭޝަނުން" ޓިއުޝަން ފީ ދައްކައި ދޭން ނިންމުން އެކަމަށް އަހަރަކު 14.4 މިލިއަން ޑޮލަރު ހޭދަކުރާނެ ކަމަށެވެ.

ލިގެ ފައުންޑޭޝަނުގެ ޓްވީޓެއް.

"މިއީ ކިޔަވަން ނަގާ ލޯނާއި ޓިއުޝަން ފީ އަށް ދައްކަން ޖެހޭ ފީ ދެއްކުމުގައި ދަތިތައް ދިމާވެ، ގިނަ އާއިލާތަލަށް އުފުލަން ޖެހިފައިވާ ބުރަ ލުއިކޮށްދީ، އާއިލާތަކާއި ދަރިވަރުންނަށް އެހީވުމުގެ ގޮތުން ފައުންޑޭޝަނުން ނިންމި ނިންމުމެއް،" ލިގެ ފައުންޑޭޝަނުން ބުންޏެވެ. "އަދި މިއީ ދަރިވަރުންނަށް ކިޔަވަން ހިތްވަރު ވެސް ދިނުމުގެ ގޮތުން ކުރާ ކަމެއް. އެހެންވީމާ މި ފުރުސަތު ބޭނުން ދަރިވަރުން އެންމެ ރަނގަޅަށް ހިފާނެ ކަމަށް އުންމީދު ކުރަން."

ނަވާރަ ސަތޭކަ އަށްޑިހަ ވަނަ އަހަރުން ފެށިގެން ލިގެ ފައުންޑޭޝަމުން އަންނަނީ ތައުލީމީ ޒުވާނުން ބިނާ ކުރަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މީގެ ކުރިން ވެސް ޝަންޓޯ ޔުނިވަސިޓީ އަށް އެތަކެއް އެހީއެއް ވެފައިވެ އެވެ.

ލި ފާހަގަ ކުރެވެނީ ވަރަށް އާދައިގެ ގޮތަކަށް ޅަ އުމުރުގައި ފެށި މަސައްކަތުން ބިލިއަނަރަކަށްވި މީހެއްގެ ގޮތުގަ އެވެ. އޭނާގެ ފުރާވަރުގެ ދުވަސްވަރު ވަނީ ފެކްޓްރީތަކުގައި ކުނިކަހާ މީހެއްގެ ވަޒީފާ އަދާކޮށްފަ އެވެެ. ފޯބްސްގެ މި އަހަރުގެ އެންމެ މުއްސަނދި މީހުންގެ ލިސްޓްގައި ލި ހިމެނެނީ 28 ވަނައިގަ އެވެ.

އޭނާ ވަނީ މިދިޔަ އަހަރު ވިޔަފާރީގެ ރަސްމީ ޒިންމާތަކުން އެކަހެރިވެ، އެ މަސްއޫލިއްޔަތު ދޮށީ ދަރިފުޅު ވިކްޓާ ލިއާ ހަވާކުކޮށްފަ އެވެ.

ލިގެ އާއިލީ ވިޔަފާރި ކުންފުނި ސީކޭ ހަޗިސަން ހޯލްޑިންސް އާއި ސީކޭ އެސެޓް ހޯލްޑިން އިން އިންވެސްޓްކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ރިޓެއިލާއި މުވާސަލާތީ ހިދުމަތާއި ހަކަތައިގެ ދާއިރާ ހިމެނެ އެވެ. އަދި އޭޝިއާގެ އެންމެ ތަރައްގީ އެއް ސަރަހައްދުގެ ގޮތުގައި މަޝްހޫރުވެފައިވާ ޗައިނާގެ ދަށުން ހިންގާ ހޮންކޮންގްގައި އެންމެ ފުޅާކޮށް ވިޔަފާރިތައް ކުރަނީ ވެސް ލިގެ ކުންފުނިތަކުންނެވެ.