Roadha Mihaaru
ހޯރަފުށީގައި ސްޕީޑްފެރީގެ ހިދުމަތް، އުންމީދީ ބަދަލެއް!

ހޯރަފުށީގައި ސްޕީޑް ފެރީގެ ހިދުމަތް، އުންމީދީ ބަދަލެއް!

21 ޖޫން 2019

ހއ. ހޯރަފުށީގައި ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިފްތިތާހުކޮށް ދެއްވި ސްޕީޑް ފެރީގެ ހިދުމަތާ އެކު، މިއީ ތަރައްގީ އަށް އިތުރުވި ބޮޅެއް ކަމަށް އެ ރަށު މީހުން ބުނެފި އެވެ.

މުހައްމަދު ޔާމީން ހއ. ހޯރަފުށިން މުހައްމަދު ޔާމީން

ހއ. ހޯރަފުށީގައި ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިފްތިތާހުކޮށް ދެއްވި ސްޕީޑް ފެރީގެ ހިދުމަތާ އެކު، މިއީ ތަރައްގީ އަށް އިތުރުވި ބޮޅެއް ކަމަށް އެ ރަށު މީހުން ބުނެފި އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ސްޕީޑް ފެރީގެ ހިދުމަތް ދެނީ ހޯރަފުއްޓާ އެކު ހއ. އަތޮޅުގެ ތިން ރަށަކާއި ހދ. އަތޮޅުގެ ތިން ރަށަކާ ދެމެދު އެވެ. އެއީ ހއ. އިހަވަންދޫ އާއި ހއ. ދިއްދޫ އާއި ހދ. ހަނިމާދޫ އާއި ހދ. ނޮޅިވަރަންފަރާއި ހދ. ކުޅުދުއްފުއްޓަށެވެ.

ސްޕީޑް ފެރީގެ ހިދުމަތް އިފްތިތާހު ކުރަން ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ މި ވެރިކަމުގައި އެންމެ ބޮޑަށް ތަރައްގީ ގެންނާނީ ދަތުރުފަތުރުގެ ނިޒާމަށް ކަމަށެވެ. ރަށުގައި ބަންދުވެފައި ތިބުން ނިމުމަކަށް ގެނެސް، ބޭނުންވާ ތަންތަނަށް ފަސޭހަކަމާ އެކީގައި ދަތުރު ކުރެވޭނެ ގޮތް ފަހިވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ހޯރަފުށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދީ، އެއްވެސް ބަޔަކު ބާކީނުކޮށް މަސައްކަތްތައް ކުރުމެވެ. އެގޮތުން ދޮށީ އުމުރުގެ މީހުންނަށް ލިބެން ޖެހޭ ހައްގުތައް ކަށަވަރުކޮށް، ކުޑަކުދިންގެ މުސްތަގުބަލް އާރާސްތު ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމުގެ ޔަގީންކަން ނައިބު ރައީސް ވަނީ ދެއްވައިފަ އެވެ.

ނައިބު ރައީސް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ބަލައި އެކަންކަމަށް ފޯރުކޮށްދެވެން އޮތް އެހީތެރިކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ.

ރައީސަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ނައިބު ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ރައްޔިތުންގެ އަޑު އައްސަވާނެ ބޭފުޅެކެވެ. އަދި ރާއްޖެ އަށް ތަރައްގީ ހޯދާނީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިރުއޮއްސުނު އިރު، ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ އިރުއޮއްސުނު އިރު، ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގެ ރަށެއްގައި އިފްތިތާހު ކުރި އެންމެ ބޮޑު އަދި މުހިންމު މަޝްރޫއަކީ ހޯރަފުށީގައި ގާއިމު ކުރި ސްޕީޑް ފެރީގެ ހިދުމަތް ކަމަށެވެ. އެކަމަށްޓަކައި ސަލީމް ވަނީ ރައީސް އާއި ނައިބު ރައީސަށް ޝުކުރު ދަންނަވައިފަ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައި ހަ ރަށަކަށް ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދަތުރުގެ އަގުތައް އުޅެނީ 75ރ. އިން ފެށިގެން 250ރ. އާ ދޭތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ހޯރަފުށީގައި ދިރިއުޅޭ ގިނަ މީހުން އެންމެ ގިނަ އިން ގޮސް އުޅެނީ ބޭސްފަރުވާ ކުރުމަށް ހދ. ކުޅުދުއްފުއްޓަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ކުރަން ޖެހޭ ބައެއް ކަންކަން ކުރުމަށް ހއ. އަދި ހދ. އަތޮޅުގެ ރަށްރަށަށް ދަތުރުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހޯރަފުށީގައި ދިރިއުޅޭ ބައެއް މީހުން "މިހާރު" އަށް ބުނީ ހއ. އަދި ހދ. ގެ ބައެއް ރަށްރަށަށް އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ދޭން ފެށުމަކީ ލިބުނު ލުޔެއް ކަމަށެވެ. މީގެ ކުރިން އެ ރަށްތަކަށް ދަތުރު ކުރަމުން ދިޔައީ އަގު ބޮޑުކޮށް ކަމަށް އެމީހުން ބުންޏެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ހއ. ހޯރަފުށީގައި: އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް ދެންނެވި. --- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ހއ. ހޯރަފުށީގައި: އެމަނިކުފާނު ހޯރަފުއްޓަށް ވަޑައިގަތުމުން އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް ދެންނެވި. --- ފޮޓޯ: ރައީސް އޮފީސް

"މީގެ ކުރިން ރަށަކަށް ދާން ޖެހިއްޖެ ނަމަ، 3،000ރ. ހަރަދުކޮށްގެން ލޯންޗެއް ހިފައިގެން އެރަށަކަށް ދިއުމުގެ ފުރުސަތު އޮންނާނީ،" ހޯރަފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ހޯރަފުށިން ވާހަކަ ދެއްކި އެހެން މީހަކު ބުނި ގޮތުގައި އެމްޓީސީސީން ސްޕީޑް ފެރީގެ ހިދުމަތް ފެށުމަކީ އެރަށުގައި އުޅޭ ޓީޗަރުންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ.

"ޓީޗަރުން ޓެސްޓެއް ހަދަން ކުޅުދުއްފުއްޓަށް ދާންވީމަ، އަގު ބޮޑުކޮށް ދަތުރު ކުރަނީ. ކަނޑު ގަދަވެއްޖެ ނަމަ، ލޯންޗު ދަތުރު ކުރުން ހުއްޓާލާ. ޓެސްޓަށް ހާޒިރުނުވެއްޖެ ނަމަ، ޓެސްޓުން ފެއިލްވި ކަމަށް ނިންމަނީ. މިހާރު އެ ކަން ވެސް ނިމުމަކަށް މި އައީ،" ތިންހާހަށް ވުރެ ގިނަ މީހުން އުޅޭ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ.