Roadha Mihaaru
އިމްރާން ބޭނުމީ ކެޓްރީނާ އާއި ދީޕިކާއާ އެކު ފިލްމެއް

އިމްރާން ބޭނުމީ ކެޓްރީނާ އާއި ދީޕިކާއާ އެކު ފިލްމެއް

26 އޯގަސްޓް 2021

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މިހާރު އެކީގައި ފިލްމުތަކެއް ކުޅެން އެންމެ ބޭނުންވާ ދެ ބަތަލާއިންނަކީ ދީޕިކާ ޕަދްކޯން އާއި ކެޓްރީނާ ކައިފް ކަމަށް އެކްޓަރު އިމްރާން ހާޝިމީ ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މިހާރު އެކީގައި ފިލްމުތަކެއް ކުޅެން އެންމެ ބޭނުންވާ ދެ ބަތަލާއިންނަކީ ދީޕިކާ ޕަދްކޯން އާއި ކެޓްރީނާ ކައިފް ކަމަށް އެކްޓަރު އިމްރާން ހާޝިމީ ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެ ދެ ތަރިން ވަރަށް ކަމަށް ކަމުދާ ކަމަށާއި ކޮންމެވެސް ދުވަހަކުން އެ މީހުންނާ އެކު ފިލްމުތަކެއްގައި ލޯބީގެ ރޯލުތަކެއް ކުޅެން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. ލޯބީގެ ރޯލެއް ކުޅެން ނުލިބުނަސް، ކެޓްރީނާގެ ޓައިގާ 3" ގައި މަސައްކަތްކުރަން އިމްރާނަށް މިހާރު އޮތީ ފުރުސަތު ލިބިފަ އެވެ.

ސަލްމާން ޚާން ބަތަލުގެ ރޯލު ކުޅޭ އެ ފިލްމުގައި އިމްރާނަކީ އޭގެ މައި ވިލަން އެވެ. "ޓައިގާ 3" އަކީ ސަލްމާނާއި ކެޓްރީނާގެ ފިލްމެއްގައި އިމްރާން މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.

އިމްރާނަކީ ބޮލީވުޑްގެ މަގުބޫލު އެކްޓަރަކަށް ވިޔަސް ކެރިއަރުގައި މިހާތަނަށް އަދި އެންމެ ނަގާކިޔާ، އެންމެ މަޝްހޫރު ތަރިންނާ އެކު ފިލްމުތަކެއް ކުޅެން ފުރުސަތެއް ނުލިބި އެވެ. އިމްރާނާ އެކު މިހާތަނަށް ފިލްމު ކުޅުނު އެންމެ މަޝްހޫރު ބަތަލާއިންނަކީ ވިދިޔާ ބާލަން އާއި ކަންގަނާ ރަނާވަތުގެ އިތުރުން ކުރީގެ ބަތަލާ ބިޕާޝާ ބާސޫ އެވެ.

ކަންގަނާ ބޮލީވުޑަށް 2006 ގައި ނުކުތީ އިމްރާނާ އެކު ކުޅުނު "ގޭންގްސްޓާ" އިންނެވެ. އޭގެ ފަހުން 2009 ގެ "ރާޒް: ދަ މިސްޓްރީ ކޮންޓިނިއުޒް" ގައި ވެސް އެކީގައި މަސައްކަތްކުރި އެވެ. ވިދިޔާއާ އެކު އިމްރާން ކުޅުނު ފިލްމުތަކަކީ ދަ ޑާޓީ ޕިކްޗާ (2011) އާއި ގަންޗައްކަރު (2013) ގެ އިތުރުން ހަމާރީ އަދޫރީ ކަހާނީ (2015) އެވެ. ބިޕާޝާއާ އެކު އިމްރާން ކުޅުނު ފިލްމަކީ ރާޒް 3 (2012) އެވެ.

މީގެ ކުރިން ކަރީނާ ކަޕޫރާ އެކު ފިލްމެއް ކުޅެން އިމްރާނަށް ލިބުނެވެ. އެއީ އެކްތާ ޕްރޮޑިއުސްކުރާ ގޮތަށް 2014 ހިސާބުގައި އިއުލާންކުރި "ބައްތަމީޒް ދިލް" އެވެ. އެކަމަކު ފަހުން އޭގެ އެއްވެސް ޚަބަރެއްދަބަރެއް ނުވެ އެވެ.

މި މަހުގެ 27 ގައި ރިލީޒްކުރާ އިމްރާން، 42، ގެ އެންމެ ފަހުގެ ފިލްމު "ޗެހެރޭ" ގައި އޭނާގެ ބަތަލާ އަކީ ބޮލީވުޑަށް ތައާރަފުކުރާ ޓީވީ ބަތަލާ ކްރިސްޓަލް ޑީ ސޫޒާ އެވެ. އޭނާ އަކީ ސްޓާ ޕްލަސްގެ "އޭކް ހަޒާރޯ މޭ މޭރީ ބެހެނާ ހޭ" އިން ވިދި ބަތަލާ އެވެ.