Roadha Mihaaru
ހޯރަފުށީގައި އެއާޕޯޓު އަޅަން ބޮޑު ބައެއް ހިއްކައިފި

ހޯރަފުށީގައި އެއާޕޯޓު އަޅަން ބޮޑު ބައެއް ހިއްކައިފި

21 ޖޫން 2019

ހއ. ހޯރަފުށީގައި އެއާޕޯޓު އަޅަން، އެ ރަށު ފަޅުތެރެއިން ބޮޑު ބައެއް ހިއްކާ ނިންމާފައިވާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން ހއ. ހޯރަފުށިން މުހައްމަދު ޔާމީން

ހއ. ހޯރަފުށީގައި އެއާޕޯޓު އަޅަން، އެ ރަށު ފަޅުތެރެއިން ބޮޑު ބައެއް ހިއްކާ ނިންމާފައިވާ ކަމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން އެއާޕޯޓު އަޅަން ފަޅުތެރެ ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. ހޯރަފުށީގައި އެއާޕޯޓެއް ހެދުމަކީ އެތައް އަހަރެއް ވަންދެން އެ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ކުރަމުން އައި ފޮނި އުންމީދެކެވެ.

ހޯރަފުށީގައި ހުންނަވައި "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޝާހު ވިދާޅުވީ ފަޅު ހިއްކުމުގެ މަސައްކަތް ކުރާ އިރު، މިހާތަނަށް 60 ޕަސަންޓު ހިއްކާފައިވާ ކަމަށެވެ. އަދި އަންނަ ޖުލައި މަހުގެ ނިޔަލަށް ބިން ހިއްކައި އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ޝާހު ވިދާޅުވި އެވެ.

"ބިން ހިއްކާ ނިމުމުން ދެން އޮންނާނީ ބިންގަނޑު ލެވެލް ކުރުމާއި ރިވެޓްމަންޓް ޖެހުމާއި އެއާޕޯޓުގެ ރަންވޭ އެޅުމުގެ އަމަލީ މަސައްކަތް ފެށުން،" ޝާހު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހއ. މާފިނޮޅުގައި އެއާޕޯޓު އެޅުމަށް ބިން ހިއްކަން އެމްޓީސީސީއާ މިދިޔަ އަހަރު ހަވާލުކުރި އެވެ. އެކަމަކު، ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު، މި ސަރުކާރުން ވަނީ މާފިނޮޅުގެ ބަދަލުގައި ހޯރަފުށި ފަޅުން ބައެއް ހިއްކައިގެން އެއާޕޯޓް އަޅަން ނިންމައިފަ އެވެ.

ހއ. ހޯރަފުށީގައި އެއާޕޯޓު އަޅަމުންދާ ސަރަހައްދު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ހއ. ހޯރަފުށީގައި އެއާޕޯޓު އަޅަމުންދާ ސަރަހައްދު ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވަނީ. --ފޮޓޯ: ރައީސް އޮފީސް

މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓު ހޯރަފުއްޓަށް ބަދަލު ކުރި އިރު، އެއީ އެއާޕޯޓް އެޅުމަށް އެންމެ ރަނގަޅު ސަރަހައްދު ނޫން ކަމަށް ހއ. އަތޮޅުގެ ބައެއް ކައުންސިލްތަކުން ވަނީ ބުނެފަ އެވެ. ހޯރަފުށީގައި އެއާޕޯޓް އަޅަން ނިންމުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ކައުންސިލްތަކުން ބުނެފައިވެ އެވެ.

އެކަމަކު، އެ ވާހަކަތައް މަޝްރޫއުގެ ކޮންޓްރެކްޓަރު ދޮގު ކުރެ އެވެ. ޝާހު ވިދާޅުވީ މިހާރު އެއާޕޯޓު އަޅާ ސަރަހައްދަކީ އެއާޕޯޓެއް އެޅުމަށް އޮތް އެންމެ ރަނގަޅު ސަރަހައްދު ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތެއް ކޮންމެ އެއާޕޯޓަަކަށް 20 މިނިޓްގެ ތެރޭގައި ދެވޭނެ ގޮތް ހެދުން. އެހެންވެ އެގޮތުގެ މަތިން ބަލާ އިރު ވެސް މިއީ ހަމަ ރަނގަޅު ސަރަހައްދެއް،" ޝާހު ވިދާޅުވި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ހޯރަފުށީގައި އެއާޕޯޓު އަޅާ ސަރަހައްދަށް ޒިޔާރަތް ކުރައްވައި އެތަނުގައި މަސައްކަތްތައް ހިނގަމުން އަންނަ ގޮތް ބައްލަވާލައްވައިފަ އެވެ. އަދި އެމަނިކުފާނު ވަނީ މަހާޖައްރާފަށް އަރައިވަޑައިގެން ބޯޓުގައި މަސައްކަތް ކުރާ ގޮތް ބައްލަވައިފަ އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ރަށު ކައުންސިލާއި ރަށުގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި އެތަންތަނުގައި ހުރި ޝަކުވާތައް ވަނީ އަޑުއައްސަވައިފަ އެވެ.