Roadha Mihaaru
މަލީހު: ދެކޮޅަށް އުޅެނީ ވަކި ފެކްޝަނަކުން

މަޖިލީހުގެ ވަކި ފެކްޝަނަކުން ކުރަން އުޅޭ ކަންތައް ބޭޒާރުވާނެ: މަލީހު

28 ފެބުރުއަރީ 2021

ދޮގު އިލްޒާމެއް އަޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނަކުން ދޭން އުޅޭ އަދަބު ބޭޒާރުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދޮގު އިލްޒާމެއް އަޅުވައިގެން ރައްޔިތުންގެ މަޖިލީހުގެ ވަކި ފެކްޝަނަކުން ދޭން އުޅޭ އަދަބު ބޭޒާރުވާނެ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ތާވަލުކޮށްފައި ވަނިކޮށް، އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ވަކި ފެކްޝަނެއް ހުދުމުހުތާރުވެ، ގާނޫނުއަސާސީ ތަރިކަ މުދަލަކަށް ހަދާފައިިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ފެކްޝަނަކުން ކުރަން އުޅޭ ކަމެއް ކަމަކަށް މަލީހު ވިދާޅެއް ނުވެ އެވެ.

އެކަމަކު އޭނާ ވިދާޅުވީ އަސާސެއް ނެތް ކަމެއްގައި އޭނާގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައި، ބޭއިންސާފުން ދޭން އުޅޭ އަދަބު ބޭޒާރު ވާނެ ކަމަށެވެ. މި ސަރުކާރު ވެރިކަމަށް ގެނައުމަށް ކޯލިޝަންގެ ތެރެއިން ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަލީހު ވިދާޅުވި ގޮތުގައި، "ބޭއިންސާފުގެ މައްޗަށް އަބަދުވެސް އިންސާފު ކުރި ހޯދާނެ" އެވެ.

އިތުބާރު ނެތް މައްސަލަ ތާވަލުކުރުމުން މަލީހު ކުރެއްވި ޓުވީޓެއް

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ މަލީހު މަގާމުން ވަކިކޮށްދިނުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުށަހެޅި އެވެ. ނަމަވެސް މި ސަރުކާރުގެ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕީޖީން އޭރު ނިންމީ އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދާށެވެ. މަލީހުގެ މައްސަލައިގައި ރައީސް ގޮތެއް ނުނިންމަވަނީސް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅުއްވައިފަ އެވެ.

މަލީހާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުންގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވަނީ އިންޓަނެޓުގެ އަގާއި ސްޕީޑަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮކުރަން އެ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ނިންމައި ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެހެންވެ، މަލީހު ވިދާޅުވަމުން ގެންދަވަނީ އިންޓަނެޓުގެ އަގުހެޔޮ ކުރެވޭނީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން ސީދާ ރައީސް އޮފީހުން ގޮތެއް ނިންމުމުން ކަމަށެވެ.

ނަމަވެސް ރައީސް އޮފީހުން އެ މައްސަލައިގައި ވާހަކައެއް ނުދައްކަ އެވެ.

މަލީހުގެ އިތުރުބާރު ނެތްކަމުގެ މައްސަލަ ވެއްދީ، މިނިސްޓަރުކަމުގައި ދެ އަހަރު ވީ އިރު ވެސް، ކޮމިޔުނިކޭޝަން އޮތޯރިޓީން ހަދަން ޖެހޭ ގަވާއިދުތަކެއް ނުހެދި އޮތުމުން އެކަމަށް ބިނާކޮށެވެ. ނަމަވެސް މަލީހު ވިދާޅުވާ ގޮތުގައި ކޮމިޔުނިކޭޝަން އޮތޯރިޓީއަކީ މިނިވަން އިދާރާއެކެވެ.