Roadha Mihaaru
މީހުން ތަމްރީންކުރުމުގެ ފެންވަރު ކަށަވަރުކުރަން ފަށަނީ

މީހުން ތަމްރީނުކުރާ ހަ ދާއިރާއެއްގެ ފެންވަރު ކަށަވަރުކުރަން ކައުންސިލްތަކެއް

15 ޖުލައި 2019

ރާއްޖޭގެ އެކި ދާއިރާތަކަށް މީހުން ތަމްރީނުކުރަން ބޭނުންވާ މައިގަނޑު ހަ ދާއިރާއެއްގެ ފެންވަރު ކަށަވަރުކުރަން ކައުންސިލްތަކެއް އުފައްދަން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގެ އެކި ދާއިރާތަކަށް މީހުން ތަމްރީނުކުރަން ބޭނުންވާ މައިގަނޑު ހަ ދާއިރާއެއްގެ ފެންވަރު ކަށަވަރުކުރަން ކައުންސިލްތަކެއް އުފައްދަން ނިންމައިފި އެވެ.

ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ޓިވެޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓާ އަލީ ރިޔާޒު ވިދާޅުވީ މިއަދު ފާހަގަކުރަމުން އަންނަ "ވޯލްޑް ސްކިލްސް ޑޭ" އާ ގުޅުވައިގެން ލޯންޗުކުރާ ކައުންސިލްގެ މަސައްކަތްތަކަކީ، އެ ތަމްރީނުތައް ދޭނެ ފެންވަރާ މެދު ގޮތް ނިންމުން ކަމަށެވެ.

އެމްޕްލޮއިމަންޓް ސެކްޓާ ކައުންސިލް ހިމެނޭ ދާއިރާތައް

1) އިޖުތިމާއީ ދާއިރާ

2) ދަތުރުފަތުރުގެ ދާއިރާ

3) ފަތުރުވެރިކަމުގެ ދާއިރާ

4) މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ

5) އިމާރާތްކުރުމުގެ ދާއިރާ

6) އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާ

ރިޔާޒު ވިދާޅުވީ އެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާނީ ދާއިރާގެ ތަޖުރިބާކާރުންކަމަށެވެ. ކައުންސިލް ލޯންޗުކޮށް އެއަށް މެމްބަރުން އައްޔަންކުރުމަށް ފަހު ތަމްރީނާއި ޓްރެއިނިން ޕްރޮގްރާމްތަކުގެ ފެންވަރު އެކުލަވާލާނީ އެ ކައުންސިލުންނެވެ.

މީގެ ކުރިން ވޮކޭޝަނަލް ތަމްރީނުތަކާއި ޓްރެއިނިންތަކަކީ މާބޮޑު ސަމާލުކަމެއް ދިން ދާއިރާތަކެއް ނޫނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ދާއިރާތަކަށް ހާއްސަ ސަމާލުކަމެއް ދީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިއީ ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ ސްކިލްސް ޑޭ އެވެ. އދ. ގެ ގަރާރަކުން 2014 ވަނަ އަހަރުން ފެށިގެން އެހެން ގައުމުތަކުން އަންނަނީ ސްކިލްސް ޑޭ ފާހަގަކުރަމުންނެވެ.

ޓިވެޓް އޮތޯރިޓީން ވަނީ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވެސް ކުރިއަށްގެންދަން ނިންމައިފަ އެވެ. އޭގެ އިިތުރުން ހުރިހާ ސްކޫލެއްގައި ވެސް ވަކި މަސައްކަތަކުން ފާހަގަކޮށްލެވޭ މީހެއްގެ ތަޖުރިބާ ދަރިވަރުންނަށް ހިއްސާކުރުން މިއަދު އޮތެެވެ.