Roadha Mihaaru
"ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމެއް ނުކުރާނަން"

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމެއް ނުކުރާނަން: ކޮމިއުނިކޭޝަން މިނިސްޓްރީ

21 ޖޫން 2019

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި އައިޖީއެމްއެޗަށް ބޭނުންވާ ސޮފްޓްވެއާ ހޯދުމުގެ މަޝްވަރާތައް އަންނަނީ މިހާރު ވެސް ކުރަމުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރާ ކަމަށާއި އައިޖީއެމްއެޗަށް ބޭނުންވާ ސޮފްޓްވެއާ ހޯދުމުގެ މަޝްވަރާތައް އަންނަނީ މިހާރު ވެސް ކުރަމުން ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ބުނެފި އެވެ.

މަސައްކަތްތަކާ ހިތްހަމަޖެހިވަޑައިނުގެން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝާފިއީ ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. މަގާމުން ވަކިވެވަޑައިގަންނަވަމުން އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ލިބިފައި ނުވާތީ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އެ ކަންތަކަށް އަޅާނުލާ ނަމަ މުސާރައެއް ހޯއްދެވުމަށް މަގާމެއްގައި ހުންނަވަން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

އޭނާގެ މައިގަނޑު ކަންބޮޑުވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަވާލުކޮށްފައިވާ ސިއްހީ ދާއިރާއާ ގުޅުން ހުރި ސޮފްޓްވެއާ ޕްރޮޖެކްޓެއް، މި ސަރުކާރުން ވެސް ކުރިއަށް ގެންދަން ނިންމާފައިވުމެވެ. ޝާފިިއީ ވިދާޅުވިގޮތުގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރި އަޅަން ހަވާލުކުރި ކުންފުންޏާ އެވެ.

އެކަމާ ގުޅިގެން ކޮމިއުނިކޭޝަންގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އައިޖީއެމްއެޗަށް ސޮފްޓްވެއާއެއް ބޭނުންވާ ކަމަށާއި އެ ހޯދުމުގެ މަޝްވަރާތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިދިޔަ ހަފުތާގެ ބުދަ ދުވަހު ރައީސް އޮފީހުގައި އެކަމުގެ ދެ ވަނަ ބައްދަލުވުުމެއް ބޭއްވިއިރު، ސޮފްޓްވެއާ ހޯދުމާ ގުޅޭގޮތުން އަދި އެއްވެސް ގޮތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވި އެވެ. އަދި ކޮމިއުނިކޭޝަން މިނިސްޓްރީން ވެސް ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.

"ވަކި ބަޔަކަށް ދިނުމަށްޓަކައި ވެސް މަސައްކަތެއް ކޮށްފައިނުވާނެ. ކޮރަޕްޝަނާއި ވައްކަމާއި ފަސާދައަށް މަގުފަހިވާނެ އެއްވެސް ކަމެއް މިނިސްޓްރީއަކުން އެއްބާރުލުމެއް ނުދޭނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މިނިސްޓްރީގައި އައިޖީއެމްއެޗަށް ބޭނުންވާ ސޮފްޓްވެއާ ހެދުމުގެ ގާބިލްކަމެއް ނެތް ކަމަށެވެ. އެތަނުގައި ތިބި 12 ޑިވެލޮޕަރުންނާއެކު މިހާރު ވެސް ވަރަށް ގިނަ އިދާރާތަކުގެ ގިނަ ޕްރޮޖެކްޓުތަކެއްގެ މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ކައުންސިލްތައް އެއް ވިއުގައަކުން ގުޅާލުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ޝާފިއީއާ ހަވާލުކޮށްފައިވަނީ ޓެކްނޮލޮޖީގެ މާސްޓަ ޕްލޭން ހެދުމެވެ. މަގާމުން ވަކިވިއިރު އެ މަސައްކަތެއް ނިންމާފައެއް ނުވެ އެވެ. އަދި އޮފީހަށް ވަޑައިނުގަންނަވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް ވެ އެވެ.