Roadha Mihaaru

އަނޫގާރް ހުރީ ދީޕިކާ އިންތިޒާރުގައި

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޑައިރެކްޓަރު އަނޫރާގް ބާސޫ ހަދަން އުޅޭ ފިލްމު "އިމްލީ" ގެ ބަތަލާގެ ރޯލް ވަނީ ދީޕިކާ ޕަދްކޯން އަށް ހުށަހަޅައިފަ އެވެ.

އަނޫގާރް ހުރީ ދީޕިކާ އިންތިޒާރުގައި
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

25 ޖޫން 2019

ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޑައިރެކްޓަރު އަނޫރާގް ބާސޫ ހަދަން އުޅޭ ފިލްމު "އިމްލީ" ގެ ބަތަލާގެ ރޯލް ވަނީ ދީޕިކާ ޕަދްކޯން އަށް ހުށަހަޅައިފަ އެވެ.

ކުރިން އެ ފިލްމު ހުށަހެޅީ އަނޫރާގްގެ 2006 ގެ ފިލްމު "ގޭންގްސްޓާ" އިން ބޮލީވުޑަށް ނެރުނު ބަތަލާ ކަންގަނާ ރަނާވަތަށެވެ. އެކަމަކު މިދިޔަ އަހަރު ނޮވެމްބަރު މަހު ޝޫޓިން ފަށަން އުޅުނު ފިލްމު ކަންގަނާ ވަނީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވުމުން ދޫކޮށްލައިފަ އެވެ. އަނޫރާގް 2007 ގައި ގެނެސް ދިން އެންތޮލޮޖީ ފިލްމު "ލައިފް އިން އަ...މެޓްރޯ" ގައި ވެސް ކަންގަނާ މަސައްކަތްކޮށްފައިވެ އެވެ.

ކަންގަނާ އަށް ވަގުތު ނުވުމުން "އިމްލީ" ދީޕިކާ އަށް ހުށަހެޅިކަން އަނޫރާގް ވަނީ ބޮލީވުޑް ހަންގާމާ އަށް ކަށަވަރު ވެސް ކޮށް ދީފަ އެވެ.

"ބޯޅަ މިހާރު އޮތީ ދީޕިކާގެ ކޮޅުގައި. އަހަރެން އިންތިޒާރު މި ކުރަނީ އޭނާގެ ޖަވާބަކަށް. ފިލްމާ ދޭތެރޭ ދީޕިކާ ގޮތެއް ނިންމީ އަހަންނަށް މިހާރު އިމްލީއާ ބެހޭ ގޮތުން ވާހަކަ ދެއްކެން އޮތީ،" ބަރުފީ އާއި މާޑާ އާއި ޖައްގާ ޖާސޫސް ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު ބުންޏެވެ.

"އިމްލީ" ގެ މަސައްކަތް ކުރިން ރޭވި ގޮތަށް ނުދިއުމުން އަނޫރާގް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެހެން ފިލްމެއްގެ މަސައްކަތް ފަށައިފަ އެވެ. ނަން އިއުލާން ނުކުރާ އަދި އެންތޮލޮޖީ ފިލްމެއް ކަމަށް ބެލެވޭ އެ ފިލްމަކީ އަންނަ އަހަރުގެ ޖެނުއަރީ 24 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.

އަބީޝެކް ބައްޗަން، ފާތިމާ ސަނާ ޝެއިހް، ރާޖްކުމާރު ރާއޯ، ސާނިޔާ މަލްއުތުރާ، އަދިތިޔާ ރޯއި ކަޕޫރްގެ އިތުރުން ޕަންކަޖް ތުރިޕަތީ މުހިއްމު ރޯލްތަކުން ފެންނަ ފިލްމު ކުރިން ރިލީޒް ކުރަން އޮތީ އަންނަ ސެޕްޓެމްބަރު 6 ގަ އެވެ. މި ފލްމު ޕްރޮޑިއުސް ކުރަނީ ޓީ ސީރީޒުންނެވެ.

"އިމްލީ" ދީޕިކާ އަށް ހުށަހަޅާފައިވާ އިރު، މި ވަގުތު އޭނާ ސޮއިކޮށްފައި އޮތް ފިލްމަކީ ފިރިމީހާ ރަންވީރު ސިންގް ބަތަލުގެ ރޯލް ކުޅޭ ޑައިރެކްޓަރު ކަބީރު ހާންގެ "83" އެވެ. އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ އެޕްރީލް 10 ގަ އެވެ.

އަދި ދީޕިކާ ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ މެގްނާ ގުލްޒާރުގެ ފިލްމު "ޗަޕާކް" ގެ ޝޫޓިން ވެސް މި މަހުގެ ކުރީކޮޅު ވަނީ ނިންމާލައިފަ އެވެ. އެ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖެނުއަރީ 10 ގަ އެވެ.