Roadha Mihaaru
ހިލަތައް އުކާލައި ބޯޓު ފުންކުރަން އަމާޒު ހިފައިފި

ބޯޓުގައި ހުރި ދެބައިކުޅަ އެއްބައި ހިލަ ފަރުމައްޗަށް، ބޯޓު ފުން ކުރަން ހިފަނީ

08 ސެޕްޓެމްބަރ 2016

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ލުއި ކުރަން ބޯޓުގައި ހުރި ގާތްނޑަކަށް 2000 އަށްވުރެ ގިނަ ޓަނުގެ ހިލަ (2000 ޖަމްބޯ ބޭގް) މޫދަށް އުކާލައި، ބޯޓު ފުން ކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފުވައްމުލަކު ހުޅަނގު ފަރާތު ފަރަށް އެރި ވިއެޓްނާމްގެ އާގު ބޯޓު ލުއި ކުރަން ބޯޓުގައި ހުރި ގާތްނޑަކަށް 2000 އަށްވުރެ ގިނަ ޓަނުގެ ހިލަ (2000 ޖަމްބޯ ބޭގް) މޫދަށް އުކާލައި، ބޯޓު ފުން ކުރުމަށް ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފި އެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާ ނިޒާމަށް ބޭނުންވާ މުދާ ހިފައިިގެން އެރަށަށް ދިޔަ "އެމްވީ އެންޖީއޯސީ ސަން"، ފުން ކުރުމުގެ މަސައްކަތުގައި ބައިވެރިވާ އިސް މީހަކު މިއަދު ބުނީ ބޯޓުގައި ހުރި ހާހެއްހާ ޓަނުގެ ހިލަ (1000 ޖަމްބޯ ބޭގް) މިއަދު އުކާލާނެ ކަމަށެވެ.

ފުވައްމުލަކު ފަރަށް އެރި ބޯޓު. މި ބޯޓު ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ފަރަށް އެރި ބޯޓު. މި ބޯޓު ފުން ކުރުމުގެ މަސައްކަތް ދަނީ ކުރަމުން. - ފޮޓޯ: އެމްއެންޑީއެފް

މީގެ އިތުރުން ބޯޓު އެކަށީގެންވާ ވަރަށް ލުއި ވުމުން ޓަގް ބޭނުންކޮށްގެން ބޯޓުގައި ހިފައި، ބޯޓު ފުން ކުރުމުގެ އަމަލީ މަސައްކަތް މިރޭ ދަންވަރު ފަށާނެ ކަމަށް އޭނާ ބުންޏެވެ.

"މިރޭ ދަންވަރުގެ ވަގުތެއްގައި ބޯޓު ފުން ކުރަން ހިފާނެ ކަމަށް ބެލެވެނީ، ދިޔަވަރު ބޮޑުވާ ގަޑީގައި ބޯޓު ފުން ކުރުމުގެ ވިސްނުން ހުރީ،" އެ މީހާ ބުންޏެވެ.

"ގާތްގަނޑަކަށް 3000 ޓަނުގެ ހިލަ (ޖަމްބޯ ބޭގް) މޫދަށް އުކާލާނެ. އެ މަސައްކަތް ނިމުމުން ހިފާނީ،"

ދިގުމިނުގައި 102.79 މީޓަރު، ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓުގައި 5700 ބޭގްގެ ހިލަ އާއި ހިލަވެލި ހުރި ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅެނީ ސިންގަޕޫރުގެ ސެލްވޭޖް ކުންފުންޏެވެ.

ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކުރަަން ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެ އަށް މުދާ ބަރުކޮށްގެން މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުވައްމުލަކަށް މުދާ ބާލަން އުޅެނިކޮށެވެ. ބޯޓު ފުން ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން ދިން 15 ދުވަހުގެ މުއްދަތުގައި އެކަން ނުވެގެން އަލުން ވަނީ 15 ދުުވަހަށް މުއްދަތު އިތުރުކޮށްދީފަ އެވެ.

ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ހާއްސަ ޕޮއިންޓެއް އޮންނަ ދިމާލެއް ކަމަށްވެ އެވެ. ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.

ފަރަށް އެރި ބޯޓު ޖޫރިމަނާ ކުރެވޭ އަދަދު ކަނޑައެޅޭނީ ބޯޓު ފުން ކުރުމުން، ފަރަށް ލިބުނު ގެއްލުމާ ގުޅޭ ރިޕޯޓު ތައްޔާރު ކުރުމުންނެވެ. އާންމު ގޮތެއްގައި ފަރަށް އަރާ ބޯޓުތައް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބޮޑު އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އީޕީއޭ އިން ބޯޓުގައި ހުރި ހިލަތައް އުކާލަން ހުއްދަ ދިނީ ބޯޓު ފުން ކުރެވޭނެ އިތުރު ގޮތެއް ނެތިގެންނެވެ.