Roadha Mihaaru
މާލިއްޔަތު ގަވާއިދު: އަދިވެސް ކޮރަޕްޝަނަށް އޮތް މަގެއް

މާލިއްޔަތު ގަވާއިދު: އަދިވެސް ކޮރަޕްޝަނަށް އޮތް މަގެއް!

24 ޖޫން 2019

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅެން ވައުދުވި ނަމަވެސް މާލިއްޔަތު ގާނޫނަށް 2015 ގައި ގެނައި އިސްލާހާ އެކު އަދިވެސް އޮތީ ކޮރަޕްޝަނަށް ފުރުސަތު ހުޅުވިފަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅެން ވައުދުވި ނަމަވެސް މާލިއްޔަތު ގާނޫނަށް 2015 ގައި ގެނައި އިސްލާހާ އެކު އަދިވެސް އޮތީ ކޮރަޕްޝަނަށް ފުރުސަތު ހުޅުވިފަ އެވެ.

ކުރީގެ ސަރުކާރުން 2015 ގައި މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނައީ، މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރެއްވި ގޮތުގައި، ކޮރަޕްޝަނަށް މަގުފަހިކުރާށެވެ. ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް މިދިޔަ ސަރުކާރުގައި އެތައް މިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން (އޭސީސީީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި ސަރުކާރުގައި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ގެންގުޅޭ އިރު މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ދޮރު ހުޅުވިފައި އޮޮތުމަކީ އޭސީސީގެ ވެސް ކަންބޮޑުވުމެކެވެ.

މާލިއްޔަތު ގަވާއިދު ކުރިން އޮތީ ދައުލަތަށް ތަކެއްޗާއި ހިދުމަތް ހޯދުމަށް ހަވާލުވެ ހުރި ފަރާތްތަކަށް އެ މަސައްކަތްތަކުގެ ތެރެއިން ނާޖާއިޒު ފައިދާ ނުހޯދޭނެ ގޮތަށެވެ. އެގޮތުން، 35،000ރ. އަށް ވުރެ ބޮޑު މަސައްކަތެއް ކުރާ ނަމަ ބަޔަކު ހޯދަން ޖެހެނީ އާއްމުކޮށް އިއުލާންކޮށްގެން ވާދަވެރި މާހައުލެއްގެ ތެރެއިންނެވެ. ކިތަންމެ ބޮޑު މަޝްރޫއަކަށް އަމަލުކުރަމުން އައީ މި އުސޫލަށެވެ.

އެހެންކަމުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް، މަޝްރުއޫތައް ހަވާލުކުރަން ޖެހެނީ ދައުލަތަށް އެންމެ ފައިދާ ބޮޑު އަގެއް ހުށަހަޅާ ބަޔަކާ އެވެ.

މިގޮތަށް މި މާއްދާ އޮތުމުން، ދައުލަތުގެ ނުފޫޒު ފަދަ މަގާމްތަކުގައި ތިބޭ ފަރާތްތަކުން ބޭނުން ގޮތަކަށް އަމަލުކުރަން ހުރަހަކަށް ވެ އެވެ.

އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި: މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު އުވާލަން އޭސީސީން ކަމާބެހޭ އިދާރާތަކަށް ހުށަހެޅި ނަމަވެސް އެއަށް އަމަލެއް ނުކުރޭ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އޭސީސީގެ މެމްބަރުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި: މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހު އުވާލަން އޭސީސީން ކަމާބެހޭ އިދާރާތަކަށް ހުށަހެޅި ނަމަވެސް އެއަށް އަމަލެއް ނުކުރޭ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ކުރީގެ ސަރުކާރުގައި، މެއި، 28، 2015 ގައި މާލިއްޔަތު ގަވާއިދުގެ މި މާއްދާ އަށް އިސްލާހު ގެނައި އެއް ބޭނުމަކީ އޭރު ތުހުމަތު ކުރި ގޮތުގައި މަޝްރޫއުތަކުން "ބޮޑެތި ކަޓު" ނެގުމެވެ.

އެ އިސްލާހުގައި ވަނީ، ސަރުކާރުން ކަނޑައަޅާ ބިޔަ މަޝްރޫއުތައް ބިޑްކުރުމަކާ ނުލައި އަދި ޓެންޑަ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ އިގްތިސާދީ ކަންކަމާ ބެހޭ ކައުންސިލުން ކަނޑައަޅާ ފަރާތްތަކަށް ހަވާލުކުރެވިދާނެ ކަމަށެވެ. ވާދަވެރި ބީލަމުގެ އުސޫލް ނައްތާލައި ބިޑްކުރުމެއް ނެތި ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތް ދެ ބިލިއަން ރުފިޔާ އަށް ސިންގަޕޫރުގެ ޗެންހުއާ ހަވާލު ކުރުމާއި ނަސަންދުރަ ބިން 50 އަހަރަށް ކުއްޔަށް ދިނުން ހިމެނެ އެވެ.

މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހާ އެކު، ދައުލަތުގެ އިދާރާތަކުން ހިންގި މަޝްރޫއުތައް ބަދަލުކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. ނަތީޖާ އަކީ ކޮރަޕްޝަންގެ ހާލިތަކަކަށް ކުންފުނިތައް ބަދަލުވުމެވެ.

އޭސީސީގެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު މިދިޔަ ހަފުތާގައި ވިދާޅުވީ ކުރީގެ ސަރުކާރުގައި ކުންފުނިތަކުން ހިންގި އެކި މަޝްރޫއުތަކާ ގުޅޭ 200 މައްސަލަ އެ ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. އޭގެތެރޭގައި ފެނަކަ އާއި ޕީއެސްއެމާއި އެފްއެސްއެމް ފަދަ ކުންފުނިތަކުގެ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވި ގޮތުގައި އެ ކޮމިޝަނުން ތަހުގީގުކުރި މިނިވަން 50 ގެ ޖާފަތުގެ މައްސަލަ އާއި ފެނަކަ އާއި ސްޓެލްކޯ އާއި އެމްޕީއެލް އަށް ޑޮލަރު ގަތް މައްސަލަ އާއި އެމްއާރްޑީސީ އަށް ސިމެންތި ގަތް މައްސަލަ އާއި ވެމްކޯ އަށް ލޭންޑިން ކްރާފްޓެއް ގަތް މައްސަލަ އާއި ފެނަކަ އަށް ޑީސަލް ގަތް މައްސަލަތަކުން ފައިސާގެ ބޮޑެތި އަދަދުތަކުގެ ޚިޔާނާތް ފާހަގަވި އެވެ.

މިއީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އޭސީސީން ބެލި އެންމެ ބޮޑެތި ފައިސާގެ އަދަދުތައް ހިމެނޭ މައްސަލަތައް ކަމަށް ވެސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި ކުންފުނިތަކުން ހިންގި މަޝްރޫއުތައް ގިނަ ފަހަރަށް ހަވާލުކޮށްފައި ހުރީ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރަކަށް ނުވަތަ ދައުލަތުގެ ނުފޫޒު ގަދަ ކޮންމެވެސް ބޭފުޅެއްގެ ހިއްސާ އޮންނަ ކުންފުނިތަކާ އެވެ.

"މާލިއްޔަތު ގަވާއިދަށް ގެނައި އިސްލާހަކީ އެންމެ ކުރިން ވެސް އޭސީސީގެ ވަރަށް ބޮޑު ކަންބޮޑުވުމެއް. އެ ބަދަލަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަކަށް ވާތީ، އެ އިސްލާހު ރުޖޫއުކޮށްދޭން ފިނޭންސް މިނިސްޓްރީ އަށާއި ރައީސް އޮފީހަށް ހުށަހެޅިން،" މުއައްވިޒް ވިދާޅުވި އެވެ.

އެކަމަކު އޭސީސީގެ އެންގުންތަކަށް އޭރު އެއްވެސް މުއައްސަސާއަކުން އަޅައެއް ނުލި އެވެ.

މުއައްވިޒް ވިދާޅުވީ މި ސަރުކާރުގައި އިކޮނޮމިކް ކައުންސިލުން މަޝްރޫއުތައް ހަވާލުކުރާނެ އުސޫލް އޮތީ ކުރިއަށް ވުރެ ހަރުދަނާކޮށްފައި ކަން އޭސީސީ އަށް ފާހަގަކުރެވޭ ކަމަށެވެ.

"އެކަމަކު އަދިވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ގަބޫލުކުރާ ގޮތުގައި އެ މާއްދާ އެގޮތަށް އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމެއް ކަމަށް ދެކެނީ. އެ މާއްދާގެ ބޭނުންކޮށްގެން ބިޑަކާ ނުލައި ދައުލަތުގެ ކުންފުނިތަކުން ބޭނުން ބަޔަކާ މަޝްރޫއުތައް ހަވާލުކުރުމުގެ ފުރުސަތު އޮންނާނެ،" މުއައްވިޒް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހިންގި ބޮޑެތި ޚިޔާނާތްތަކާ އެކު މި ސަރުކާރުން ރައްޔިތުންނަށް ވީ އެންމެ މުހިއްމު ވައުދަކީ ވައްކަމާއި ހިޔާނާތަށް ފުރުސަތެއް ނުދިނުމެވެ. އެހެން ކަމަށް ވާ ނަމަ، މާލިއްޔަތު ގަވާއިދުން ކޮރަޕްޝަނަށް ހުޅުވިފައި އޮތް ދޮރު ވެސް ބަންދުކުރަން ޖެހެ އެވެ.